ރައީސް ސޯލިހު ށ. ފުނަދޫ އާއި ނ ހޮޅުދުއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.
ރައީސްގެ އެ ދަތުރުފުޅަކީ ފުނަދޫ ސްކޫލުގެ ރަންޔޫބީލް ޖަލްސާ އާއި ހޮޅުދޫ މޭނާ ސްކޫލްގެ އަލިމަސްޔޫބީލް ޖަލްސާ ޝަރަފްވެރިކޮށްދެއްވުމަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅެކެވެ.
ހުކުރު ދުވަހު ރައީސް ފެއްޓެވި އެދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ފުނަދޫއަށެވެ. ރައީސް ވަނީ ހުކުރު ދުވަހުގެ ރޭ ފުނަދޫ ސްކޫލުގައި ބޭއްވި އެ ސްކޫލުގެ ރަންޔޫބީލް ޖަލްސާ ޝަރަފްވެރިކޮށްދެއްވައިފައެވެ. އެޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ ސްކޫލުގެ 50 އަހަރުގެ ދިގު ތާރީހުގައި ބިނާކޮށްދީފައިވާ އިންސާނީ ވަސީލަތްތަކަކީ އެ ސްކޫލުން މުޖުތަމައަށް ދޫކުރި ވަރަށް އަގުހުރި ހަދިޔާއެއް ކަމަށެވެ.
"ފުނަދޫ ސްކޫލަށް 50 އަހަރު ފުރިގެން ދިޔައިރު، މި ސްކޫލް ވަނީ މުޖުތަމައަށް ވަރަށް އަގުހުރި ހަދިޔާއެއް ކޮށްދީފައި. އެއީ އިންސާނީ ވަސޫލަތްތައް ބިނާކުރުން. ފުނަދޫ ސްކޫލުން ދަރިވަރުވި އެތައް ބަޔަކު، މިރަށާއި މި ސަރަހައްދުގެ އެކި އިދާރާތަކުގެ އިސް މަގަމުތަކެއްގައި މިހާރު ވެސް އެ ގެންދަވަނީ ހުދުމަތް ކުރައްވަމުން." ރައީސް ވިދާޅުވެފައިވެއެވެ.
ހޮޅުދުއަށް ރައީސް ވަޑައިގެންނެވީ އިއްޔެއެވެ. ހޮޅުދޫ މޭނާ ސްކޫލުގެ އަލިމަސްޔޫބީލް ހަނދާނީ ބިނާ އިފުތިތާހުކޮށްދެއްވުމުގެ އިތުރުން އެ ސްކޫލްގެ އަލިމަސްޔޫބީލް ޖަލްސާ ރައީސް ވަނީ ޝަރަފްވެރިކޮށްދެއްވައިފައެވެ. މި ޖަލްސާގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ، މޭނާ ސްކޫލަކީ ރާއްޖޭގެ ތައުލީމީ ހަޔާތުގައި މަތީ މަގާމެއް ހާސިލުކޮށްފައިވާ ސްކޫލެއް ކަމަށެވެ.
"މޭނާ ސްކޫލަކީ ރާއްޖޭގެ ތައުލީމީ ހަޔާތުގައި ވަރަށް މަތީ މަގާމެއް ހާސީލުކޮށްފައިވާ ސްކޫލެއް. މި ސްކޫލްގެ އެންމެ ބޮޑު ކާމިޔާބަކީ، ގައުމަށް ހިދުމަތްކުރާ މޮޅެތި ދަރިންތަކެއް މި ސްކޫލުން ބިނާކޮށްދީފައިވުން." ރައީސް ވިދާޅުވެފައިވެއެވެ.
ފުނަދޫ އާއި ހޮޅުދުއަށް ރައީސް ކުރެއްވި އެ ދަތުރުފުޅުގައި ވަނީ އެ ދެރަށުގެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުންނާ ބައްދަލުކުރައްވައި އެރަށްރަށުގެ ތަރައްގީއާ ގުޅޭ ކަންކަމުގައި މަޝްވަރާކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު