ރާއްޖޭގައި އިންޓަގުރޭޓެޑް ޓްރާންސިޓް ސިސްޓަމެއް ގާއިމުކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާސްޓާކާޑާ ގުޅިގެން މަސައްކަތްކުރަން ނިންމައިފިއެވެ.
އިންޓަގުރޭޓެޑް ޓްރާންސިޓް ސޮލިއުޝަނެއް ހޯދުމުގެ ދަށުން ބީއެމްއެލުން ވަނީ އެމްޓީސީސީ އާ ގުޅިގެން ރާއްޖެ ޓްރާންސިޓް ލިންކް (އާރުޓީއެލް)ގެ ޓްރާންސިޓް ކާޑުގެ އެކްސްކުލޫސިވް ޕޭމަންޓް ނެޓްވޯކަށް މާސްޓާ ކާޑު ހަދައިފައެވެ.
ބީއެމްއެލް އިން މައުލޫމާތު ދޭ ގޮތުގައި މާސްޓަ ކާޑް އިން ޓްރާންސިޓް އާއި ގުޅުން ހުރި ޕޭމަންޓް ހެދުމަށް ބީއެމްއެލް އިން ގަބޫލު ކުރާ އެހެން ހުރިހާ ނެޓްވޯކެއް މެދުވެރިކޮށް ޕޭމަންޓް ހެދޭނެ ނިޒާމް ވެސް ގާއިމްކޮށްދޭނެއެވެ.
މި ހިދުމަތް ތައާރަފު ކުރުމުން އޯޕަން ލޫޕް ޓެކްނޮލޮޖީ އެހީގައި، ދަތުރުވެރިން ފައިސާ ދެއްކުމަށް ގިނަ ކާޑުތަކެއް ބޭނުންކުރުމުގެ ބަދަލުގައި އެއް ކާޑަކުން ފައިސާގެ ހުރިހާ މުއާމަލާތެއް ކުރެވޭނެ އެވެ. މި ކާޑު ޓޮޕް އަޕް ކުރުމަށް އިތުރު އިންފްރާސްޓްރަކްޗާ ބޭނުން ކުރަން ނުޖެހުމާއެކު ދަތުރުވެރިން އިތުރު ހަރަދެއް ކުރާކަށްވެސް ނުޖެހޭނެ އެވެ.
މިއާއެކު ދަތުރުވެރިންނަށް އިތުރު ލުއި ފަސޭހަކަން ލިބި ހިދުމަތާމެދު ހިތްހަމަޖެހުން ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އަދި އޯޕަން ލޫޕް ސިސްޓަމުގެ އެހީގައި، ދަތުރުކުރާ ފަރާތްތަކުގެ އަދަދު ތަކާއި އިތުރު އެހެނިހެން މައުލޫމާތު ވަގުތުން ބަލައިލެވޭނެ ކަމަށާއި މިކަމުގެ ސަބަބުން ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ބޭންކުން ބުންޏެވެ.
މި ހިދުމަތާ ބެހޭ ގޮތުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި އީޖާދީ އަދި ކޮންޓެކްޓްލެސް ޕޭމަންޓްގެ މުހިންމުކަން ހާމަވެގެން ގޮސްފައިވާ ކަމަށެވެ. އަދި މާސްޓަރކާޑާއި ގުޅިގެން ސަރުކާރުގެ އަމާޒާ އެއްގޮތަށް މާލެ ސިޓީ ސްމާޓް ސިޓީ އަކަށް ބަދަލުކުރުމަށް އެންމެ ފަހުގެ އޯޕަން ލޫޕް ޓެކްނޮލޮޖީގެ އެހީގައި މިކަން ހަގީގަތަކަށް ވާނެކަމަކާމެދު ޔަގީންކުރައްވާ ކަމަށްވެސް އާޒިމް ވިދާޅުވި އެވެ.
މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ހދ. އަތޮޅުގެ ގެ 14 ރަށެއް ވަނީ އޯޕަން ލޫޕް ޓެކްނޮލޮޖީއާ ގުޅާލެވިފަ އެވެ. އަދި ކަނެކްޓިވިޓީ ގެ މަސައްކަތް ނިމޭއިރު މި ޓްރާންސިޓް ސޮލިއުޝަން މެދުވެރިކޮށް 41 ރަށެއް ގުޅާލެވޭނެ ކަމަށާއި މި ޕްރޮޖެކްޓްގެ ކުރިއަށް އޮތް ފިޔަވަހީގައި، މާލެ އަދި ހުޅުމާލެއަށް އޯޕަން ޓެކްނޮލޮޖީ ފުޅާކޮށް ބަހާއި ފެރީގެ ހިދުމަތް ހިމެނިގެންދާނެ ކަމަށް ބީއެމްއެލް އިން މައުލޫމާތު ދެއެވެ.
ރާއްޖޭގައި މާސްޓަ ކާޑުގެ އެޖެންޓް ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ މާސްޓާ ކާޑާއެކު ބީއެމްއެލް އިން ދަމަހައްޓަމުންގެންދާ ޕާޓްނާޝިޕް އިތުރަށް ފުޅާކޮށް އެމްޓީސީސީގެ ޕަބްލިކް ޓްރާންސްޕޯޓް ނެޓްވޯކަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފް ކުރެވޭ އޯޕަން ލޫޕް ޓްރާންސިޓް ކާޑު ތައާރަފް ކުރެވޭކަމީ ބޭންކަށް ލިބޭ އުފަލެއް ކަމަށެވެ.
"ރާއްޖޭގެ އެންމެ ބޮޑު ބޭންކު ގޮތުގައި ބީއެމްއެލް އޮތް ވާއިރު، ކަސްޓަމަރުން ބޭނުންވާފަދަ ފަސޭހަކަން ހޯދައިދިނުމަށް އަޅުގަނޑުމެން އަބަދުވެސް އީޖާދީ އަދި ޑިޖިޓަލް ސޮލިއުޝަންސް ހޯދުމަށް މިދަނީ މަސައްކަތްކުރަމުން. މާސްޓަރކާޑާއި އެމްޓީސީސީ އާ ގުޅިގެން ރާއްޖޭގައި މި ޓެކްނޮލޮޖީ ކާމިޔާބުކަމާއެކު ގާއިމްކުރެވިގެންދާނެކަމަށް އުއްމީދުކުރަން،" ޓިމް ވިދާޅުވި އެވެ.
މާސްޓަ ކާޑުގެ ސްރީލަންކާ އާއި ރާއްޖޭގެ ކަންޓްރީ މެނޭޖަރު، ސަންދުން ހަޕުގޮޑަ ވިދާޅުވީ ދިވެހިންނަށް ވޯލްޑް ކްލާސް ސޮލިއުޝަންސް ހޯދައިދިނުމަށް ރާއްޖޭގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ބައިވެރިވެވޭ ކަމީ މާސްޓަކާޑަށް ލިބޭ ޝަރަފެއް ކަމަށެވެ. އަދި މާސްޓަކާޑުން ވަރަށް ގިނަ ސަރުކާރުތަކާއެކު މަސައްކަތްކޮށް ދުނިޔޭގެ 150 ސިޓީއެއްގައި ދަތުރުވެރިންގެ ކޮންމެ ދުވަހެއްގެ ދަތުރުތަކަށް ލުއިފަސޭހަކަށް ފޯރުކޮށްދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު