މާފަންނު ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ އިއްޔެ ފެނުނު މީހާގެ ޝައްކު އުފެދޭ ކަމެއް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މަރުވެފައި އޮއްވައި ފެނުނީ ކުމުދު ނަމަކަށް ކިޔާ އުމުރުން 57 އަހަރުގެ ސްރީ ލަންކާ ފިރިހެނެކެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ އޭނާގެ މީހާގެ ހަށިގަނޑު މިހާރު އޮތީ ގ. މޯޗަރީގައި ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކަމާގުޅޭ އިދާރާތަކާއި ގުޅިގެން މިހާރު ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ކުމުދާ ރާއްޖެއިން ހަވާލުވެ ހުރި މީހާ "ވަން" އަށް މިއަދު ބުނީ އޭނާ ހުންނާނީ އިންޝުއަރެންސް ކޮށްފައި ކަމަށެވެ. އެހެންކަމުން ކުމުދުގެ ހަށިގަނޑު ފޮނުވާލުމުގެ ހުރިހާ ކަމެއް ކުރާނީވެސް އެ އިންޝުއަރެންސް ކުންފުނިން ކަމަށް ބުންޏެވެ.

ކުމުދު މަރުވެފައި ވަނީ ބޮލުގައި ރިއްސާތީ އުޅުމަށްފަހު ކަމަށް އޭނާގެ ގާތް މީހަކު ވަނީ "ވަން" އަށް ބުނެފައެވެ. އަދި އާދީއްތަ ދުވަހުގެ ރޭ އޭނާއަށް ބޭސްވެސް ދިން ކަމަށް އެމީހާ ބުންޏެވެ.

"ކުމުދު ބުނީ ހެނދުނު 7:00ގައި ގުޅަން. އެކަމަކު ފޯނު ނުނެގީމަ 11:00 ޖަހަން އުޅެނިކޮށް އެގެއަށް ދިޔައީ. ދޮރުގަ ޓަކި ޖެހީމަވެސް ނުހުޅުވާ. ދެން އެހެން މީހަކަށް ގޮވާ ގެނެސް ގަދަކަމުން ދޮރު ހުޅުވާފަ ބެލި އިރު، އެނދުމަތީގަ އޮތީ ހަރުވެފައި. އަހަރެން ހީކުރީ ހޭނެތިފަ ކަމަށް. ދެން އެހެން މީހުން ބަލާފަ ބުނީ މަރުވެފައޭ އޮތީ،" އޭނާ ބުންޏެވެ.

ކުމުދު ރާއްޖޭގައި އުޅޭތާ 10 އަހަރަށްވުރެ ގިނަ ދުވަސް ވެދާނެ ކަމަށް އޭނާ ދަންނަ މީހަކު ބުންޏެވެ.