ރައީސް އިބްރާހިމް މުހައްމަދު ސޯލިހު, ތައުލީމީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެންނަވައިފި ކަމަށާއި އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ހުންނަވާނީ އެމަނިކުފާނާ އެކު ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.
"ވަން" އަށް ދެއްވި އިންޓަވިއުއެއްގައި ޑރ. އައިޝަތު ވިދާޅުވީ, ރައީސް ސޯލިހާއެކު ހުންނަވާނީ އެކަމުގައި ސަބަބުތަކެއްވާތީ ކަމަށެވެ.
އެގޮތުން ރައީސް ސޯލިހަކީ ވަރަށް ވިޝަނަރީ ލީޑަރެއް ކަމަށާއި އަދި ތައުލީމީ ދާއިރާއާ ގުޅުންހުރި ކަމެއްގައި އެމަނިކުފާނުގެ އަރިހަށް ވަޑައިގެންފި ނަމަ އެކަން ކުރެވޭނެ ގޮތުގެ މަގެއް ރައީސް ހޯއްދަވައިދެއްވާ ކަމަށް ވިދާޅުވިއެވެ.
އަދި ތައުލީމީ ދާއިރާއަށް ވަރަށް ހާއްސަކަމެއް ދެއްވައިގެން ތައުލީމީ ދާއިރާ ތަރައްގީކުރުމާއި މީހުން ބިނާކުރުމަށް ރައީސް ސޯލިހު މަސައްކަތް ކުރައްވާ އިރު, އެ ދާއިރާއިން ގިނަ ކަންތައްތަކެއް ހާސިލުކޮށްދެއްވައިފި ކަމަށް ވިދާޅުވިއެވެ.
"އެއްކަމަކީ މުދައްރިސުންގެ މުސާރަ. ހާދަ އުފަލުންނޭ މީހުން ތިބީ. ރައީސް ތައުލީމީ ދާއިރާއަށް ގެންނެވި އެންމެ ބޮޑު ކާމިޔާބީ އަކީ މުދައްރިސުންގެ މުސާރަ ބޮޑުކުރުން. ރައީސަކީ ވައުދުވެފައި ވައުދުފުއްދަވާ ރައީސެއް," ޑރ. އައިޝަތު ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ އެއްދަންފަޅިއަށް ސްކޫލުތައް ބަދަލުކުރުމަށް ރައީސް ވެވަޑައިގެންނެވި ވައުދުގެ ދަށުން ކުރައްވާ ކަންތައްތަކަށާއި ކޮވިޑުގެ ތެރޭގައި ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ގޮތް މަގުފަހިކޮށްދެއްވުމަށް ރައީސް ކުރެއްވި މަސައްކަތް ފާހަގަކުރައްވައިފައެވެ.
ރައީސްއާއެކު ކުރެއްވި ދަތުރުތަކުގައި ފާހަގަވި ކަންކަން ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ, ކޮންމެ މީހަކާ ދޭތެރޭގައިވެސް އެމަނިކުފާނު އަމަލުކުރައްވާ ގޮތާއި އެ ހުންނަ މަޑުމައިތިރި ކަމަކީ ރައީސް ސޯލިހުގެ ފަރާތްޕުޅުން ފެނިވަޑައިގަންނަވާ އެންމެ ކަމުދާ ސިފަ ކަމަށެވެ. އަދި ވެރިއެއްގެ ކިބައިން ފެންނަންޖެހޭ ހުރިހާ ސިފައެއް ރައީސް ސޯލިހުގެ ފަރާތްޕުޅުން ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު