އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނެރޭ ތްރީ ލައިން ވިޕާ ހިލާފަށް ވޯޓު ދެއްވައިފިނަމަ ޕާޓީގެ ޓިކެޓް ފަސް އަހަރަށް ނުލިބޭގޮތަށް އެމްޑީޕީގެ އަސާސީ ގަވާއިދު އިސްލާހުކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށް އެޕާޓީގެ ޕީޖީ ލީޑަރު، ރައްޔިތުން މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ވިޕް ލައިނާ ހަތަރު ވަނަ ފަހަރަށް ހިލާފުވުމުން ޕާޓީގެ މަގާމެއްގައި ހުރި މީހެއް ނަމަ މަގާމުން ވަކިކޮށް، އިންތިހާބެއްގައި ކުރިމަތިލުން އެއް އަހަރު ދުވަހަށް މަނާ ކުރެވޭނެއެވެ. އަސްލަމް ވަނީ އެމުއްދަތު ފަސް އަހަރަށް އިތުރުކުރުމަށް ވިސްނުންފުޅު ގެންގުޅުއްވާ ކަމަށް ވިދާޅުވެފައެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުން ހުސެއިން ޝަމީމު ވަކިކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ވަނީ ތްރީލައިން ވިޕެއް ނެރުމަށް ނިންމައިފައެވެ. ނަމަވެސް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެފައިވަނީ ވިޕް ލައިނާ ހިލާފަށް އެމަނިކުފާނު ވޯޓު ދެއްވާނެ ކަމަށެވެ. އަދި ވިޕް ލައިނާ ހިލާފަށް ވޯޓު ދެއްވުމުން އެމްޑީޕީން ކަނޑާނުލާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ނަޝީދު ވަނީ ވިޕް ލައިނާ ހިލާފަށް ވޯޓު ދިނުމަށް އެހެން މެމްބަރުންނަށް ގޮވައިލައިފައެވެ. އެ ގޮވާލުމަށް 19 މެމްބަރަކު ވަނީ އިޖާބަދެއްވައިފައެވެ.
ނަޝީދު މިއަދު އެމްޑީޕީގެ ޕީޖީ މެމްބަރުންގެ ތިއްބަވާ ގްރޫޕަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، ވިޕްލައިނާ ހިލާފުވެވަޑައިގަތުމަށް ނިންމެވީ ސަރުކާރު ޖަވާބުދާރީ ނުކުރެވިއްޖެނަމަ ރާއްޖެއަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ. އަދި ވިދާޅުވީ މަޖިލިސް މެމްބަރުން އެއްވެސް ހައްދެނެތި ސަރުކާރަށް ތާއިދުކުރުމުގެ ސަބަބުން ބައެއް ގައުމުތައް އެއްކޮށް ބަނގުރޫޓު ވަމުންދާ ކަމަށެވެ.
"ރާއްޖެ ފަދަ ޕާލިމެންޓްތަކުގައި ސަރުކާރުގެ މެމްބަރުން ސަރުކާރަށް ތާއީދު ކުރި ކުރީނުން ގައުމުތައް އެކަށް އެބަ ބަނގުރޫޓު އެބަވޭ،" ނަޝީދު ވިދާޅުވިއެވެ.
ޕީޖީ ގްރޫޕުގެ ލީޑަރު އަސްލަމް މިއަދު "ވަން" އަށް ވިދާޅުވީ، އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ވިޕް ލައިނާ ހިލާފުވާ މެމްބަރުންނަށް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަދި ވިދާޅުވީ އަސާސީ ގަވާއިދަށް އިސްލާހު ގެނެސްގެން ވިޔަސް، މެމްބަރުން ވިޕް ލައިނާ އެއްގޮތަށް އަމަލުކުރެއްވުމަށް ބާރު އަޅުއްވާނެ ކަމަށެވެ.
"އަޅުގަނޑުމެން އެބަ ވިސްނަން ވިޕް ލައިންތަކާ ހިލާފުވާނަމަ މިހާރު އޮންނަ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރަން. މި ދެންނެވީ ވިޕް ލައިނާ ތަކުރާރުކޮށް ހިލާފުވާނަމަ އެ ހިލާފުވި ފަރާތަކަށް ފަސް އަހަރަކަށް ޕާޓީގެ ޓިކެޓު ނުލިބޭ އުސޫލެއް،" އަސްލަމް ވިދާޅުވިއެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ވިޕް ލައިނާ ފުރަތަމަ ހިލާފުވުމުން ނަސޭހަތް ދޭންވާނެއެވެ. ދެ ވަނަ ފަހަރަށް ހިލާފުވުމުން ނަސޭހަތްދީ، މާފަށް އެދެން އެންގާނެއެވެ. ތިން ވަނަ ފަހަރަށް ހިލާފުވުމުން ޕާޓީން ދޭ ބައެއް އިނާޔަތްތައް ކަނޑައިލާނެއެވެ. ހަތަރު ވަނަ ފަހަރަށް ހިލާފުވުމުން ޕާޓީގެ މަގާމެއްގައި ހުރި މީހެއް ނަމަ މަގާމުން ވަކިކޮށް، އިންތިހާބެއްގައި ކުރިމަތިލުން އެއް އަހަރު ދުވަހަށް މަނާކުރާނެއެވެ. ފަސް ވަނަ ފަހަރަށް ހިލާފުވުމުން ޕާޓީން ވަކިކުރާނެއެވެ.
އަސްލަމް ވިދާޅުވީ، ފަނޑިޔާރު އަބްދުﷲ ހަމީދު ފަނޑިޔާރުކަމުން ވަކިކުރަން ނެރުނު ވިޕާ ހިލާފުވި ފަސް މެމްބަރުންނަށް ވެސް ފިޔަވަޅު އަޅުއްވައިވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު