ވޮލީ ބޯލް

ސީދާ ތިން ސެޓުން ގުޑީސް ބަލިކޮށް، ސިފައިން ޕްލޭއޮފަށް

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިހާރު ކުރިއަށްދާ ވީއޭއެމް އެސޯސިއޭޝަން ކަޕުގެ ލީގު ބުރުގެ ފަހު މެޗުގައި މިރޭ ތިން ސެޓުން ގުޑީސް ސްޕޯޓްސް ކްލަބުގެ މައްޗަށް ކުރި ހޯދައި، އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބުން ޕްލޭއޮފުން ފުރުސަތު ހޯދައިފިއެވެ.

ލީގު ބުރުގެ ފަހު މެޗު މިރޭ ކުޅެފައިވާ އިރު، މިރޭގެ ނަތީޖާއާއެކު ޕްލޭއޮފްގައި ކުޅޭނީ ސިފައިންނާއި ކްލަބު ވެމްކޯއެވެ. ފަސް ސެޓަށް ނުގޮސް ގުޑީސް އަތުން މިރޭ ސިފައިން ބަލިވިނަމަ ޕްލޭއޮފްގެ ޖާގަ ލިބެން އޮތީ ޕޮލިހަށެވެ. އެކަމަކު، ސިފައިން މޮޅުވުމުން، ޕޮލިސް ކަޓައި، ސިފައިންނަށް ވަނީ ޕްލޭއޮފްގެ ޖާގަ ލިބިފައެވެ.

މި ފަހަރުގެ އެސޯސިއޭޝަން ކަޕްގެ ފޯމެޓް ރޭވިފައިވާ ގޮތުން ލީގު ބުރުގެ އެއްވަނަ ހޯދާ ޓީމެއް ދާނީ ސީދާ ފައިނަލަށެވެ. ދެވަނަ އާއި ތިންވަނަ ޓީމު ޕްލޭއޮފް ކުޅޭއިރު، މޮޅުވާ ޓީމަކަށް ފައިނަލުގެ އަނެއް ޖާގަ ލިބޭނެއެވެ. އެއްވަނަ އާއެކު އެއްކޮޅުން ފައިނަލަށް ގޮސްފައި ވަނީ ސްޕޯޓްސް ކްލަބު ސިޓީއެވެ.

ޕްލޭއޮފްގައި ސިފައިންނާއި ވެމްކޯ ކުޅޭ މެޗު އޮންނާނީ އަންގާރަ ދުވަހުގެ ރޭއެވެ. ޕްލޭއޮފުން މޮޅުވާ ޓީމަކާއި ސިޓީ ކުޅޭ ފައިނަލް މެޗު އޮތީ ބުރާސްފަތި ދުވަހުގެރޭއެވެ.

މިރޭ ކުޅުނު މެޗުގެ ސެޓުތައް ސިފައިން ގެންދިޔައީ 25-22، 25-23 އަދި 25-22 އިންނެވެ.

މެޗުގައި ސިފައިންގެ ޓީމުގެ ބިދޭސީ ތިން ކުޅުންތެރިން ކަމަށްވާ، ޝޯން ޓީ ޖޯން އާއި މަނޫ ޖޯސެފް އަދި ކާތިކްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިފައިވާ އިރު، ސިފައިންގެ ކެޕްޓަން، ހުސެއިން ޝާހިދު (ޝާޑު) އާއި އާދަމް ނަސީމް (އެޑަމް) ވެސް ރަނގަޅު ވަގުތުތަކުގައި ޕޮއިންޓް ހޯދުމުގައި ތަފާތު ދެއްކިއެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު އެސޯސިއޭޝަން ކަޕް ބޭއްވި އިރު، އެ ފަހަރުގެ ޗެމްޕިއަންކަން ހޯދި ސިފައިން، މި ފަހަރުގެ މުބާރާތް ފެށީ ދަށް ކޮށް ނަމަވެސް އެ ޓީމު ވަނީ މެޗަކަށްފަހު މެޗެއް ފޯމު ރަނގަޅުކޮށް، ތަށި ދިފާއުކުރުމުގެ ހިތްވަރު ދައްކައިފައެވެ.

ފުރަތަމަ ދެ މެޗުން ބަލިވުމުން މޮޅުވާން މަޖުބޫރު މެޗަކަށް ނުކުމެ، ސިފައިން ވަނީ ސީދާ ތިން ސެޓުން ކްލަބް ވެމްކޯ ބަލިކޮށްފައެވެ. އޭގެ ފަހުން އޮއްފު އެފްސީ އާއި ގުޑީސް އަތުން މޮޅުވެ، ޕްލޭއޮފްގެ ޖާގަ ސިފައިން މި ހޯދީ ޖެހިޖެހިގެން ތިން މޮޅު ހޯދައިގެންނެވެ.