ރާއްޖޭގައި މުޅިން އަލަށް އެކުލަވާލި މަދަނީ އިޖުރައާތުގެ ގާނޫނަށް މިއަދު އަމަލުކުރަން ފަށައިފިއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ކުރި ބޮޑެތި މަސައްކަތްތަކަކަށްފަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް މަދަނީ އިޖުރާއަތުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ، މިދިޔަ އަހަރުގެ ޑިސެމްބަރު 16 ވަނަ ދުވަހުއެވެ.

ރާއްޖޭގައި ގިނައީ މަދަނީ މައްސަލަތައް ކަމަށްވާއިރު، އެ ގާނޫނާއެކު އާންމުންގެ މުދަލާއި ފައިސާއާ ގުޅޭ މައްސަލަތަކުގައި އަމަލުކުރާ އުސޫލުތައް ބަދަލުވެގެންދާނެއެވެ. މިކަން ފާހަގަކުރެވެނީ، ފަހުގެ ތާރީހެއްގައި އެ ނިޒާމަށް އައި އެންމެ ބޮޑު ބަދަލުގެ ގޮތުގައެވެ.

އެންމެ ދިގު ގާނޫނުުގެ ގޮތުގައި ހިމެނޭ މަދަނީ މައްސަލަތަކުގައި އަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކޮށްފައިވާ މި ގާނޫނުގައި 177 ސަފުހާގެ 400 އަށްވުރެ ގިނަ މާއްދާ ހިމެނެއެވެ.

މި ގާނޫނަކީ ރާއްޖޭގެ ޝަރުއީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ ޝަރީއަތުގެ ކުރީގެ އިޖުރާއަތުތަކާއި އެފަދަ މައްސަލަތަކުގެ ޝަރީއަތުގެ މަރުހަލާތައް ހިނގާނެ ގޮތާއި އެފަދަ މައްސަލަތަކުގެ މައްޗަށް ހިނގާނެ ހެކީގެ އުސޫލުތަކާއި އެފަދަ މައްސަލަތަކާމެދު ގޮތެއް ނިންމުމުގައާއި ޝަރީއަތް ނިމި ހުކުމް ތަންފީޒުކުރުމުގައި އަމަލުކުރާނެ އިޖުރާއަތުތަކާއި އެ ނޫންވެސް ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ މަދަނީ އިޖުރާއަތާބެހޭ އާންމު އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

މި ގާނޫނުގެ މަގުސަދަކީ ޝަރީއަތަށް ހުށަހެޅޭ މަދަނީ މައްސަލަތައް، އަދުލުވެރިކަމާއި ހާމަކަމާއެކު އަދި އެކަށީގެންވާ އަވަސް މިނެއްގައި ބަލައި، ގޮތެއް ނިންމުމަށް މަގުފަހިކުރުވުމެވެ.

މި ގާނޫނުގައިވާ ކަންކަން މަދަނީ މައްސަލަތައް ބަލައި ހިންގާ އެންމެހައި ކޯޓުތަކުގެ މައްޗަށް ހިނގާނެއެވެ. ނަމަވެސް އާއިލާއާބެހޭ ގާނޫނުގެ ދަށުން ނުވަތަ އެ ނޫންވެސް މަދަނީ އިޖުރާއަތާބެހޭ ހާއްސަ ގާނޫނެއްގެ ދަށުން އާއިލީ މައްސަލަތައް ބެލުމުގެ އިހުތިސާސް ލިބިގެންވާ ކޯޓަކުން ބަލައި މައްސަލަތައް ބެލުމުގައި އެ ކޯޓަކުން އަމަލުކުރާނީ، އެ ގާނޫނެއްގައި ބަޔާންކުރާ ހާއްސަ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

މި ގާނޫނުގެ ދަށުން ކޮންމެ ކޯޓަކަަށް ވަކިން ގަވާއިދެއް ހަދަންޖެހެއެވެ. އެގޮތުން ސުޕްރީމް ކޯޓާއި ހައިކޯޓު އަދި އެހެން އިތުރު ކޯޓުތަކުންވެސް އެ ގަވާއިދު ހަދައި މިއަދު ވަނީ އާއްމުކޮށްފައެވެ.

ގާނޫނުގައި އާއްމުންނާ ގުޅުން ހުރި ބައެއް ބަދަލުތަކުގެ ތެރޭގައި މައްސަލަ ކާމިޔާބުވި ފަރާތުގެ ގާނޫނީ ހަރަދު ނާކާމިޔާބުވި ފަރާތުން ދައްކަން ޖެހުމާއި ޣައިރު ހާޒިރުގައި ކުރާ ހުކުމްތައް ރިވިއުކުރަން އެދެވޭ ގޮތަށް އޮތުމާއި ކުދި މައްސަލަތައް އެންމެ ދުވަހަކުން ނިންމުމުގެ އިތުރުން ދެ ފަރާތް އެއްބަސްވާ މައްސަލަތަކުގައި އަޑުއެހުމަކާ ނުލައި މައްސަލަ ނިންމުމުގެ އިތުރުން، ހުކުމަށް އަމަލުނުކުރާ ނަމަ ދަރަނިވެރިޔާގެ މުދާ ކޯޓުން މޮނިޓާކުރުންވެސް ހިމެނެއެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ތަރިކައާ ބެހޭ ދައުވާގެ ގާނޫނާއި ދައުލަތް ފިޔަވައި އެހެން ފަރާތްތަކުން ދައުވާއާއި މައްސަލަތައް ޝަރީއަތަށް ހުށަހެޅުމާ ބެހޭ ގާނޫނާއި ފައިސާ ބަހައްޓައިގެން މީހުން ޝަރީއަތަށް ހާޒިރުކުރުމާއި މެސެޖުގެ ޒަރީއާއިން ހެކިބަސް ހޯދުމާބެހޭ ގާނޫނު އުވޭނެއެވެ.