މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު، ގއ. މާމެންދޫގައި ހިންގި މާރާމާރީއެއްގައި މަރާލި، އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔުގެ ބުރަކަށްޓަށް ހެރި ވަޅި އޭނާ އެރަށު ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް ހަރުލާފައި ހުރި ކަމަށް ހެކިވެރިޔަކު ބުނެފިއެވެ.
އުދައްޔު މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރަނީ ގއ. މާމެންދޫ/ ރިހިފަރުދާގޭ، އަހުމަދު ޝަމީމާއި އެރަށު ބިލަތްމާގޭ ޝަރަފު ރަޝީދުގެ އިތުރުން އެރަށު ގުލްފާމުގޭ މުހައްމަދު މާޒިންގެ މައްޗަށެވެ. ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދަައުވާގެ އިތުރުން ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާވެސް އެ މީހުންގެ މައްޗަށް ދައުލަތުން ކުރެއެވެ.
އުދައްޔުގެ މަރާ ގުޅިގެން ކުޑަކުއްޖެއްގެ މައްޗަށްވެސް ދައުވާ ކޮށްފައިވެއެވެ. އެ ކުއްޖާގެ މައްސަލަ ޖުވެނައިލް ކޯޓުގައި ކުރިއަށްދާ އިރު، އެ ކުއްޖާއަށް މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ ވަނީ އުފުލައިފައެވެ.
އުދައްޔުގެ މަރުގެ މައްސަލައިގައި ކުރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔައީ ދައުލަތުގެ ހެކީންގެ ހެކިބަސް ނެގުމުގެ އަޑުއެހުމެކެވެ. އެގޮތުން ދައުލަތުން ވަނީ ހެކީންގެ ގޮތުގައި ދެ ފުލުހަކު ހާޒިރުކޮށްފައެވެ. އެއީ، ގއ. ގެމަނަފުށީ އާޒާދީގޭ މުހައްމަދު ނައުޝާދާއި ގއ. ގެމަނަފުށީ، ދުނި، އަހުމަދު ނަދީމެވެ.
ހެކިބަސް ދެމުން، ހެކިވެރިޔާ ނައުޝާދު ބުނީ އޭނާ މަސައްކަތް ކުރަނީ މޯލްޑިވްސް ޕޮލިސް ސާވިސްގައި ކަމަށާއި ތަހުގީގުގެ ކަންކަމާއި ސްޓޭޝަންތަކާވެސް ހަވާލުވެގެން މަސައްކަތް ކުރާ ކަމަށެވެ. އަދި އުދައްޔު މަރާލި އިރު، އޭނާ ހުރީ ގއ. މާމެންދޫ ޕޮލިސް ސްޓޭޝަނާ ހަވާލުވެގެން ކަމަށް ބުންޏެވެ.
ދައުލަތުން ކުރި ސުވާލުތަކަށް ޖަވާބު ދެމުން ހެކިވެރިޔާ ނައުޝާދު ބުނީ، އުދައްޔު މަރާލި ރޭގެ އިޝާ ނަމާދުގެ ފަހުގެ ވަގުތެއްގައި މާމެންދޫ ވިލެޖު ލައިފް ކިޔާ ގެސްޓްހައުސެއްގެ ކުރިމަތީގައި މާރާމާރިއެއް ހިންގައިގެން އުޅޭކަމުގެ މައުލޫމާތު އާއްމު ފަރާތަކުން ޕޮލިސް ސްޓޭޝަނަށް އައިސް ދިނުމުން އެތަނަށް ދެ ފުލުހުންގެ ޓީމެއް ފޮނުވި ކަމަށެވެ.
"އެބޭފުޅުން އެތަނަށް ގޮސްފައި އައިސް ބުނީ އެމީހުން އެތަނަށް ދިޔައިރު މާރާމާރީއެއް ނުހިނގައޭ، ދަނގަޑޭމެން ޒުވާބުކޮށްފައޭ ދިޔައީ، އެ މައުލޫމާތު އެވަރަށް ލިބުނީ. ދަނގަޑޭ ކިޔަނީ ގއ. މާމެންދޫ ރިހިފަރުދާގޭ އަހުމަދު ޝަމީމަށް،" ފުލުސް މީހާ ބުންޏެވެ.
ފުލުސް މީހާ ބުނީ ދެވަނަ މާރާމާރީގެ ހަބަރު ލިބުނީ އެހެން ފުލުހެއްގެ ފަރާތުން ކަމަށާއި އެ މާރާމާރީ ހިންގި ކަމަށް ބުނާ ސަރަހައްދަށް ދިޔައިރު، އެތަނުގައި ހުރި މީހުންގެ ފަރާތުން މާރާމާރީގައި ޒަހަމްވި ދެ މީހުން މާމެންދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ. އެހެންވެ ވަގުތުން މާމެންދޫ ސިއްހީ މަރުކަޒަށް އޭނާ ދިޔަ ކަމަށް އޭނާ ބުންޏެވެ.
ފުލުސް މީހާ ބުނީ ސިއްހީ މަރުކަޒަށް ދިޔައިރު، އުދައްޔުގެ ބޭބެ، ފިރުޝާން ޒާހިރު އަރިއަކަށް އޮތް ކަމަށާއި އޭނާގެ ބުރަކަށީގައި ވަނީ ބެންޑޭޖު އަޅާފައި ކަމަށެވެ. އަދި އޭނާއަށް އުދައްޔު ފެނުނުއިރު އޮތީ އުއްޑުން ބާއްވާފައި ކަމަށާއި އުދައްޔު އޮތް އެނދާ ދިމާ ތިރީގެ ޓައިލްސްގަނޑު މަތިން ވަޅި ތިލައެއް ފެނުނު ކަމަށާއި އޭގައި ލޭވެސް ހުރި ކަމަށް ބުންޏެވެ.
