ނަމާދުކޮށް ރޯދަ ހިފައި, ގުރުއާން ކިޔަވައި އުޅުނަސް, ތަރިކަ މުދަލަށް އަރައިގަންނަ މީހަކީ އީމާންކަން ބަލިކަށި މީހެއް ކަމަށާއި އެއީ اللهގެ ދުޝްމަނުންނާ އެއްފަދަ މީހެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"ވާރުތަމުދަލަށް ރައްކާތެރިވުން" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، މީހަކު މަރުވުމުން އޭނާ ދޫކޮށްފައިދާ ތަރިކައަކީ އެ ބަހާނެ އުސޫލުތަކަކާއި ގަވާއިދުތަކެއް މާތް الله ކަނޑައަޅުއްވާފައިވާ އެއްޗެއް ކަމަށާއި ތަރިކަ މުދާ ބެހުމަށް މާތް الله ވަސިއްޔަތް ކުރައްވާފައިވާ ކަމަށެވެ.

އަދި ތަރިކަމުދާ ބެހުމުގެ މައްސަލައިގައި އެއްވެސް ފަރާތަކަށް އިހްތިޔާރު ލިބިގެން ނުވާ ކަމަށާއި ތަރިކައަކީ މާާތް اللهގެ ހައްގުތަކުގެ ތެރޭގައި ހިމެނޭ އެއްޗެއް ކަމަށްވެސް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ, ފަރުޟު ނަމާދުތަކުގެ ރަކުއަތްތަކާއި އެހެނިހެން ތަފުސީލުތަކާއި ޒަކާތް ދައްކަންޖެހޭ މުދަލުގެ ބާއްވަތަކާއި މިންވަރުތައް އަދި ރޯދައާއި ހައްޖުގެ އަޅުކަންތަކުގެ ތަފުސީލުތައް اللهގެ ވަހީ ބަސްފުޅުތަކުގައި އައިސްފައި ނުވާ ކަމަށެވެ.

އެއާ ހިލާފަށް ތަރިކަމުދަލަށް ބަލައި އިރު، ނިސާ ސޫރަތުގެ 11 ވަނަ އާޔަތާއި 12 ވަނަ އާޔަތާއި 176 ވަނަ އާޔަތުގައި އެ މުދާ ބަހަންވީ ގޮތުގެ ތަފުސީލީ ގަވާއިދުތައް މާތް الله ބަޔާން ކުރައްވާފައިވާ ކަމަށް ބުންޏެވެ.

އަދި އެ އާޔަތްތަކުން ތަރިކަމުދަލަކީ އެ މުދާ ބެހުން މާތް ﷲ ފަރުޟު ކުރައްވާފައިވާ އެއްޗެއްކަމައި އެއީ ހެޔޮކަމެއްގެ ގޮތުން ކުރަންޖެހޭ ކަމެއް ނޫންކަން އެނގޭ ކަމަށްވެސް ބުންޏެވެ.

ހުތުބާގައި ބުނީ, މައްޔިތާ ދުނިޔެ ދޫކުރުމުން އޭނާގެ ކަށުކަމާކެމީގެ ކަންކަމާއި އޭނާގެ ދަރަނިތައް އަދާކޮށް, ވަސިއްޔަތްތައް ފުއްދަންޖެހޭ ކަމަށާއި ތަރިކަ މުދަލުގެ ގޮތުގައި ވާރިސުންނަށް ލިބޭނީ އެކަންކަން ފުރިހަމަކުރުމަށްފަހު ބާކީ ހުރި އެއްޗެއް ކަމަށެވެ. އަދި ވާރުތަވެރިޔާ ދޫކޮށްފައިދާ ތަރިކަ މާތް الله އަންގަވާފައިވާ ގޮތަށް ބެހުމަށް އަވަސްވެ ގަތުމަށް ގޮވާލިއެވެ.

ހުތުބާގައި ބުނީ، ތަރިކަ މުދާ ބެހުމަށް އަވަސްވެ ގަތުމަކީ ގާތްތިމާގެ ކަމުގެ ގުޅުން ހަރުދަނާވެގެންދާނެ ކަމެއް ކަމަށާއި އެ ގުޅުން ދެމިއޮތުމަށް އެހީވެދޭ ކަމެއް ކަމަށެވެ. އަދި ތަރިކަމުދަލުގައި ޖެހެވޭ ސަބަބުތަކުގެ ތެރޭގައި އަމިއްލަ އެދުން ބޮޑުވުމާއި ދަހިވެތިކަން އިންތިހާއަށް ދިއުންވާ ކަމަށާއި އެކަމާ ހެދި އެހެން ވާރުތަވެރިންގެ ހައްގަށް އަރައިގަނެވޭ ކަމަށް ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ، އިންސާނުންގެ ހައްގުތައް ރައްކާތެރިކޮށް ދެއްވުމަށްޓަކައި މާތް الله ކަނޑައަޅުއްވާފައިވާ ހައްދުތަކުގެ ތެރޭގައި ތަރިކަމުދާ ބެހުން ހިމެނޭ ކަމަށާއި އެކަމަކީ އެހެން މީހުންގެ ހައްގުތަކެއް ހިމެނޭ ކަމެއްކަމުން އެކަމާމެދު ފަރުވާ ކުޑަކޮށްގެންނުވާނެ ކަމަށެވެ.

އަދި ތަރިކަ މުދާ ބެހުމުގައި ޔަތީމަކަށް ވިޔަސް, އަންހެނަކަށް ވިޔަސް ފިރިހެނަކަށް ވިޔަސް އެއްވެސް ވާރުތަވެރިއަކަށް ލިބުމަށް ޝަރްއު ކުރައްވާފައިވާ މިންވަރު ލިބުމަށް ހުރަސްއަޅާ މީހަކީ އަނިޔާވެރިއެއް ކަމަށްވެސް ބުންޏެވެ.