ވޮލީބޯޅަ އެސޯސިއޭޝަން

ފަހަތުން އަރައި އޮފު އެފްސީވެސް ބަލިކޮށް، ޕޮލިސް އެއްވަނައަށް

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިހާރު ކުރިއަށްދާ ފޯރިގަދަ ވޮލީބޯލް އެސޯސިއޭޝަން ކަޕްގައި މިރޭ ކުޅުނު މެޗުގައި ފަހަތުން އަރައި އޮފު އެފްސީ ބަލިކޮށް ޕޮލިސް ކްލަބުން އެއްވަނަ މަގާމަށް ޖެހިލައިފިއެވެ.

މިރޭގެ މެޗުން ޕޮލިހުން ކާމިޔާބުކުރީ ތިން ސެޓު އެއް ސެޓުންނެވެ. މިރޭގެ މެޗު ފަހަތުން އަރައި ކާމިޔާބުކޮށް، ޕޮލިހުން މިވަގުތު އޮތީ އެއްވަނައިގައެވެ. މިހާތަނަށް ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ގަދަ ތިން ޓީމުގެ ތެރޭގައި ހިމެނުމުގެ ފުރުސަތު ޕޮލިހުންނަށް މިހާރު އޮތީ ބޮޑު ކޮށެވެ.

މުބާރާތުގެ ފޯމެޓް ރޭވިފައި އޮތް ގޮތުން އެއްވަނަ ހޯދާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގަ ލިބޭނެއެވެ. ފައިނަލުގެ އަނެއް ޖާގަ ލިބޭނީ ދެވަނަ އާއި ތިންވަނަ ޓީމު ކުޅޭ ޕްލޭ އޮފް މެޗުން މޮޅުވާ ޓީމަކަށެވެ. މިރޭގެ މޮޅާއެކު ޕޮލިސް އެއް ވަނައިގައި އޮތީ ތިން މެޗުން މޮޅުވެގެން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ކްލަބް ވެމްކޯ ދެ މެޗުން މޮޅުވިއިރު، ވަނީ ހަ ޕޮއިންޓް ލިބިފައެވެ. ދެން އޮތް ހަތަރު ޓީމަށް ބަލާއިރު، ސްޕޯޓްސް ކްލަބް ސިޓީ ދެމެޗުން ތިން ޕޮއިންޓް ހޯދިއިރު، އޮފު އެފްސީ ވަނީ ތިން މެޗުން ތިން ޕޮއިންޓް ހޯދައިފައެވެ. އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބް އާއި ގުޑީސް ސްޕޯޓްސް ކްލަބް ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފައެވެ.

މިރޭގެ މެޗުގެ ފުރަތަމަ ސެޓު އޮފު އެފްސީން 25-23 އިން ގެންދިޔަ ނަމަވެސް ދެން އަނެއް ތިން ސެޓުވެސް ޕޮލިހުން ވަނީ މޮޅަށް ކުޅެ ކާމިޔާބު ކޮށްފައެވެ. އޮފު އެފްސީން ފުރަތަމަ ސެޓު ގެންދިޔުމުގައި އަމިތު ގޫލިއާ އާއި ގުރޫ ޕްރަސާންތުގެ ދައުރު ބޮޑެވެ. އެ ދެ އެޓޭކަރުންގެ ރަނގަޅު ހަމަލާތައް ފެނުނެވެ.

ޕޮލިހުން ދެވަނަ ސެޓަށް ރަނގަޅު ކުރި އިރު، މިރޭވެސް އެޓީމުގެ ތަރިއަކީ އިންޑިއާ ސެޓަރު، މުއްތުސާމީ އަޕަވޫއެވެ. އޭނާގެ ސެޓު ކޮށްދޭ ބޯޅަތައް ފުރިހަމަކޮށް ފެނުނު އިރު، މުޅި ޓީމުގެ ހުރިހާ އެޓޭކަރުން ގޭމުން ބޭރުވިޔަނުދީ ހިފެހެއްޓިއެވެ. އެގޮތުން ޕޮލިހުގެ އަނެއް ދެ ބިދޭސީ ކުޅުންތެރިން ކަމަށްވާ އަނޫ ޖޭމްސް އާއި އަކިން އައްމާލް ވެސް ފެނުނީ ލިބޭ ގިނަ ބޯޅަަތަކުގައި ކާމިޔާބު އެޓޭކްތަކެއް ކުރާތަނެވެ.

ޕޮލިހަށް ކުޅެމުންދާ ރާއްޖޭގެ ޒުވާން ކުޅުންތެރިންގެ ހުނަރުވެރިކަންވެސް ފެނުނު މެޗުގެ ފަހު ތިން ސެޓު ޕޮލިހުން ގެންދިޔައީ 25-18، 25-16 އަދި 25-20 އިންނެވެ.

މުބާރާތުގައި މާދަމާ ދެ މެޗު ކުޅޭނެއެވެ. ހަވީރު ކުޅޭ މެޗުގައި ސިފައިން ކުޅޭނީ ވެމްކޯއާ ދެކޮޅަށެވެ. އެ މެޗު ފަށާނީ 16:15 ގައެވެ. މާދަމާރޭ، 20:15 ގައި ފަށާ މެޗުގައި ސްޕޯޓްސް ކްލަބު ސިޓީ ބައްދަލުކުރާނީ ގުޑީސްއާއެވެ.