އެމްޓީސީސީ ނޯތު ލީގުގެ ދެވަނަ ޑިވިޝަން އިއްޔެ ފަށާފައިވާ އިރު، އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކްއޭޖުން ޓީމު ހަނިމާދޫ ބަލިކުރި އިރު، އިހަވަންދޫ ކްލަބް ޕޯލްސްޓާއާއި ދިއްދޫ ބްލެކްޒީނޯއާ ކުޅުނު މެޗު އެއްވަރު ވެއްޖެއެވެ.
ނޯތު ލީގުގެ ގްރޫޕް އޭގެ މެޗުތައް ހޯސްޓްކުރަނީ ދިއްދުއާއި ހަނިމާދޫގައެވެ. ނޯތު ލީގުގެ ޑިވިޝަން ދޭއްގައި ވާދަކުރާ ރަށްތަކަކީ ނެއްލައިދޫ، އިހަވަންދޫ، ދިއްދޫ، ހަނިމާދޫ އަދި ކުޅުދުއްފުއްޓެވެ. ކޮންމެ ރަށަކުންވެސް މުބާރާތުގައި ވާދަކުރާނީ އެއް ޓީމެވެ.
އިއްޔެ ހަނިމާދޫ ދަނޑުގައި ކުޅުނު މެޗުން ޒިގްޒެގް ފޯ ޔޫތު ލިންކޭޖް މޮޅުވީ 3-1ގެ ނަތީޖާއަކުންނެވެ. ދެން ކުޅުނު މެޗު ދިއްދޫގައި ކުޅުނު އިރު، ބްލެކްޒީނޯއާއި ޕޯލްސްޓާ ކުޅުނު މެޗު އެއްވަރުވީ 1-1ގެ ނަތީޖާއަކުންނެވެ.
ޒިގްޒެގް ފޯ ޔޫތު ލިންކްއޭޖަށް އިއްޔެގެ މެޗުގެ ގޯލުތައް ޖަހައިދިނީ އުސައިދު އަލީ، ޒައިދު މުހައްމަދު އަދި މުހައްމަދު ނަޝީދެވެ. ހަނިމާދޫގެ ހަމައެކަނި ގޯލު ޖެހީ އާސިފް ސަލީމެވެ.
ދިއްދޫ ދަނޑުގައި ކުޅުނު މެޗުން އިހަވަންދޫ ޕޯލްސްޓާގެ މުހައްމަދު ސާޖިދު ލީޑުނަގައިދީފައިވަނިކޮށް މެޗު ނިމެން ދެ މިނެޓަށް ވެފައި އޮއްވައި، ބްލެކްޒީނޯއަށް އެއްވަރުކޮށްދިނީ އާދަމް ނަސީމެވެ.
ނޯތު ލީގުގެ ޑިވިޝަން ދޭއްގެ ގްރޫޕް އޭގެ މެޗުތައް އަންނަ މަހު ހަތަރަކާ ހަަމަށް ދިއްދޫއާއި ހަނިމާދޫގައި ކުރިއަށްދާނެއެވެ.
އެފްއޭއެމުން 2023/2024 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގު ފުޅާކުރާއިރު، ރާއްޖެ ބެހިގެންދާނީ ހަަތަރު ޒޯން ލީގަކަށެވެ. ޒޯން އެކެއް ނުވަތަ ނޯތު ޒޯން ލީގުގައި ހިމެނެނީ ހއ، ހދ، ށ، ނ، ރ. އަތޮޅެވެ.
ނޯތު ޒޯންގެ ގްރޫޕް ބީއަކީ ށ އަތޮޅުގެ ބުރެވެ. އެ މެޗުތައް ފަށާ ގޮތަށް ޝެޑިއުލްކޮށްފައި އޮތީ އަންނަ މަހު 17 ގައެވެ. އެ އަށް ފަހު ގްރޫޕް ސީ ނ. އަތޮޅުގެ މެޗުތައް އޮގަސްޓް އެކެެއްގައި ފަށައި އިރު، ގްރޫޕް ޑީ، ރ އަތޮޅު ފަށަން ނިންމާފައި އޮތީ އޮގަސްޓް 24 ގައެވެ.
ކޮންމެ ގްރޫޕަކުން ދެ ޓީމެއް، ޑިވިޝަން އެކަކަށް ޕްރޮމޯޓްވާނެއެވެ. ޑިވިޝަން އެކެއްގެ ޗެމްޕިއަން، 2023/2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގަށް ޕްރޮމޯޓްވާނެއެވެ.
ދިވެހި ޕްރިމިއާ ލީގު 2023/2024 ވަނަ އަހަރު ފަށާއިރު އޮންނާނީ މި ވަގުތުވެސް ޕްރިމިއާ ލީގުގައި އޮތް އަށް ޓީމުގެ އިތުރުން ހަތަރު ޒޯން ލީގުގެ ޗެމްޕިއަނުންނެވެ. މީގެ ތެރެއިން މާލެ ހިމެނޭ ޒޯން ހަތަރެއްގެ ލީގުގެ ޗެމްޕިއަން ގޮތުގައި 2023/2024 ވަނަ އަހަރުގެ ލީގަށް ކަނޑައަޅާނީ 2022 ވަނަ އަހަރުގެ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަނުން ކަމަށް ވަނީ ނިންމައިފައެވެ. ދެން އޮތް ތިން ޖާގަ ލިބޭނީ ޒޯން ލީގު ޗެމްޕިއަނުންނަށެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު