ވޮލީ ބޯލް

ސިފައިންގެ އެނބުރި އައުން ވަރުގަދަ، ގުޑީސް ބަލިކޮށް ސިޓީއަށް އުންމީދު

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިހާރު ކުރިއަށްދާ ފޯރިގަދަ ވޮލީބޯލް އެސޯސިއޭޝަން ކަޕްގައި މިއަދު ހަވީރު ދިވެހި ސިފައިންގެ ކްލަބު، ކްލަބު ވެމްކޯ ބަލިކުރި އިރު، މިރޭ ކުޅުނު މެޗުގައި ސްޕޯޓް ކްލަބު ސިޓީން، ގުޑީސް ސްޕޯޓްސް ކްލަބު ކައިރިން މޮޅުވެއްޖެއެވެ.

މިއަދު ހަވީރުގެ މެޗަށް އެންމެ ފަހުގެ ޗެމްޕިއަން ސިފައިން ނުކުތީ މަޖުބޫރު މޮޅެއް ހޯދުމަށެވެ. އެއީ މުބާރާތުގައި ފުރަތަމަ ކުޅުނު ދެމެޗުން ބަލިވެފައި އޮތުމުންނެވެ. ސިފައިން މިފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ ސީދާ ތިން ސެޓުން ސްޕޯޓްސް ކްލަބް ސިޓީ އަތުން ބަލިވެފައެވެ. ދެ ވަނަ މެޗުން، ސިފައިން ދެ ސެޓު ގެންގޮސްފައިވަނިކޮށް، ޕޮލިސް ކްލަބް ވަނީ ފަހަތުން އަރައި މޮޅުވެފައެވެ.

މާޔޫސްކަން ފިލުވާލަން މިއަދުގެ މެޗަށް ނުކުމެ ތަފާތު ރޫހެއް ދައްކައި ސިފައިން މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ސިފައިންގެ ޓީމުން ގެންދިޔައީ 25-22، 25-23 އަދި 28-26 އިންނެވެ. މިއަދުގެ މެޗުގައި ސިފައިންގެ ބިދޭސީ ކުޅުންތެރިންގެ އިތުރުން ސެޓަރު ހުސައިން ޝާހިދު (ޝާޑު) ގެ ކުޅުންވެސް ފާހަގަކޮށްލެވުނެވެ. ޝާޑު މިދިޔަ ދެ މެޗުގައި ތަންކޮޅެއް ދައްކޮށް ފެނުނު ނަމަވެސް މިއަދު ފެނުނީ ތަފާތު ރޫހެއްގައެވެ.

މިރޭ ކުޅުނު މެޗުގައި ގުޑީސް ކައިރިން ސިޓީން މޮޅުވީވެސް ސީދާ ތިން ސެޓުންނެވެ. އެސޯސިއޭޝަން ކަޕްގައި ސިޓީ ކުޅުނު ފުރަތަމަ މެޗުން ވަނީ ސީދާ ތިން ސެޓުން އެންމެ ފަހުގެ ޗެމްޕިއަން ސިފައިން އަތުން މޮޅުވެފައެވެ. އެކަމަކު، ދެ ވަނަ މެޗުގައި ވެމްކޯ އަތުން ސިޓީ ވަނީ 3-1 ސެޓުން ބަލިވެފައެވެ. ގަދަ ތިން ޓީމުގެ ތެރޭގައި ހިމެނިގެން ސެމީ ފައިނަލުން ނޫނީ ސީދާ ފައިނަލުގެ ޖާގައެއް ހޯދަން ބަލާއިރު، މިރޭ ގުޑީސް އަތުން ސިޓީ އަށް ލިބުނީ މުހިންމު މޮޅެކެވެ. އަނެއްކޮޅުން ގުޑީސްއަށް ވަނީ ޕްރެޝަރާ ކުރިމަތިވެފައެވެ.

މިރޭގެ މެޗުގެ ސެޓުތައް ސިޓީން ގެންދިޔައީ 25-19، 25-18 އަދި 25-19 އިންނެވެ. މެޗުގައި ގުޑީސްއަށް އެންމެ ބޮޑަށް ދިމާވި މައްސަލައަކީ އަނިޔާގެ މައްސަލައެވެ. މެޗަށް ނުކުތް އިރުވެސް ސެޓަރު ހުސެއިން ވިޝާމް (ބުޅިކެ) އަނިޔާގައި ހުރި އިރު، މިރޭގެ މެޗު ފަށައިގެން، ފުރަތަމަ ސެޓުގައި ގުޑީސްގެ ބިދޭސީ ކުޅުންތެރިއެއް ކަމަށްވާ، ގޮނިބީދޫ ސިޔާމްސުންދަރު ފަޔަށް އަނިޔާވެގެން ޖެހުނީ ބަދަލު ކުރާށެވެ.

މިރޭގެ މެޗުގައި ސިޓީގެ އަލީ ހުޒާމް (ހުޒަންޓެ) ރަނގަޅު އެޓޭކްތަކެއް ކުރިއިރު، އެ ޓީމުގެ ބިދޭސީ ތިން ކުޅުންތެރިން ކަމަށްވާ ވިނާޔަކު ރޮކާޑޭ، ވިނީތު ކުމާރް އަދި ހަރްދީޕް ސިންގް ވަނީ ތަފާތު ދައްކައި، ރަނގަޅު ފޯމެއްގައި ކުޅެފައެވެ.

ސިޓީ އަށް ކުރިއަށް އޮތީ ހުކުރު ދުވަހުގެ ރޭ ޕޮލިހާ ކުޅޭ މެޗާއި ހޮނިހިރު ދުވަހު ހަވީރު އޮއްފުއާ ބައްދަލުކުރާ މެޗެވެ. މިވަގުތު ޕޮލިސް އެއްވަނައިގައި އޮތް އިރު، ދެވަނައިގައި އޮތީ ވެމްކޯއެވެ.

މުބާރާތުގައި މާދަމާ ދެ މެޗެއް ކުޅޭނެއެވެ. ހަވީރު ކުޅޭ މެޗުގައި އޮއްފު އިން ބައްދަލުކުރާނީ ސިފައިންނާއެވެ. އެމެޗު ފަށާނީ ހަވީރު 4:15 ގައެވެ. އަދި މާދަމާރޭ 8:15 ގައި ކުޅޭ މެޗުގައި ގުޑީސް އާއި ވެމްކޯ ބައްދަލުކުރާނެއެވެ.