ވިލިމާލޭގައި ފައިބަރު މަސައްކަތްކުރުމަށް ހަރުގެއެއް ހަދަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިދިޔަ ބުދަ ދުވަހު ބޭއްވި އާންމު ޖަލްސާގައި އެގޮތަށް ނިންމީ މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވާލާ ތިލަމާލެ ބުރިޖުގެ މަސައްކަތްކުރުމަށް، ވިލިމާލެ ހުޅަނގު ދެކުނު ފަރާތުގައި ހުރި ފައިބަރު އުޅަނދު ބަންނަ ސަރަހައްދު، އެ ރަށުގެ އިރުމަތީ ފަރާތަށް ބަދަލުކުރުމުން އާންމުންގެ ފަރާތުން ސިޓީ ކައުންސިލަށް ހުށަހަޅުމުންދާ ޝަކުވާތަކަށް ހައްލެއް ގެނައުމުގެ ގޮތުންނެވެ. ފައިބަރު މަސައްކަތްކުރުން ވިލިމާލެ އިރުމަތީ ފަރާތަށް ބަދަލުކުރުމުން އެކަމާ ދެކޮޅަށް ވަނީ އިހުތިޖާޖުވެސް ކޮށްފައެވެ.

ވިލިމާލެ އިރުމަތީ ފަރާތަށް ފައިބަރު މަސައްކަތްކުރުން ސިޓީ ކައުންސިލުން ބަދަލުކޮށްފައިވަނީ މިދިޔަ ރަމަޟާން މަހުއެވެ. އެ ބަދަލާ ގުޅިގެން "ސޭވް ދަ ބީޗް" ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޖަމިއްޔާއިން މެއި މަހުގެ 20 ވަނަ ދުވަހު ބުނެފައިވަނީ، އިރުމަތީ ފަރާތުގައި އަތިރިމަތީގައި ފައިބަރު މަސައްކަތް ކުރުމުން، އެ ސަރަހައްދަށް މޫދަށް އެރެން ދާ މީހުންނަށާއި، ހިތްހަމަޖައްސާލަން ދާ މީހުންގެ ސިއްހަތަށް ނޭދެވޭ އަސަރުކުރާނެ ކަމަށެވެ.

ފައިބަރު މަސައްކަތް އިރުމަތީ ފަރާތަށް ބަދަލުކުރުމުން ކުރި އިހުތިޖާޖަކީ ވެސް އެ ޖަމިއްޔާއިން އިސްވެ ހިންގި ހަރަކާތެކެވެ.

އެހެންވެ ސިޓީ ކައުންސިލުން މިދިޔަ ބުދަ ދުވަހުގެ ޖަލްސާގައި ނިންމީ ފައިބަރު މަސައްކަތްކުރުމަށް ވިލިމާލޭގައި ވަގުތީ ހަރުގެއެއް އެޅުމަށެވެ. ސިޓީ ކައުންސިލުން ނިންމާފައިވަނީ އެ ހަރުގެ ވެމްކޯ ސަރަހައްދުގައި ހެދުމަށެވެ. އެއީ ވެމްކޯ ސަރަހައްދަށް ފައިބަރު މަސައްކަތްކުރުން ބަދަލުކޮށްދިނުމަށް ޕްލޭނިން މިނިސްޓްރީން ވެސް އެދިފައިވާތީއެވެ.

ސިޓީ ކައުންސިލުން ނިންމާފައިވަނީ ހަރުގެއިން ކުލި ނަގާ ގޮތަށެވެ. ނަމަވެސް ހަރުގެއިން ނެގުމަށް ހަމަޖެހިފައިވާ ކުލީގެ އަދަދާ ބެހޭގޮތުން ޖަލްސާގައި ގޮތެއް ނުނިންމައެވެ. ހަރުގެ ކުލި ނަގާނީ އެތަނަށް ކުރިމަތިލާ ފަރާތްތަކާއި ބޭނުންވާ ޖާގައިގެ ބޮޑުމިނަށް ބަލައިގެންނެވެ.

ޕްލޭނިން މިނިސްޓްރީގައި އެދިގެން ވިލިމާލޭގައި ފައިބަރު މަސައްކަތްކުރުމަށް ދާއިމީ ބިމެއް ހޯދުމަށް ވެސް ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.

"ފައިބަރު މަސައްކަތްކުރުމަށް ބިމެއް ހޯދައިދިނުމަށް ސަރުކާރަށް ދަންނަވަން މާލެ ސިޓީ ކައުންސިލުން ނިންމައިފައި ވަނީ ފައިބަރު މަސައްކަތަކީ މީހުން ދިރިއުޅޭ ރަށެއްގައި ކުރުމަށް ރަނގަޅު މަސައްކަތަކަށް ނުވުމާއި މިހާރު އެ މަސައްކަތްކުރަމުން އަންނަ ވިލިމާލޭގެ ރައްޔިތުންނާއި ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތްކުރާ އެކިއެކި ޖަމްއިއްޔާތަކުން އެކަމާ ކަންބޮޑުވުން ހިއްސާކުރުމާ ގުޅިގެންނެވެ،" މާލޭ ސިޓީ ކައުންސިލުން ބުންޏެވެ.

ވިލިމާލެ އިރުމަތީ ފަރާތު ބީޗަކީ މާލެ އާއި ވިލިމާލޭގައި ދިރިއުޅޭ މީހުން މޫދަށް އެރުމަށާއި ޕިކްނިކް ދިއުން ކަހަލަ ކަންކަމަށް އާންމުކޮށް ބޭނުންކުރަމުން އަންނަ ތަނެކެވެ. ބުރިޖުގެ މަސައްކަތާއެކު، އެ ބީޗަށް ގެއްލުންވަމުން ދާތީ އާންމުންގެ ކަންބޮޑުވުންތައް ވެސް ތިމާވެށީގެ ހިމާޔަތުގައި ވަކާލަތުކުރާ ޖަމިއްޔާތަކުން ދަނީ ފާޅުކުރަމުންނެވެ.