ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ހުސެއިން ޝަމީމު މަގާމުން ވަކިކުރުމަށްޓަކައި އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ފާސްކޮށްފިއެވެ.

ޕީޖީ ޝަމީމުގެ އިތުބާރު ނެތްކަމުގެ މައްސަލަ ޕީޖީ ގުރޫޕުގެ ބައްދަލުވުމަށް އެޖެންޑާކުރުމަށް އެ ގުރޫޕުގެ ބައެެއް މެންބަރުން މީގެ ކުރިންވެސް ވަނީ މަސައްކަތްކޮށްފައެވެ. އެގޮތުން މިމަހުގެ އެއްވަނަ ދުވަހު ބޭއްވި ޕީޖީ ގުރޫޕުގެ ބައްދަލުވުމުުގައި އެހެނިހެން ކަންތައްތަކުގެ ގޮތުން އެ މައްސަލަ މެމްބަރަކު ހުށަހެޅުއްވި ނަމަވެސް އެޖެންޑާއެއް ނުކުރެއެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އަސްލަމް އެފަހަރު ވިދާޅުވީ އެއީ މުހިންމު މައްސަލައަކަށްވާތީ ދެން އޮންނަ ބައްދަލުވުމަކަށް ވަކި މައްސަލައެއްގެ ގޮތުގައި އެ މައްސަލަ އެޖެންޑާ ކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމައި އެ ބައްދަލުވުމަށް އެ މައްސަލަ އެޖެންޑާ ނުކުރެއްވީ ކަމަށެވެ.

ނަމަވެސް މިއަދު މެންދުރު 12:30ގައި ބޭއްވި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ބައްދަލުވުމަށް އެ މައްސަލަ ހުށަހެޅުމުން އެކަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 21 މެންބަރުންގެ ތެރެއިން 17 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

ޕީޖީ ޝަމީމާމެދު އެމްޑީޕީގެ ޕީޖީ ގުރޫޕުގެ މެންބަރުންގެ ހިތްހަމަނުޖެހުން އިތުރުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަށްކޮށްލަން ދިން ބޮމުގެ ހަމަލާގެ މައްސަލަ ކުރިއަށްދާ ގޮތާއި ބޮޑެތި ޑުރަގް މައްސަލަތަކުގައި ހައްޔަރުކުރާ މީހުން ދޫވަމުންދާ މައްސަލައިގެ އިތުރުން އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައެވެ.

މެންބަރުން އެންމެ ބޮޑަށް ފާހަގަކުރައްވަނީ އެ މައްސަލަތައް ކުރިއަށްދާލެއް ލަސްވުމާއި ބޮޑެތި ޑުރަގް މައްސަލަތަކުގައި ތުހުމަތުުކުރާ މީހުން ފަސޭހައިން ޝަރުއީ ނިޒާމުން ދޫވެގެންދާ މައްސަލައިގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވެސް ޕީޖީ ޝަމީމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުގެ މެންބަރުން ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ބައެއް މެންބަރުން ވަނީ މިހާރު ޕީޖީއަކު ނެތް ފަދަ ކަމަށް ވިދާޅުވެފައެވެ.