އޭޝިއަން ކަޕް

ހޮންކޮންގް ކައިރީ ތާރީހީ ބޮޑު މޮޅެއް ހޯދައި، އެއްވަނައިގައި އިންޑިއާ އޭޝިއަން ކަޕަށް

އޭޝިއަން ކަޕް ކޮލިފިކޭޝަން ތިންވަނަ ބުރުގެ ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުގައި ހޮންކޮންގް ކައިރީ 4-0 އިން މޮޅުވެ އިންޑިއާއިން ޖެހިޖެހިގެން ދެވަނަ ފަހަރަށް އޭޝިއަން ކަޕުން ފުރުސަތު ޔަގީންކޮށްފިއެވެ.

އިންޑިއާއިން އަންނަ އަހަރުގެ އޭޝިއަން ކަޕުން ފުރުސަތު ޔަގީންކުރީ ގްރޫޕް ޑީގައި ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެގެންނެވެ. އިންޑިއާގައި ހޯސްޓް ކުރި އެ ގްރޫޕުގެ މެޗުތަކުގެ ތެރެއިން ފުރަތަމަ ދެ މެޗުގައި އިންޑިއާއިން ވަނީ 2-0 އިން ކެމްބޯޑިއާ ބަލިކޮށް، 2-1 އިން އަފްގާނިސްތާނުވެސް ބަލިކޮށްފައެވެ. އެ ދެ މޮޅާއެކު ރޭގެ މެޗަށް ނުކުތްއިރު އިންޑިއާއަށް އޮތީ އޭޝިއަން ކަޕުގެ ޖާގައެއްް ޔަގީންވެފައެވެ.

ރޭގެ މެޗުގައި 4-0 އިން އިންޑިއާއިން ހޮންކޮންގް ބަލިކުރި އިރު، އެ ގައުމުން ހޮންކޮންގް ބަލިކޮށްފައިވަނީ 29 އަހަރަށްފަހުއެވެ. ރޭގެ މެޗުގައި އިންޑިއާގެ ގޯލުތައް ޖަހައި ދިނީ އަންވަރު އަލީއާއި ސުނިލް ޗެތުރީގެ އިތުރުން މަންވީރު ސިންހާއި އިޝާން ޕަންޑިތާއެވެ.

އަންނަ އަހަރު އޮންނަ އޭޝިއަން ކަޕަކީ އިންޑިއާއިން ނުކުންނާނެ ފަސް ވަނަ އޭޝިއަން ކަޕެވެ. އެންމެފަހުން 2019 ވަނަ އަހަރު ކުޅުނު އޭޝިއަން ކަޕުގައި އިންޑިއާއިން ކަޓާފައި ވަނީ ގްރޫޕް ސްޓޭޖުންނެވެ. އިންޑިއާއާ އެއް ގްރޫޕެއްގައި އެފަހަރު ހިމެނުނީ ޔޫއޭއީއާއި ތައިލެންޑް އަދި ބަހުރެއިންނެވެ. އެފަހަރު އޭޝިއަން ކަޕުގައި އިންޑިއާއިން ވަނީ ތައިލެންޑް ކައިރީ ބޮޑު މޮޅެއް ހޯދައިފައެވެ.

މިފަހަރުގެ ތިންވަނަ ބުރުގެ ކޮލިފިކޭޝަނަށް ބަލައިލާއިރު، ފަލަސްތީނު ވަނީ އެ ގްރޫޕުގެ އެއްވަނައިގައި ކޮލިފައިވެފައެވެ. އޭގެ އިތުރުން ދެން މި ސަރަހައްދުގެ ޓީމަކުން އޭޝިއަން ކަޕަށް ކޮލިފައިވެފައެއް ނުވެއެވެ.