ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހައިކޯޓަށް ހުށަހެޅި މައްސަލައެއްގައި، އެ އޮފީހުން ކުރަންޖެހޭ ސޮއި ކޮށްފައި ނުވާތީ އެ މައްސަލަ ކޯޓުން ބާތިލުކޮށްފިއެވެ.

މި މައްސަލައަކީ ކެނަބިސް ބޭނުން ކުރުމުގެ ކުށާއި ޓްރެފިކް ކުރުމުގެ ކުށުގައި ހދ. ނޮޅިވަރަންފަރު މޫރިއާގެ، މުހައްމަދު ޝަރީފްގެ މައްޗަށް ތުހުމަތު ކުރާ މައްސަލައެކެވެ.

މި މައްސަލަގައި ގެނަބިސް ބޭނުން ކުރުގެ ކުށުގައި އޭނާގެ މައްޗަށް ކުރިމިނަލް ކޯޓަށް ޕީޖީން މައްސަލަ ހުށަހެޅިއެވެ.

ނަމަވެސް އެ މައްސަލައިގެ ތަހުގީގު ކުރުމުގެ މުއްދަތު އިތުރު ކުރެވިފައި ވަނީ ޖިނާއީ އިޖުރާއަތު ގާނޫނާ ހިލާފަށް ކަމަށާއި ދައުވާ ކުރުމުގެ މުއްދަތުގެ ތެރޭގައި އެ ދައުވާ އުފުލާފައިނުވާކަން މަދަނީ މިންގަނޑުން ސާބިތުކޮށްދީފައިވާތީ މި މައްސަލައިގައި ދައުވާލިބޭ މުހައްމަދު ޝަރީފްގެ މައްޗަށް ހުށަހަޅާފައިވާ ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ މައުލޫއީގޮތުން ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށް އެ ކޯޓުން ވަނީ ކަނޑައަޅައިފައެވެ.

ޕީޖީގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރިއެވެ.

ނަމަވެސް ހައިކޯޓުގައި އިއްޔެ ބޭއްވި އެ މައްސަލައިގެ އަޑު އެހުމުގައި އެ ކޯޓުން ހުކުމް ކޮށްފައިވަނީ، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާތީ، މި މައްސަލަ ޝަރީއަތުން ކުރިއަށް ގެންދިއުމަށް ބެލިއިރު، މައްސަލައިގެ ދައުވާ ހުށަހަޅާ ފޯމުގައި މައްސަލަ ހުށަހެޅި ފަރާތުގެ ސޮއި ނެތް ކަމަށެވެ.

އެހެންކަމުން މި މައްސަލައިގެ އިސްތިއުނާފު ފޯމަކީ ފުރިހަމަ ފޯމަކަށް ނުވާތީ އާއި އެ ފޯމަކީ ޕްރޮސިކިއުޓާ ޖެނެރަލްގެ ގާނޫނާ ހިލާފަށް ހުށަހަޅާފައިވާ ފޯމެއްކަމުން މި މައްސަލައިގައި ޝަރީއަތުން ގޮތެއް ކަނޑައަޅާނެ ތަނެއް ނެތް ކަމަށް ހައިކޯޓުގެ ހުކުމުގައިވެއެވެ.

އެހެންކަމުން މައްސަލައިގެ އިސްތިއުނާފް ފޯމު ފުރިހަމަކޮށް 48 ގަޑިއިރުގެ ތެރޭގައި އެ މައްސަލަ އަލުން ހުށަހެޅުމުގެ ފުރުސަތު ޕްރޮސިކިއުޓާ ޖެނެރަލަށް އޮތްކަމަށް އަންގައި، ދައުވާ ފޯމު ބާތިލް ކުރާ ކަމަށް ވަނީ ހުކުމްކޮށްފައެވެ.