ވޮލީބޯޅަ އެސޯސިއޭޝަން

ސިޓީގެ ފެށުން ވަރުގަދަ، ގުޑީސް ބަލިކޮށް އޮފު އެފްސީއަށް ހަމެޖެހުމެއް

ވީއޭއެމްގެ އާ ސީޒަނުގެ ފިރިހެން ޑިވިޝަނުގެ ފުރަތަމަ މުބާރާތް، އެސޯސިއޭޝަން ކަޕުގައި ސްޕޯޓްސް ކުލަބް ސިޓީގެ ފެށުން ވަރުގަދަ ކުރި އިރު، ގުޑީސް ސްޕޯޓްސް ކްލަބު އަތުން އޮފު އެފްސީ މުހިއްމު މޮޅެއް ހޯދައިފިއެވެ.

މި އަހަރުގެ މުބާރާތްތަކަށް ވީއޭއެމުން ތައްޔާރުވީ މުޅިން ތަފާތު ވިސްނުމެއްގައެވެ. މުބާރާތްތަކުގެ ވާދަވެރިކަން އިތުރުކޮށް، ފޯރިގަދަ ކުރުމަށް ޓީމުތަކަށް ތަފާތު ބަދަލެއް ގެނެސްފައިވެއެވެ. އެގޮތުން ބިދޭސީ ކުޅުންތެރިން ޓީމުތަކަށް ބަހާލާފައި ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ޕްލޭޔާ ޑްރާފްޓް އިވެންޓުގައެވެ.

ޓީމުތަކަށް ޑްރާފްޓް ކުރުމަށް ވޮލީބޯޅަ އެސޯސިއޭޝަނުން ގެނައި ކުޅުންތެރިންނަކީ އިންޑިއާގެ ޕްރައިމް ވޮލީ ލީގުގައި ކުޅޭ، މި ސަރަހައްދުގެ އެންމެ މޮޅެތި ކުޅުންތެރިންނެވެ. ޑްރާފްޓަށް ހުޅުވާލި ޕޫލުގެ ތެރޭގައި ބްލޮކަރުންނާއި ސެޓަރުންގެ އިތުރުން އޮޕޮސިޓް ކުޅުންތެރިން އަދި އެޓޭކަރުން ހިމެނެއެވެ. އެ ކުޅުންތެރިންނާއެކު ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗުތައް ރޭ ފެނިގެން ދިޔައީ ޝައުގުވެރި ކުރުވަނިވި ގޮތަކަށެވެ. ފެންވަރުގެ ގޮތުން ލޯކަލީ ފެނުނު އެންމެ ތަފާތު މެޗުތައް ރޭގެ ފެށުމުންވެސް ފާހަގަވިއެވެ.

އެސޯސިއޭޝަން ކަޕުގައި މިއަހަރު ވާދަކުރާ ހަ ޓީމަކީ ޕޮލިސް ކުލަބް، ކުލަބް ވެމްކޯ، ގުޑީސް، އޮފު އެފްސީ، ދިވެހި ސިފައިންގެ ކުލަބުގެ އިތުރުން ސްޕޯޓްސް ކުލަބް ސިޓީއެވެ.

ރޭ ސްޕޯޓްސް ކުލަބް ސިޓީއާއި ދިވެހި ސިފައިންގެ ކުލަބް ވާދަކުރި މެޗަކީ މިއަހަރުގެ އެސޯސިއޭޝަން ކަޕުގައި އެ ދެޓީމުން ކުޅުނު ފުރަތަމަ މެޗެވެ. ރޭގެ މެޗު ސީދާ ތިން ސެޓުން ސްޕޯޓްސް ކުލަބް ސިޓީ ކާމިޔާބުކުރި އިރު، އެޓީމުގެ ބިދޭސީ ތިން ކުޅުންތެރިން ކަމަށްވާ ވިނީތު ކުމާރު، ވިނާޔަކްއާއި ހަރްދީޕް ސިންގެ އިތުރުން ކެޕްޓަން އަލީ ހުޒާމް (ހުޒަންޓޭ)ގެ ކުޅުން ފާހަގަވިއެވެ.

ސްޕޯޓްސް ކުލަބް ސިޓީން ރޭގެ މެޗުގެ ސެޓުތައް ގެންދިޔައީ 25-21، 30-28 އަދި 25-18 އިންނެވެ.

ރޭ ކުޅުނު ދެވަނަ މެޗުގައި އޮފު އެފްސީން ގުޑީސް ބަލިކުރީ ތިން ސެޓު އެއް ސެޓުންނެވެ. މެޗަށް ނުކުތްއިރު ފުރަތަމަ ކުޅުނު މެޗުން ދެޓީމުވެސް ބަލިވެފައި އޮތުމުން، އެ ހާލަތު ބަދަލުކުރުމަށް ރޭގެ މެޗު އޮތީ މުހިންމުވެފައެވެ.

މެޗުގެ ފުރަތަމަ ސެޓު އޮފުން 23-25 އިން ގެންދިޔަ އިރު، ދެވަނަ ސެޓުގައި ޑޮމިނޭޓްކޮށް ކުޅުނީ ގުޑީސްއިންނެވެ. އެ ސެޓުގައި ގުޑީސްގެ ހަސަން ނިލާމް (ޕާޓޭ) އާއި ރިޔާޒުއްދީންގެ ރަނގަޅު އެޓޭކްތަކެއް ފެނުނު އިރު، ގުޑީސް ސެޓު ގެންދިޔައީ 25-20 އިންނެވެ. ތިން ވަނަ ސެޓަށް އޮފު އެފްސީން އަނެއްކާވެސް ކުޅުން ރަނގަޅުކުރިއެވެ. އަމިތު ގުލިއާގެ ބާރު ހަމަލާތައް ފެނުނު އިރު، އެޓީމުން ސެޓު ގެންދިޔަކީ 23-25 އިންނެވެ.

ހަތަރުވަނަ ސެޓުގެ ބޮޑު ބައިގައި ލީޑު ކުރަމުން ދިޔައީ އޮފު އެފްސީންނެވެ. ސެޓުގެ ފަހު ކޮޅުގައި ރޮޓޭޝަންގެ މައްސަލައެއްގައި އެރި އޮޅުމަކާ އެކު ފަހުން ސްކޯއަށް ބަދަލު ގެނައި ގޮތުން ދެ ޓީމުގެ މެދުގައި ހިތްހަމަނުޖެހުންތަކެއް އުފެދުނެވެ. އެ ސެޓު އޮފު އެފްސީން ގެންދިޔައީ 21-25 އިންނެވެ.

މުބާރާތުގައި ކޮންމެ ރެއަކުވެސް ދެ މެޗު ކުޅޭ ގޮތަށް ކުރިން އޮތް ނަމަވެސް މެޗުތައް ފޯރިގަދަކޮށް ދިގު ދެމިގެންދާތީ އެސޯސިއޭޝަނުން ވަނީ އެއް މެޗު ހަވީރަށް ހަދައި، ރޭގަނޑުވެސް އެއް މެޗު ކުޅޭ ގޮތަށް ހަދައިފައެވެ. މިއަދު ހަވީރު ދިވެހި ސިފައިންގެ ކުލަބް ކުޅޭނީ ޕޮލިހާ ދެކޮޅަށެވެ. އެ މެޗު ފަށާނީ 4:15 ގައެވެ. އަދި މިރޭ 8:15 ގައި ފަށާ މެޗުގައި ސިޓީ ކުޅޭނީ ވެމްކޯއާ ދެކޮޅަށެވެ.