އަދި އެ ވަޅީގެ ކޮޅުގައި އޭގެ މުއްގަނޑުގެ ތަންކޮޅެއް އިން ކަމަށާއި އެއީ ނޫކުލައިގެ މުއްގަނޑެއް އިން ވަޅިއެއް ކަމަށް ބެލެވޭ ކަމަށް އޭނާ ބުންޏެވެ.
ހޮސްޕިޓަލުގެ ސްޓާފަކާ ހަވާލާދީ އޭނާ ބުނީ އުދައްޔު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ބުރަކަށީގައި ވަޅި ހަރުލާފައި ހުރި ކަމަށާއި ވަޅި ނައްޓާލީ ޑޮކްޓަރު ކަމަށެވެ. އަދި އޭނާއަށް ފެނުނުއިރު އުދައްޔުގެ އެއްވެސް ހަރަކާތެއް ނެތް ކަމަށްވެސް ބުންޏެވެ.
ދައުލަތުން ދެވަނަ ހެއްކެއްގެ ގޮތުގައި ހާޒިރުކުރީ، އުދައްޔު މަރާލި އިރު، ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރަމުން އައި ފުލުހެއް ކަމަށްވާ ނަދީމެވެ. އޭނާއަކީ އުދައްޔު އާއި ފިރުޝާނާ ދެމެދު މާރާމާރީ ހިންގި ކަމަށް ތުހުމަތުވާ މައްސަލައިގައި މީހުން ހައްޔަރުކުރުމަށް ވިލިނގިލިން ދިޔަ އޮޕަރޭޝަން ޓީމުގައި ހިމެނޭ މީހެކެވެ.
ކޯޓުގައި ހެކިބަސް ދެމުން ނަދީމް ބުނީ، ގާނޫނީ އިންޒާރު ދީގެން އޭނާ ހައްޔަރުކުރީ ޝަމީމް އާއި ޝަރަފު ކަމަށެވެ. އެމީހުން ހައްޔަރުކުރި އިރު ހާޒިރުގައި އިތުރު ފުލުހެއް ކަމަށްވާ އަހުމަދު ފަރުހާނު ހުރި ކަމަށް ބުންޏެވެ.
ނަދީމް ބުނީ، ޝަމީމް ހައްޔަރު ކުރީ 9 ފެބްރުއަރީ 2021 ވަނަ ދުވަހު، މާމެންދޫ ރިހިފަރުދާގޭގެ ކުރިމަތިން ހިނގާފައި ދަނިކޮށް ކަމަށެވެ. އަދި ޝަމީމް ހައްޔަރުކުރި އިރު އޭނާ ލައިގެން ހުރި މަޑު ނޫކުލައިގެ އަތްކުރު ޓީޝާޓުގައި ލޭ ހުރި ކަމަށާއި އޭނާ ހައްޔަރުކޮށްގެން ގެންދިޔައީ މާމެންދޫ ޕޮލިސް ސްޓޭޝަނަށެވެ. އެއީ 9 ފެބްރުއަރީ 2021 ވަނަ ދުވަހުގެ ފަތިހު 5:34 ގައެވެ.
ޝަރަފު ހައްޔަރުކުރީ، 9 ފެބްރުއަރީ 2021 ވަނަ ދުވަހުގެ މެންދުރު 12:00ގައި ޝަރަފުގެ ގެއިން ކަމަށާއި އޭނާގެ ގައިގައި ޒަހަމްތަކެއް ފެންނަން ހުރި ކަމަށްވެސް އޭނާ ބުންޏެވެ.
".،ޝަރަފު ހައްޔަރުކުރިއިރު ފާހަގަވާ ކަމަކަށް އިންނަނީ އޭނާގެ ވައަތްފަރާތު ކޯތާފަތުގެ ތިރިން އިން ތަންކޮޅެއް ޒަހަމްވެފައި. އަދި ވައަތްފަރާތު އަރިކަށްޓާ ދިމާލުގައި އިން ތޫނު އެއްޗެއް ޖެހިގެން ކަމަށް އަޅުގަނޑަށް މި ގަބޫލު ކުރެވެނީ. އަޅުގަނޑަށް ގަބޫލު ކުރެވެއޭ ތޫނު އެއްޗަކުން އެކަހަލަ ކޮންމެެވެސް ޒަހަމެއް އިނޭ ވައަތް ފަރާތު އަރިކަށްޓާ ދިމާލަށް" ހެކިވެރިޔާ ނަދީމް ވިދާޅުވިއެވެ.
ހެކިވެރިޔާ އިތުރަށް ބުނީ ޝަމީމް ފުރަތަމަ ހައްޔަރު ކުރުމަށްނުވާ ގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހަތަރު ގަޑިއިރުވާން ގާތްވުމުން އޭނާ ދޫކޮށްލިއެވެ.
އެ ދެ ހެކީންގެ ހެކިބަސް ނަގައި ނިމުމުން، މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ، ހެކިބަސް ނެގުމުގެ އިތުރު އަޑުއެހުމެއް މިމަހުގެ 26 ވަނަ ދުވަހު އޮންނާނެ ކަމަށް ވިދާޅުވެ، މިއަދުގެ އަޑުއެހުން ނިންމާލައްވައިފައެވެ.
ޚަބަރު
ޚަބަރު