ޚަބަރު

ޕްރޮމޯޝަނާއި އާ އެލަވަންސް ދިނުން މަޑުޖައްސާލައި، ހަރަދު ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް އަޅައިފި

މުހައްމަދު އިޝާން

2

ސަރުކާރު އޮފީސްތަކުން އާ މަގާމް އުފެއްދުމާއި ޕްރޮމޯޝަން ދިނުން ފަދަ ކަންކަން މަޑުޖައްސާލަން ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއިކުރައްވައި މިއަދު ދައުލަތުގެ އޮފީސްތަކަށް ފޮނުވި "މާލިއްޔަތާ ބެހޭ ސާކިއުލާ" އެއްގައި ބުނެފައިވަނީ ތެލާއި އެހެން ބައެއް ބާވަތްތަކުގެ އަގުތައް މައްޗަށް ދާތީ މިވަގުތު ރާއްޖެއިން ވެސް ހަރަދުތައް ކުޑަކުރަން ޖެހޭ ކަމަށެވެ. އަދި ތަކެތީގެ އަގުތައް އަންދާޒާކުރި ވަރަށް ވުރެ ބޮޑުތަނުން އިތުރުވެފައިވާ ކަމަށާއި ހަރަދު ބޮޑުވުމުގެ ސަބަބުން ރިކަރެންޓް ހަރަދަށް ކުރަން ޖެހޭ އަދަދު އިތުރުވެ ބަޖެޓައް ބުރަބޮޑުވަމުންދާ ކަމަށް ސާކިއުލާގައިވެއެވެ.

"ދުނިޔޭގެ ބާޒާރުގައި އިންޓްރެސްޓް ރޭޓު އުފުލެމުންދާ ދަނޑިވަޅެއްގައި ހަރަދުތައް އިތުރަށް ކޮންޓްރޯލް ނުކޮށް ޑެފިސިޓް އިތުރުވެގެންދާ ނަމަ މި ޑެފިސިޓް ފައިނޭންސް ކުރުމަށް ވެސް ދައުލަތުގެ ބަޖެޓުން އިތުރު ބުރައެއް އުފުލަން ޖެހޭނެ އެވެ،" ސާކިއުލާގައިވެއެވެ.

މި ދަނޑިވަޅުގައި ރިކަރަންޓު ހަރަދަށް ބޮޑު ހޭދައެއް ކުރަން ޖެހުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި ވީހާވެސް ހަރަދުކުޑަކޮށްގެން މަސައްކަތްކުރުމަށް ސާކިއުލާގައި ވަނީ އަންގައިފައެވެ.

ހަރަދުކުޑަކުރުމުގެ ގޮތުން އަޅަން އެންގި ފިޔަވަޅުތައް

  • ރާއްޖެއިން ބޭރަށް ކުރާ ރަސްމީ ދަތުރުތަކުގެ ތެރެއިން ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫން ދަތުރުތައް ނުކުރުން. ސްޓަޑީ ޓުއާ އާއި ޓްރޭނިން ދަތުރުތައް ހުއްޓާލުން އަދި ޑޮމެސްޓިކް ދަތުރުތައް ކުރުމަށް ކުރިއާލާ ފިނޭސްގެ ހުއްދަ ހޯދުން
  • ޕިއެސްއައިޕީގައި ހިމެނޭ ކެޕިޓަލް ހަރަދުތަކުގެ ތެރެއިން، 5،000 ރުފިޔާއަށް ވުރެ ބޮޑު ހަރަދެއް ނަމަ، ފިނޭންސްގެ ހުއްދަ ހޯދުން
  • މަރާމާތުކުރުމާއި ބެލެހެއްޓުމުގެ ހަރަދުތަކުގެ ތެރެއިން ކޮންމެހެން ކުރަން ޖެހޭ މަރާމާތެއް ނޫން މަސައްކަތް ނުކުރުން އަދި އެކަމަށް 5،000 ރުފިޔާއަށް ވުރެ ބޮޑު ހަރަދެއް ދާ ނަމަ، ފިނޭންސްގެ ހުއްދަ ހޯދުން
  • އޮފީސް ހިންގަން ބޭނުންވާ ހިދުމަތްތަކުގެ ތެރެއިން އާ ހިދުމަތެއް ތާއާރަފްކުރާ ނަމަ، 5،000 ރުފިޔާއަށް ވުރެ އިތުރަށް ހަދަރުކުރަން ޖެހޭ ނަމަ ފިނޭންސްގެ ހުއްދަ ހޯދުން
  • ތަމްރީންތަކަށް ކުރާ ހަރަދުތަކުގެ ތެރެއިން މި ވަގުތަށް އާ ސްކޮލަޝިޕްތައް ނުދިނުމާއި ތަމްރީން ޕްރޮގްރާމްތަކުގެ ތެރެއިން 5،000 ރުފިޔާއަށް ވުރެ އިތުރަށް ހިނގާ ޕްރޮގްރާމްތަކަށް މިނިސްޓްރީގެ ހުއްދަ ހޯދުން
  • މުވައްޒަފުންނަށް ހިނގާ ހަރަދުތަކުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން އެއްވެސް އާ މަގާމެއް އަދި އާ އެލަވެންސް ދިނުން ފަދަ ކަމެއް ނުކުރުމާއި މުސާރައިގެ އޮނިގަނޑަށް ބަދަލު ނުގެނައުން އަދި އިތުރު ގަޑީގެ ފައިސާ ލިބޭ ގޮތްތައް މަދުކުރުން

ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައި ބުނެފައި ވަނީ ދައުލަތުގެ ހުރިހާ އޮފީސްތަކުން މާދަމާ އިން ފެށިގެން އެ ސާކިއުލާ އަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ. އަދި ކައުންސިލްތަކުން ވެސް ބްލޮކް ގްރާންޓު އަދި އަމިއްލަ އާމްދަނީ ހަރަދު ކުރުމުގައި ވެސް އެ ފިޔަވަޅުތަކަށް ރިއާޔަތް ކުރަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.