ޚަބަރު

އައްޑޫ، ފުވައްމުލަކު އަދި ލާމުގެ ރައްޔިތުންނަށް އަންނަ މަހު އާ ބަސްތަކެއްގެ ހިދުމަތް ލިބޭނެ: އާޒިމް

މުހައްމަދު އިޝާން

އަންނަ ޖުލައި މަހުގެ ނިޔަލަށް އައްޑޫ، ފުވައްމުލަކު އަދި ލާމު އަތޮޅުގެ ރައްޔިތުންނަށް މުޅިން އާ ބާސްތަކެއްގެ ހިދުމަތް ލިބިގެންދާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ބަސް ދަތުރުގެ ހިދުމަތް ހުޅުމާލެ ފޭސް ދޭކަށް އިފްތިތާހުކުރުމަށް މިރޭ ބޭއްވި "ހުޅުމާލެ ފޭސް 2 ލޭންޑް ޓްރާންސްޕޯޓް" ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިރުޝާދުގެ ދަށުން އެމްޓީސީސީން ދަނީ ރައްޔިތުންނަށް ޒަމާނީ ދަތުރުފަތުރުގެ ހިދުމަތްތަކެއް ފޯރުކޮށްދެމުން ކަމަށެވެ. އަދި އެމްޓީސީސީން ދަތުރުފަތުރުގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެނީ އެ ހިދުމަތް ލިބިގަންނަ މީހުންނަށް ތަކުލީފަކަށް ނުވާނެ ގޮތަކަށް ބަލައިގެން ކަމަށެވެ.

އާޒިމް ވިދާޅުވީ، ރައީސް ސޯލިހުގެ އިރުޝާދުގެ ދަށުން އެމްޓީސީސީން މަސައްކަތް ކުރަމުންދަނީ ވަށައިޖެހޭ ނިޒާމަކުން ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށް ދިނުމަށް ކަމަށެވެ.

"އިއްޒަތެރި ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއެކު އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުންމިދަނީ، އައްޑޫ ސިޓީއާ ފުވައްމުލަކު ސިޓީއާ ހައްދުންމަތީގައި ވެސް ދެމުން އައި ބަސް ދަތުރުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތްކުރަމުން. މިގޮތުން އައްޑޫ ސިޓީގައި ވެސް ފުވައްމުލަކު ސިޓީގައި ވެސް އަދި ހައްދުންމަތީގައި ވެސް މިފެށޭ ޖުލައި މަހުގެ ނިޔަލަށް މުޅިން އާ ބަސްތަކެއްގެ ހިދުމަތްތަކެއް ރައްޔިތުންނަށް ލިބިގެންދާނެ." އާޒިމް ވިދާޅުވިއެވެ.

މީގެ ކުރީގެ ހުރިހާ ސަރުކާރުންތަކުން ވެސް ދަތުރުފަތުރުގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިން ކަމަށާއި ނަމަވެސް އެ ހިދުމަތް ލިބިގަންނަ ފަރާތަކާއި ހިދުމަތް ދޭ ފަރާތްތަކަށް އެއިރު ދިޔައީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުން ކަމަށް އާޒިމް ވިދާޅުވިއެވެ.

"ކުރިން ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް އެކި ސަރުކާރުތަކުން އެކި ކަންކޮޅުތަކުގައި ހިންގަމުން ދިޔައިރު، އަބަދުވެސް އަންގަމުންދިޔައީ އެއްވެސް އިންތިޒާމެއް ހަމަނުޖެހި ތަރުތީބެއްނެތި މިވެނި ތަނެއްގާ މިވެނި ގޮތެއްގާ މިވެނި އެވެނިކަމެއް ކުރަން، އެއީ މާސްޓާ ޕްލޭނެއްނެތި ކުރެވެމުންދިޔަ ކަމެއް،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، މާސްޓާޕްލޭނަކާއެކީ ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށް ދިނުމުގެ މަސައްކަތް ފަށާފައިވަނީ މި ސަރުކާރުން ކަމަށާއި މި ސަރުކާރުން މަސައްކަތް ފަށާފައިވަނީ ކުރަންޖެހޭ ހުރިހާ ފަންނީ މަސައްކަތެއް ފުރިހަމަކުރުމަށްފަހު ކަމަށެވެ.

މި ސަރުކާރުން ބަސްތައް ބަހައްޓާނެ ބިމާއި އެތަކެތި މަރާމާތު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށްވެސް އާޒިމު ވިދާޅުވިއެވެ.

"ބަސްތައް ބަހައްޓާނެ ގޮތެއް އަދި ބަސްތައް މަރާމާތު ކުރާނެ ގޮތެއް އެއިރު ހޯދިފައި ނެތް، މިފަދަ ވެހިކަލް މަރާމާތުކުރާނެ ތަނެއް ތަމްރީނުވެފައިވާ މެކޭނިކަލް އާއި ޓެކްނިކަލް މީހުން ވެސް އެހާ މަދު. މިއީ އެއިރުގެ ހަގީގަތް ކަމަށްވެފައި އޮތް ނަމަވެސް މި ސަރުކާރުން މިވަނީ މިދެންނެވި ކަންކަމަށް ދާއިމީ ހައްލުހޯދައި ދެއްވާފައި. ބަސްތައް ބަހައްޓާނެ ބިމާއި މަރާމާތުކުރާނެ އިންތިޒާމު ހަމަޖައްސާނެ ބިމާއި ބަސްތައް މަރާމާތުކުރަން ފަންނީ މީހުންގެ އެހީތެރިކަމާ، މިހުރިހާ ކަމަކަށް މިވަނީ ދިވެހި ސަރުކާރުން، އާދެ އަދުގެ ރައީސުލްޖުމްހޫރިއްޔާގެ އެހީތެރިކަމާއެކު ހައްލުކޮށްދެއްވާފަ،" އާޒިމް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ ސަރުކާރުން 2021 ވަނަ އަހަރު މުޅި ރާއްޖޭގެ ދަތުރުފަތުރުގެ ގުޅުވާލުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 50 އަހަރަށް ކަމަށާއި ރައީސް އެދިލެއްވި ގޮތަށް ރައްޔިތުންނަށް ތަކުލީފަކަށްނުވާނޭހެން އެ މަސައްކަތް ކާމިޔާބުކުރާނެ ކަމަށެވެ.