ސްޓެލްކޯގެ "އަވިކަތަ" ސްކީމް ނައިބު ރައީސް ފައިސަލް ނަސީމް އިފްތިތާހުކޮށްދެއްވައިފިއެވެ.
ނައިބު ރައީސް އަވިކަތް ސްކީމް އިފްތިތާހުކޮށްދެއްވީ ސްޓެލްކޯއަށް 25 އަހަރު ފުރުން ފާހަގަކުރަން ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައެވެ.
އަވިކަތަ ސްކީމަކީ ސޯލާޕެނަލް ހަރުކުރަން ގޭގެ ފުރާޅު ސްޓެލްކޯއަށް ކުއްޔަށްދީގެން އާމްދަނީ ހޯދުމުގެ ފުރުސަތު ލިބޭ ސްކީމަކެވެ.
އަވިކަތަ ސްކީމް މެދުވެރިކޮށް އާމުދަނީ ހޯދުމުގެ ފުރުސަތު ޖުލައި މަހުން ފެށިގެން ހުޅުވައިލާނެއެވެ. އެ ސްކީމުގައި ބައިވެރިވުމަށް ފުރިހަމަވާން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ގޭގެ ވެރިފަރާތުގެ ހުއްދަ އޮތުމާއި، ފުރާޅުގައި މަދުވެގެން 100 އަކަފޫޓު ހުރުމާއި ފުރާޅަށް ފަސޭހައިން އަވި ލިބުން އަދި ފުރާޅުގައި 150 ކިލޯގެ ބަރުދަން އުފުލާނެ ވަރު ހުރުން ހިމެނެއެވެ.
އެ ސްކީމްގެ ސަބަބުން ފައިސާ ލިބުމުގެ އިތުރުން ފަސޭހައިން ކުލި ލިބުމާއި، ސޯލާ ޕެނަލް ހަރުކޮށް މަރާމާތުކުރުމަށް ހަރަދުކުރާކަށް ނުޖެހޭނެއެވެ. އަދި މިއީ އެކަމުގެ ސަބަބުން ތިމާވެއްޓަށް އެތައް ފައިދާއެއް ކުރާ ތިމާވެއްޓާ ރަހުމަތްތެރި ސްކީމެއް ކަމަށް ސްޓެލްކޯއިން ބުނެއެވެ.
އަވިކަތަ ސްކީމުގައި ބައިވެރިވާން އެދޭ މީހުން [email protected] އަށް އީމެއިލް ކޮށްގެން ފޯމު ހުށަހެޅުމުގެ ފުރުސަތު ސްޓެލްކޯއިން ވަނީ މިހާރު ވަނީ ހުޅުވާލައިފައެވެ.
ސްޓެލްކޯއިން ބުނީ، އަވިކަތަ ސްކީމުގައި ބައިވެރިވާން އެދި ފޯމު ހުށަހަޅާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ހުށަހެޅުންތައް ބެލުމަށްފަހު ސްޓެލްކޯއިން ލޮކޭޝަން ދިރާސާކުރާނެ ކަމަށެވެ އަދި އެމީހެއްގެ ހުށަހެޅުން ބަލައިގަންނަ ނަމަ އެ މީހަކާ ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރާނެއެވެ. އެއަށްފަހު ސްޓެލްކޯއިން ކުރިއަށް ގެންދާނީ ސޯލާޕެނަލް ހަރުކުރުމުގެ މަސައްކަތް ކަމަށެވެ.