ޚަބަރު

ސަން ސިޔާމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި އެ ޕާޓީގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވާދަކުރައްވާނެކަން އިއުލާން ކުރައްވައިފިއެވެ.

އެކަން "ވަން" އަށް ކަށަވަރުކޮށްދެއްވަމުން އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ މައުރޫފު މިއަދު ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ސިޔާމު ނިންމެވީ ރައްޔިތުންނަށް އެންމެ ރަނގަޅަށް ހިދުމަތް ކުރެއްވޭނީ ވެރިކަމަށް ވަޑައިގަނެގެން ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ.

އެގޮތުން ސިޔާމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މިއަދު އެންމެ ނުފޫޒު ގަދަ އަދި ދައުލަތަށް އެންމެ ގިނައިން ޓެކްސް ދައްކަވާ އެއް ބޭފުޅަކަށްވާއިރު، އޭނާއަކީ ސިޔާސީ ގޮތުންނާއި ވިޔަފާރީގެ ގޮތުން އަދި ރައްޔިތުންގެ މަޖިލީހުގަ އާއި ކޯލިޝަން ސަރުކާރު ޕާޓްނަރެއްގެ ތަޖުރިބާވެސް ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަން މައުރޫފު ފާހަގަކުރެއްވިއެވެ.

މައުރޫފު ވިދާޅުވީ، އެ ތަޖުރިބާގައި ސިޔާމު ގަބޫލުކުރައްވާ ގޮތުގައި ރާއްޖޭގައި މިހާތަނަށްވެސް ރަނގަޅު ވެރިކަމެއް ކުރެވިފައި ނެތެވެ. ވެރިކަމަށް އައުމަށް ސިޔާމް ބޭނުންވަނީ ކުރީގެ ހުރިހާ ސަރުކާރުތަކުން ރާއްޖޭގައި ފާޅުކަން ބޮޑު ގޮތެއްގައި ހިންގަމުން އަންނަ ކޮރަޕްޝަން ފޮހެލައި، ރައްޔިތުންގެ ހައްގުތަކާއި އިންސާފު ހޯދައިދީ ފުދުންތެރި ބަޔަކަށް ހެދުމަށް ކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.

ސިޔާމް ވެރިކަމަށް ކުރިމަތިލައްވާނެކަން އިއުލާން ކުރެއްވުމާއެކު ޕާޓީގެ މެންބަރުންގެ އަދަދު އިތުރުކުރުމުގެ މަސައްކަތް ފައްޓަވާފައިވާކަން ފާހަގަކުރައްވައި މައުރޫފު ވިދާޅުވީ، އަމާޒަކީ އަންނަ ޖުލައި މަސް ނިމުމުގެ ކުރިން ޕާޓީގެ މެންބަރުންގެ އަދަދު 10،000 އިން މައްޗަށް ޖައްސައި، ރިޔާސީ އިންތިހާބުގެ ކުރިން އެ އަދަދު 30،000 އަށް ގެންދިއުން ކަމަށެވެ.

އެމްޑީއޭއިން އަންނަ ޖުލައި މަހުގެ ތެރޭގައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި އަސާސީ ގަވާއިދަށް ބައެއް އިސްލާހުތައް ގެންނަން ނިންމާފައިވާ ކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.

އެގޮތުން އެމްޑީއޭ ގައުމީ މަޖިލީހުގެ އަދަދު 34 އިން 300 އަށް އިތުރުކޮށް މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކައުންސިލް މަންދޫބެއް ބަހައްޓަން ވިސްނާފައިވާ ކަމަށާއި އަދި އެ ކޮންގުރެސްގައި ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ސިޔާމު ކަމަށް ކަނޑައަޅައި، އެކަމައިގެން ކުރިއަށްދާނެ ގޮތްތަކެއް ނިންމަވާނެ ކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.