ޚަބަރު

އިންޑިއާއަށް ތަމްރީނަށްދާ އަންހެން ސިފައިން ބުރުގާ ނަގަން މަޖުުބޫރުކުރޭ: ޔާމީން

އަލީ ޔާމިން

އެކިއެކި ތަމްރީންތައް ހެދުމަށް އިންޑިއާއަށްދާ ދިވެހި އަންހެން ސިފައިން ބުރުގާ ނަގަން މަޖުބޫރުކުރާ ކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ނަބިއްޔާގެ ދިފާއުގައި ޕްރޮގްރެސިވް ކޯލިޝަނުން ރޭ ކާނިވާ ސަހަރައްދުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، އިންޑިއާއަކީ މުސްލިމުންނާ ދެކޮޅުވެރި ގައުމެއް ކަމަށެވެ. އަދި އެގައުމުގެ ސަރުކާރަކީ މުސްލިމުންނާ އަދުއްވަތްތެރި ބައެއް ކަމަށް ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، އިންސާނީ ހައްގުތަކުގެ ވާހަކަ ދައްކާއިރު، މުސްލިމުންނާމެދު އެންމެ ލާއިންސާނީ އަމަލުތައް ކުރާ އެއްގައުމަކީ އިންޑިއާ ކަމަށެވެ. އެގޮތުން އެގައުމަށް ތަމްރީނަށްދާ ދިވެހި އަންހެން ސިފައިން ބުރުގާ އެޅުން މަނާ ކަމަށް ވިދާޅުވިއެވެ.

"ދިވެހިރާއްޖެއިން އިންޑިއާއަށް ތަމްރީނަށް މިދާ ދިވެހި އަންހެން ސިފައިންވެސް ހިޖާބު ބާލައިގެން ތަމްރީން ހަދަން މިޖެހެނީ. މިހާރު މަޖުބޫރުކޮށްފައި އޮތް ކަމެއް. އަޅުގަނޑަށް ޔަގީން އެމީހުންނަކަށް މިހާރު ގެރިމަހެއް ބަކަރި މަހެއް ނުކެވޭނެ. އަޅުގަނޑަށް ޔަގީން ޝަމާލަށްވެސް ގެރިމަހެއް ކެވޭނެހެނެއް. އެހާ ހާލުގައި ރާއްޖެ މިއޮތީ" ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ނަބިއްޔާގެ ދިފާއުގައި ޕްރޮގްރެސިވް ކޯލިޝަނުން ނުކުތީ ސިޔާސީ މަންފާއެއް ހޯދުމަށް ނޫން ކަމަށެވެ. އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަމުގައި ހުންނަވާތީ، އިންޑިއާގެ ބީޖޭޕީ ސަރުކާރުގެ އިސް އޮފިޝަލަކު ރަސޫލާއަށް ފުރައްސާރަކުރުން ކުށްވެރިކުރަން ރާއްޖެއަށް މާ ބޮޑަށް މިހާރު ފުރުސަތު ލިބޭ ކަމަށާއި ނަމަވެސް އެކަންވެސް ކޮށްފައި ނުވާ ކަމަށް ވިދާޅުވިއެވެ.

ބީޖޭޕީގެ އިސް ތަރުޖަމާނު، ރަސޫލާއަށް ފުރައްސާރަކޮށް ތައުހީނުކޮށްފައިވާތީ، މުސްލިމު ގައުމުތަކުން އަންނަނީ ނުހުރުން ފާޅުކުރަމުންނެވެ. ރާއްޖެ ހިމެނޭހެން މުސްލިމު އެތައް ގައުމަކުން އެ އަމަލު ކުށްވެރިކޮށްފައިވެއެވެ.