ޚަބަރު

އުރީދޫ ސުޕަނެޓްގެ ހިދުމަތް ދިގުރަށަށް

އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް އދ. ދިގުރަށަށް ތައާރަފުކޮށްފިއެވެ.

އުރީދޫން އިއްޔެ ބުނީ، ދިގުރަށަށް މިހާރު 100 އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑުތަކުގައި ސުޕަނެޓްގެ ހިދުމަތް ލިބޭނެ ކަމަށެވެ.

އުރީދޫގެ ޗީފް ކޮމާޝަން އޮފިސާ (ސީއެމްއޯ) ހުސެއިން ނިޔާޒު ވިދާޅުވީ، ވަރުގަދަ ނެޓްވޯކް ކަވަރޭޖެއްގައި ހަލުވި ސްޕީޑާއެކު ފެންވަރު ރަނގަޅު ހިދުމަތެއް ދިގުރަށުގެ ރައްޔިތުންނަށް ފޯރުކޮށްދެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި މި ހިދުމަތާއެކު ދިގުރަށުގެ ރައްޔިތުންނަށް އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށެވެ.

"ބޮޑެތި ޑޭޓާ އެލަވަންސްތަކާއި ހަލުވި ސްޕީޑްތަކާއި ޑޭޓާ ރޯލްއޯވާ ހިދުމަތާއެކު އަޅުގަނޑުމެންގެ ފިކްސްޑް ބްރޯޑްބޭންޑް، ސުޕަނެޓް ޕްލޭންތަކަކީ މިވަގުތު މާކެޓްގައި އެންމެ ފުރިހަމަ ޕްލޭންތައް،" ނިޔާޒް ވިދާޅުވިއެވެ.

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕާނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ.

އެގޮތުން މިހާރު ސުޕަނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާ އެކު 100 ޕަސަންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށް ވުރެ ހަލުވި ތުރޮޓްލް އިންޓަނެޓް ސްޕީޑް ވެސް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.

މީގެ އިތުރުން ސުޕަނެޓް ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނަށް ވެސް ޑޭޓާ ރޯލް އޯވާގެ ހިދުމަތާ އެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާއާއި އެއްވެގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.