ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށްޓަކައި މެއި ހައެއްގައި އައިއީޑީއެއް ގޮއްވާލައިގެން ދިން ހަމަލާއާ ގުޅިގެން ދައުލަތުން ދައުވާކުރާ ޅ. މާޅޮހު، އަސަރީގޭ، މުހައްމަދު ނާޒިމަށް ކުރާ ދައުވާގެ އަޑުއެހުމެއް މިއަދު ކުރިމިނަލް ކޯޓުގައި ބާއްވައިފިއެވެ.

ނާޒިމްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރަނީ، މެއި ހައެއްގެ ހަމަލާއާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ހުޅުމާލޭގައި ނާޒިމް ދިރިއުޅޭ ފްލެޓް ބަލައި ފާސްކުރުމުގެ ތެރޭގައި އައިއެސް ޖަމާއަތަށް ތާއީދުކުރާ ލިޔުންތަކާއި ފޮޓޯތަކެއް ހުރި ޕެންޑްރައިވެއް ފެނުނު މައްސަލައިގައެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ނާޒިމްގެ މައްޗަށް ދައުވާ އިއްވަމުން ބުނެފައި ވަނީ އެ ޕެންޑްރައިވުން ފެނުނު ތަކެއްޗަކީ އައިއެސް ޖަމާއަތަށް ތާއީދުކުރާކަން ދައްކުވައިދޭ ލިޔުންތަކެއްކަން އެނގޭނެ ގޮތަށް އިސްލާމިކް މިނިސްޓްރީން ރިޕޯޓެއް ހުށަހަޅާފައިވާ ކަމަށެވެ.

ދައުލަތުން ހުށަހެޅި ދައުވާއަށް ނާޒިމްގެ ފަރާތުން އޭނާގެ ދިފާއީ ވަކީލު ވަނީ އިންކާރުކޮށްފައެވެ. ދައުލަތުން ނާޒިމާ ދެކޮޅަށް ހެކީގެ ގޮތުގައި ބައެއް ރިޕޯޓްތައް ތައްޔާރުކުރި ފުލުހުންނާއި އިސްލާމިކް މިނިސްޓްރީގެ މުވައްޒަފެއް ހުށަހެޅިއެވެ.

ގާޒީ ހަސަން ސައީދު ވިދާޅުވީ، ނާޒިމް ދައުވާއަށް އިންކާރު ކުރި ނަމަވެސް މަދަނީ މިންގަނޑުން އެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެހެންކަމުން ދިފާއީ ހެކި ހުށަހެޅުމަށާއި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމަށް ނާޒިމްގެ ވަކީލުންނަށް 10 ދުވަހުގެ ފުރުސަތެއް ދެއްވިއެވެ.