ވޮލީ ބޯލް

ފަހަތުން އަރައި ޕޮލިހުން ސިފައިން ބަލިކޮށްފި، ސިޓީވެސް ބަލިކޮށް ވެމްކޯ ކުރިއަށް

ވޮލީބޯޅަ އެސޯސިއޭޝަން ކަޕުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ދިވެހި ސިފައިންގެ ކްލަބު ކައިރިން ފަހަތުން އަރައި ޕޮލިސް ކްލަބު މޮޅުވި އިރު، ރޭ ކުޅުނު މެޗުގައި ވެމްކޯއިން ސްޕޯޓްސް ކްލަބު ސިޓީ ބަލިކޮށްފިއެވެ.

ވޮލީބޯޅަ އެސޯސިއޭޝަނުން މިއަހަރުގެ ވޮލީ ސީޒަނަށް ގެނައި ބަދަލާއެކު އެސޯސިއޭޝަން ކަޕުގައި މިހާތަނަށް ފެނުނީވެސް ފޯރިގަދަ މެޗުތަކެކެވެ. އިއްޔެ ހަވީރު މެޗަށް ޕޮލިސް ކްލަބުން ނުކުތީ ޖެހިޖެހިގެން ދެ މޮޅު ހޯދުމަށެވެ. ފުރަތަމަ މެޗުގައި ގުޑީސް ސްޕޯޓްސް ކްލަބު ބަލިކޮށް ޕޮލިހުން ހިތްވަރާއެކު އޮތްއިރު، ދިވެހި ސިފައިން ކްލަބުން އިއްޔެގެ މެޗަށް ނުކުތީ ކްލަބު ސިޓީ އަތުންވީ ބަލި ހަނދާން ނައްތާލުމަށެވެ.

މެޗަށް ނުކުމެ ފުރަތަމަ ދެ ސެޓު ސިފައިން ގެންދިޔައީ ރަނގަޅު ރޫހެއްގައި ކުޅެގެންނެވެ. ޝޮން ޓީ ޖޯންގެ ބާރު ހަމަލާތަކާއެކު އެ ޓީމުން ފުރަތަމަ ސެޓު 25-15 އިން ގެންދިޔައިރު، ދެވަނަ ސެޓު ސިފައިން ގެންދިޔައީ 25-20 އިންނެވެ. ސިފައިންގެ ޓީމުގެ އާދަމް ނަސީމް (އެޑަމް)ގެ ރަނގަޅު ޝޮޓްތަކެއް ފުރަތަމަ ދެ ސެޓުގައި ފެނިގެންދިޔައެވެ.

ތިން ވަނަ ސެޓުގައި ސިފައިންގެ ފަރާތުން ބޮޑެތި ގޯސްތައް ފެންނަން ފެށިއެވެ. އެ ގޯސްތަކުގެ ބޭނުން ހިފައި، ޕޮލިހުން ސެޓު ގެންދިޔައީ 22-25 އިންނެވެ. ސެޓު ގެންދިއުމުގައި ޕޮލިހުގެ ސެޓަރު މުތުސާމީގެ ހުނަރު ފެނުނު އިރު، ބެކް ކޯޓުން އަނޫ ޖޭމްސް ޖެހި ބާރު ހަމަލާތައް ފާހަގަވިއެވެ.

ހަތަރު ވަނަ ސެޓަށް ދިޔައިރު ސިފައިން އޮތީ ޕްރެޝަރުގައެވެ. ސެޓު ވާދަވެރިކޮށް ފެނުނި އިރު، އަނޫ ޖޭމްސްގެ ބާރު ހަމަލާތަކާއެކު ޕޮލިހުން ސެޓު ގެންދިޔައީ 20-25 އިންނެވެ. ފަހު ސެޓުގައި ޕޮލިސް ފެނުނީ އާދަޔާ ޚިލާފު ރޫހެއްގައި ކުޅުނު ތަނެވެ. ފެށިގޮތަށް ބޮޑު ލީޑެއް ނަގައި އެ ލީޑު ދެމެހެއްޓިއެވެ. އިތުބާރާއެކު ކުޅެ ޕޮލިހުން ސެޓު ގެންދިޔައީ 7-15 އިންނެވެ.

ރޭ ކްލަބް ވެމްކޯއިން ކުޅުނު މެޗުގައި ކްލަބު ސިޓީ ބަލިކުރީ 3-1 ސެޓުންނެވެ.

ވެމްކޯއިން ކުޅުނު ފުރަތަމަ މެޗުން 3-1 ސެޓުން އޮފު އެފްސީ ބަލިކޮށްފައިވާ އިރު، ސިޓީންވެސް ނުކުތީ ދެވަނަ މޮޅެއް ހޯދުމަށެވެ. ސިޓީން ވަނީ ފުރަތަމަ މެޗުގައި ސިފައިންގެ ކްލަބު ބަލިކޮށްފައެވެ. ރޭ ކުޅުނު މެޗުގެ ފުރަތަމަ ސެޓުތައް ދިޔައީ، 27-25، 25-22، 18-25 އަދި 25-17 އިންނެވެ.

ފުރަތަމަ ދެ ސެޓުގައި ވެމްކޯއިން މުޅިން ކަހަލަ ގޮތަކަށް އެޓޭކް ކުރީ އަޝްވަލް ރާއީ އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ)ގެ ބޭނުން ވަރަށް ރަނގަޅަށް ހިފައިގެންނެވެ. އެކަން ކާމިޔާބުވީ ރަންޖިތު ހިއްލި ބޯޅަތައް ފުރިހަމަވެ، އިދިކޮޅު ޓީމަށް ނުހިފެހެއްޓޭ ޒޯންތަކަށް ކުޑަކާއްޓޭއާއި އަޝްވަލް ރާއީ ބޯޅަތައް ފޮނުވުމުންނެވެ. ފުރަތަމަ ދެ ސެޓު، ވެމްކޯ އިން ގެންދިޔައީ 27-25، 25-22 އިންނެވެ.

ތިން ވަނަ ސެޓުގައި ވެމްކޯގެ ކުޅުން ކުޑަކޮށް ދަށްވުމުގެ ފައިދާ ނަގައި، ވިނީތު ކުމާރާއި އަލީ ހުޒާމް (ހުޒަންޓެ) ރަނގަޅު ހަމަލާތަކާއެކު ސިޓީން ސެޓު ގެންދިޔައީ 18-25 އިންނެވެ. ވެމްކޯއިން އަނެއްކާވެސް ފޯމު ނަގައި ހަތަރު ވަނަ ސެޓުގައި ކުޅުން ރަނގަޅުކުރިއެވެ. ރަންޖިތުގެ މޮޅު ސެޓިންތަކާއެކު ހަތަރު ވަނަ ސެޓު ވެމްކޯއިން ގެންދިޔައީ 25-17ގެ ނަތީޖާއަކުންނެވެ.

މުބާރާތުގައި މިއަދު އޮތީ އެންމެ މެޗެކެވެ. މިރޭ 20:15 ގައި ކުޅޭ މެޗުގައި އޮފު އެފްސީ ކުޅޭނީ ޕޮލިހާ ދެކޮޅަށެވެ.