ސްޓެލްކޯގެ މުވައްޒަފުންނަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓުތަކުގައި އަންނަ މަހު މީހުން ދިރިއުޅެން ފެށޭނެ ކަމަށާއި ކުލި ނަގަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހު ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއަށް 25 އަހަރުން ފުރުން ފާހަގަކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ޝަރީފު ވިދާޅުވީ މިހާރު އެ ކުންފުނީގެ މެނޭޖުމެންޓުގައި ތިއްބެވީ މުވައްޒަފުންނާ އެކުވެރި އަދި މުވައްޒަފުންގެ މަސްލަހަތާއި ލާބަޔާއި މަންފާއަށްޓަކައި މަސައްކަތްކުރާ ފަރާތްތަކެއް ކަމަށެވެ.
ޝަރީފް ވިދާޅުވީ ހުޅުމާލެ ފޭސް ދޭއްގައި އެ ކުންފުނިން އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ރާވާފައިވާ ޕްލޭނާ އެއްގޮތަށް ކުރިއަށް ގެންދެވިއްޖެނަމަ، އަންނަ ޖުލައި މަހުގެ ފަހު ހަފުތާގައި އެ ފުލެޓުތަކުގައި މީހުން ދިރިއުޅެން ފެށޭނެ ކަމަށެވެ.
ޝަރީފު ވިދާޅުވީ ހައުސިން ޔުނިޓުތަކުގެ މަސައްކަތް މިހާރު ވެސް ދަނީ ޕްލޭނާ އެއްގޮތަށް ކަމަށެވެ. އަދި ވިދާޅުވީ ފުލެޓު ލިބިފައިވާ މުވައްޒަފުން އެތަނަށް ކުލި ދައްކަން ފަށަން ޖެހޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކަމަށެވެ. އަދި ގްރޭސްޕީރިއަޑެއް ނުދީ މުވައްޒަފުން ފުލެޓުތަކަށް ފައިސާ ދައްކަން އެ ކުންފުނިން ބޭނުންނުވާ ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާމުން ޖުލައި މަހުގެ ފަހު ހަފުތާ ތެރޭގައި އަޅުގަނޑުމެންގެ ސްޓާފުންނަށް އެފުލެޓުތަކަށް ވަދެވޭނެ. މެނޭޖުމެންޓުން ސްޓާފުންނަށް ލުއި ހޯދައި ދިނުމުގެ ގޮތުން ތިބޭފުޅުންނަށް ފުލެޓުތަކަށް ވަނުމަށްޓަކާއި އަޅުގަނޑުމެން ގްރޭސް ޕީރިއަޑެއް އެބަދެން. އޭގެ މާނައަކީ ޖެނުއަރީ އެކަކުން ފެށިގެން އެތަނުގެ ކުލި އަޅުގަނޑުމެން ކުންފުންޏަށް ނަގަން ފަށާނީ،" ޝަރީފު ވިދާޅުވިއެވެ.
ސްޓެލްކޯގެ ފުލެޓުތަކުގެ މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާ އިރު، އެ ފުލެޓުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް މިހާރު ސްޓެލްކޯއިން ވަނީ ފަށައިފައެވެ.
ސްޓެލްކޯގެ ފުލެޓުތަކުގައި އެކުންފުނީގެ އަމިއްލަ ހަރަދުގައި ކަރަންޓުލުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ނިންމާފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ބޭއްވި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާގައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކުރަން ފެށި ސްޓެލްކޯގެ ފްލެޓްތަކުގެ ދެ ޓަވަރުގައި 360 ފްލެޓް ހަދާފައިވާ އިރު، އެތަނުގެ 95 ޕަސެންޓް މަސައްކަތް ވަނީ ނިމިފައެވެ.
ސްޓެލްކޯގެ ފްލެޓްތަކުގެ ހިމެނެނީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ (1+2) 288 އެޕާޓްމަންޓްތަކެކެވެ.