އެކުވެޑޯއަށް ވޯލްޑް ކަޕުގައި ކުޅެވިގެން ނުވާނެ ކަމަށް ބުނެ ޗިލީން މައްސަލަ ހުށަހެޅި ނަމަވެސް، އެ ގައުމަށް ކުޅެވޭނެ ކަމަށް ފީފާއިން ނިންމައިފިއެވެ.

އެކުވެޑޯ ވޯލްޑް ކަޕަށް ކޮލިފައިވީ ދެކުނު އެމެރިކާގެ ކޮލިފިކޭޝަން ގުރޫޕުގެ ހަތަރު ވަނަ ޓީމުގެ ގޮތުގައެވެ. ޗިލީއަށް މިފަހަރު ވޯލްޑް ކަޕް ގެއްލިފައިވާ އިރު، އެ ޓީމަށް ލިބިފައިވަނީ ކޮލިފިކޭޝަން ގުރޫޕުގެ ހަތްވަނައެވެ. ޗިލީން އެކުވެޑޯއާ ދެކޮޅަށް ފީފާއަށް ހުށަހެޅި މައްސަލައަކީ ކުޅެވެން ނުޖެހޭ ކުޅުންތެރިއެއް ސްކޮޑުގައި ހިމަނައި ކޮލިފިކޭޝަންގެ އަށް މެޗެއްގައި ކުޅުވި ކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ.

ޗިލީން ހުށަހެޅި މައްސަލައިގައި ވަނީ އެކުވެޑޯއިން ކޮލިފިކޭޝަންގެ އަށް މެޗެއްގައި ބައިރޮން ކަސްޓިލޯ ކުޅުވީ ގަވާއިދާ ހިލާފަށް ކަމަށެވެ. ޗިލީގެ ފެޑަރޭޝަނުން ބުނީ ކަސްޓިލޯއަކީ އަސްލު ކޮލަމްބިއާގެ ކުޅުންތެރިއެއް ކަމަށާއި އޭނާ މެޗުތަކަށް ނުކުތީ ފޭކް ޑޮކިއުމެންޓުތަކެއް ބޭނުންކޮށްގެން ކަމަށެވެ. އެ ޑޮކިއުމަންޓްތަކުގައި އުމުރު އޮޅުވާލި ކަމަށްވެސް ޗިލީން ބުނެފައިވެއެވެ.

އެ މައްސަލަ ބަލައި ފީފާއިން ބުނެފައިވަނީ "މައްސަލައަށް ހުށަހަޅާފައިވާ ހުރިހާ ކަންކަމަށް ބަލައި، އެކުވެޑޯއާ ދެކޮޅަށް ބަލަމުންދާ މައްސަލަ ހުއްޓާލަން،" ނިންމާފައިވާ ކަމަށެވެ. އެ ނިންމުން އިސްތިއުނާފު ކުރުމަށް ޗިލީއަށް ބާރު ލިބިދޭ ކަމަށްވެސް ފީފާއިން ވަނީ ބުނެފައެވެ. އެހެންކަމުން ޗިލީން ނިންމާފައި ވަނީ މައްސަލަ ކޯޓު އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްއަށް ވެއްދުމަށެވެ.

އެ ނިންމުމާއެކު އެކުވެޑޯ އެފްއޭގެ ރައީސް ފްރަންސިސްކޯ އޭގާސް ވިދާޅުވީ ފީފާއިން ކުޅިވަރުގެ އިންސާފު ހޯދައިދީފި ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ޗިލީން ހިންގި އަގުވައްޓާލުމުގެ ބޮޑު މީޑިއާ ކެމްޕޭނެއް ފެއިލްވުމަކީ ލިބުނު އުފަލެއް ކަމަށާއި އެކުވެޑޯއިން އެކަމުގެ އުފާފާޅުކުރާނެ ކަމަށެވެ.

އެކުވެޑޯ ހިމެނެނީ ގަތަރު ވޯލްޑް ކަޕްގެ ގުރޫޕް އޭގައެވެ. އެ ގުރޫޕުގައި އެކުވެޑޯގެ އިތުރުން ދެން ހިމެނެނީ ހޯސްޓް ގަތަރާއި ސެނެގާލް އަދި ނެދަލޭންޑްސްއެވެ.