ޚަބަރު

"އައިލެންޑް ލައިފް" މަޖައްލާގެ ހަވަނަ އަދަދު ނެރެފި

މުހައްމަދު ޖަމްޝަތް ވަހީދު

ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)އިން ރާއްޖޭގައި ކޮންމެ އަހަރަކު ނެރެމުން އަންނަ އައިލެންޑް ލައިފް މަޖައްލާގެ ހަ ވަނަ އަދަދު މިއަދު ނެރެފިއެވެ.

އެކަމަށްޓަކައި މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޖައްލާގެ މިއަހަރުގެ އަދަދު ނެރެދެއްވީ ޔޫއެންޑީޕީގެ ރެސިޑެންސް ކޯޑިނޭޓަރު ކެތްރިން ހޭސްވެލް އާއި ރާއްޖޭގައި ހުންނަވާ ޔޫއެންޑީޕީގެ ރެޕްރެޒެންޓޭޓިވް އެންރިކޯ ގަވެގްލިއާ އާއި ރާއްޖޭގެ ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖް ސަބްރާ އިބްރާހީމް ނޫރުދީން އާއި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ.

"އައިލެންޑް ލައިފް" މަޖައްލާ އަކީ ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ތަރައްގީގެ މުހިންމު ގޮންޖެހުންތަކާއި މޫސުމީ ބަދަލުތަކާއި އެފަދަ މައްސަލަ ހައްލުކުރުމަށް ޔޫއެންޑީޕީ އާއި އެކަމުގައި ބައިވެރިން ގުޅިގެން ރާއްޖޭގައި ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައި ވާހަކަތަކެއް އެކުލަވާލައިގެން ނެރޭ މަޖައްލާއެކެވެ.

މިއަދު ނެރުނު އަދަދުގައި މިދިޔަ އަހަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޔޫއެންޑީޕީން ހިންގި ތަފާތު ހަރާކާތްތަކުގެ ނަތީޖާތަކަށް އަލިއަޅުވާލާފައިވެއެވެ. އަދި 2026 ވަނަ އަހަރާ ހަމައަށް ޔޫއެންޑީޕީން ރާއްޖޭގައި ހިންގަން ރާވާފައިވާ ޕްރޮގްރާމްތަކާ ގުޅޭ މައުލޫމާތުވެސް ވަނީ ހިމަނައިފައެވެ.

އޭގެ ތެރޭގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަލީލާއި ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖް ސޮބްރާ ނޫރައްދީންގެ ހާއްސަ އިންޓަވިއު އެއް ވެސް ހިމަނާފައިވެއެވެ. އަދި ރާއްޖޭގެ ކަނޑުއަޑީގެ ދިރުންތަކުގެ ހާލަތާއި ދަނޑުވެރިކަން ކުރާ އާއިލާ އަކާއި ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ އަންހެނެއްގެ ވާހަކަ އާއި މޫސުމީ ބަދަލުތަކާއި ޒުވާނުންގެ ހުނަރު އަދި އިގުތިސޯދީ ގޮތުން ކުރިއަރައި ދިއުމުގައި ހުރި ފުރުސަތުތަކާ ގުޅޭ ލިޔުންތައްވެސް ހިމަނާފައިވެއެވެ.

ރަސްމިއްޔާތުގައި ޔޫއެންޑީޕީގެ ރެސިޑެންސް ކޯޑިނޭޓަރު ކެތްރިން ހޭސްވެލް ވިދާޅުވީ ރާއްޖެއަކީ ހަމައެކަނި ފަތުރުވެރިކަމުގެ މަންޒިލެއް ނޫން ކަމަށާއި ރާއްޖެއަކީ މުއްސަދި ސަގާފަތަކާއި ގުދުރަތީ ހިތްގައިމު ރީތިކަން ލިބިގެންވާ ވެއްޓެއް އޮތް ގައުމެއް ކަމަށެވެ. އަދި ހުނަރުން ފުރިފައިވާ ދިވެހި އަންހެން ކަނބަލުންނާއި ވިޔަފާރިވެރިކަމުގެ ހުނަރު ލިބިފައިވާ ޒުވާނުން މުޅި ރާއްޖޭގައި އެބަތިިބި ކަމަށާއި މިއީ އެފަދަ ފަރާތްތަކުގެ ވާހަކަތައް ގެނައުމަށް އެހީތެރިވެދޭނެ މުހިއްމު މަޖައްލާއެއް ކަމަށް ކެތްރިން ވިދާޅުވިއެވެ.

މި ހަފްލާގައި ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖް ސަބްރާ އިބްރާހީމް ނޫރުދީން ވަނީ ރާއްޖޭގެ ތިމާވެއްޓަށް ހުރި ގޮންޖެހުންތަކާއި ރާއްޖެއަށް ދެމެހެއްޓެނިވި ތަރައްގީ ގެނައުމަށް ކުރެވޭ މަސައްކަތްތަކަށް އަލި އަޅުވާލައި ވާހަކަދައްކަވައިފައެވެ.

"އައިލެންޑް ލައިފް" މަޖައްލާގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި އިޝްތިހާރު ކުރުމުގެ ގޮތުން، ޔޫއެންޑީޕީ އާއި މޯލްޑިވިއަންއާ ދެމެދު މިއަދު އެއްބަސްވުމެއްގައި ވެސް ވަނީ ސޮއި ކޮށްފައެވެ. އެ އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ މޯލްޑިވިއަން އެއާލައިންގެ ފްލައިޓްތަކާއި ލައުންޖުތަކުގައި އެ މަޖައްލާ ލިބޭނެ ގޮތް ހަމަޖެއްސުން ކަމަށް ޔޫއެންޑީޕީން ބުންޏެވެ. އަދި މަޖައްލާ ޕްރޮމޯޓުކުރުމަށް މޯލްޑިވިއަންގެ އިތުރުން އެހެން އެއާލައިންތަކާ އެކުވެސް މަޝްވަރާކުރަމުން ގެންދާ ކަމަށްވެސް ޔޫއެންޑީޕީން ބުންޏެވެ.