ޚަބަރު

މާލޭގައި އަންނަ މަހު މިނީ ބަހުގެ ހިދުމަތް ފަށަނީ

މުހައްމަދު އިޝާން

އަންނަ މަހު މާލޭގައި މިނި ބަހުގެ ހިދުމަތް ދޭން ފަށާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު 100 ދުވަހުގެ ތެރޭގައި ކުރަން ނިންމެވި ކަންކަމުގެ ތެރޭގައި ހިމެނޭ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ.

އެމްޓީސީސީ އާއި އެލައިޑް އިންޝުއަރެންސް އަދި ޝީޝާ ޕްރައިވެޓް ލިމިޓެޑާއެކު "ރައްކާ ރޯޑް ސޭފްޓީ ޕާޓްނަޝިޕް" އެއްބަސްވުމުގައި ފުލުހުންނާއެކު ސޮއިކުރުމަށް އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މާދަމާއިން ފެށިގެން އެކުންފުނިން މާލޭގައި 50 ބަސް އޮޕަރޭޓް ކުރާނެ ކަމަށާއި އެއީ ވަރަށް ގިނަ އަދަދެއްގެ ބަސް ކަމަށެވެ.

އާޒިމް ވިދާޅުވީ، މި ސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި މާލޭއަށް މިނީ ބަހުގެ ހިދުމަތް ދިނުން ހިމެނޭ ކަމަށެވެ. ރައީސް ސޯލިހުގެ އެ ރިޔާސާ ވައުދުފުޅު ފުއްދުމަށް އެ ކުންފުނިން އަންނަ ޖުލައި މަހުން ފެށިގެން މާލޭގައި މިނީ ބަހުގެ ހިދުމަތް ދޭން ފަށާނެ ކަމަށެވެ.

"މާދަމާއިން ފެށިގެން އަޅުގަނޑުމެން 50 އަށްވުރެ ގިނަ ބަސް މާލޭ ސަރަހައްދުގައި ދުއްވަން ފަށާނެ. މިއީ ވަރަށް ބައިވަރު ބަސް. އަދި ޖުލައި މަހުން ފެށިގެން މިނީ ބަހުގެ ހިދުމަތް ފެށިގެން ދާނެ މާލެ ސަރަހައްދުގައި،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، ގިނަ މީހުން ގަވާއިދާ އެއްގޮތަށް މަގުމަތި ބޭނުންނުކުރާ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި މަގުތަކުގައި ގިނަ އަދަދެއްގެ ބަސް ދުއްވާނެކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ މަގުތަކުގައި ބަސް ދުއްވާ ވަގުތުތަކުގައި ރައްޔިތުންގެ ފަރާތުން އެއްބާރުލުން ބޭނުންވާ ކަމަށާއި އެކަމަށް ރައްޔިތުންގެ އެއްބާރުލުން ނުލިބޭނަމަ މަގުތައް ބްލޮކްވެ އެތައް ބައެއްގެ އަގުހުރި ވަގުތުތަކެއް ގެއްލިގެންދާނެ ކަމަށެވެ.

މާލެއަށް އެންމެ ފުރަތަމަ މިނީ ބަސް ތައާރަފްކުރުމުގެ މަސައްކަތް ހަވާލުކުރީ ޓްރާންސްޕޯޓް މިނިސްޓްރީއާއެވެ. އެ މިނިސްޓްރީއަށް އެމަސައްކަތް ނުފެށި ލަސްވެފައިވަނީ ފައިސާ ނެތުމުންކަމަށް މީގެ ކުރިން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ވިދާޅުވެފައެވެ. މިނީ ބަސް މަޑުކުރާނެ ބަސް ސްޓޮޕް ހެދުމުގެ މަސައްކަތުގެ ސާވޭ ވެސް އެ މިނިސްޓްރީން ވަނީ ކޮށްފައެވެ.

އެ ސާވޭގެ މަސައްކަތް އެއްކޮށް ނިމިފައިނުވެއެވެ. އެ ސާވޭގައި ބުނެފައިވާ ގޮތުން މަޖީދީ މަގާއި އަމީނީ މަގު، އޯކިޑު މަގު، ފަރީދީ މަގުގެ އިތުރުން މާލޭގެ އެތެރޭގެ ބައެއް މަގުތަކުގައި ބަސް ސްޓޮޕް ހަދާނެއެވެ.

ޓްރާންސްޕޯޓަށް މިނިސްޓްރީއަށް މިނީ ބަހުގެ ހިދުމަތް ނުދެވި ލަސްވަމުން ދާތީ 2019 ވަނަ އަހަރު އެމަސައްކަތް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.