ހައި ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މިމަހުގެ 27 ވަނަ ދުވަހުގެ މެންދުރު 1:00އާ ހަމައަށް ކަމަށެވެ.

ހައި ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި މުސްލިމަކު ކަމުގައިވުމާއި ސުންނީ ޖަމާއަތުގެ މީހަކަށް ވުމުގެ އިތުރުން ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކޮށްފައިވާ ނުވަތަ އައްޔަންކޮށްފައިވާ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކަށް ނުވުމެވެ.

ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުމާއި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމެވެ.

އަދި ގާނޫނުލްއުގޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަހުލާގީ އަމަލެއް ހިންގި ކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ހުކުމްކުރެވި އެ ހުކުމް ވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި ތަންފީޒުކޮށް ނިމިފައިވާ މީހަކަށް ނުވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން ހައި ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތަކީ އުމުރުން 25 އަހަރުވެފައިވާ ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކު ކަމުގައި ވެގެންނުވާނެއެވެ.

ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތަކީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުލުކޮށްފައިވާ ފަރާތަކަށް ވާން ޖެހޭނެއެވެ. އަދި އެފަރާތަކީ ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ހުރި ފަރާތަކަށްވާން ޖެހޭނެއެވެ.

ހައި ކޯޓުގެ ފަނޑިޔާރެއްގެ މުސާރައަކީ މަހަކު 36،000 ރުފިޔާއެވެ. ލިވިސް އެލޮވެންސް ގޮތުގައި މުސާރައިގެ އިތުރުން 15،000 ރުފިޔާ އަދި ރިސްކު އެލެވެންސްގެ ގޮތުގައި 3،000 ރުފިޔާ ލިބޭނެއެވެ.

ހައި ކޯޓަށް ދެ ފަނޑިޔާރަކު ހޯދަން އިއުލާން ކޮށްފައި މިވަނީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އިސްތިއުފާ ދެއްވުމުންނާއި ފަނޑިޔާރު އަބްދުﷲ ހަމީދު މަގާމުން ވަކިކުރުމަށް ރައްޔިތުން މަޖިލީހުން ފާސް ކުރުމުންނެވެ.

އެކޯޓުގެ ފަނޑިޔާރު އަލީ ސަމީރު ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ދެ ބޭފުޅަކު ވަނީ ކުރިމަތިލައްވައިފައެވެ.

އެ ދެ ބޭފުޅުންނަކީ ސިވިލް ކޯޓުގެ އިސް ގާޒީ ހުޒައިފާ މުހައްމަދާއި ޝުކުރުﷲ ޝަކީލް ކަމަށެވެ.

ޖޭއެސްސީން މިއަދު ވަނީ އަތޮޅުތެރޭ މެޖިސްޓްރޭޓު ކޯޓުތަކައް ހަތް މެޖިސްޓްރޭޓަކު ހޯދަން ވެސް އިއުލާންކޮށްފައެވެ. އެއީ އިސް މެޖިސްޓްރޭޓުގެ މަގާމަށް ފަސް ބޭފުޅުކާއި މެޖިސްޓްރޭޓުގެ މަގާމަށް ދެ ބޭފުޅުންނެވެ.