ޚަބަރު

ރައްޔިތުން އެދޭ ކުރިއެރުން ގެނެވޭނީ ހިޔާލު ހޯދާއި ޝަކުވާތައް އަޑުއަހައިގެން: ޑރ. މުއިއްޒު

މުހައްމަދު އިޝާން

ރައްޔިތުން އެދޭ ކުރިއެރުން ގެނެވޭނީ ރައްޔިތުންގެ ހިޔާލު ހޯދައި ޝަކުވާތައް އަޑުއަހައިގެން ކަމަށް މާލެ ސިޓީގެ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު އެހެން ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ކުރިއަރުވައި ބައިނަލްއަގުވާމީ އެންމެ ބޮޑު ޖަމިއްޔާކަމުގައިވާ ޔުނައިޓަޑް ސިޓީސް އެންޑް ލޯކަލް ގަވާންމަންޓްސް (ޔޫސީއެލްޖީ)ގެ އޭޝިއާ އަދި ޕެސިފިކް ސަރަހައްދުގެ އަހަރީ ޖަލްސާގެ 'ބެލްޓް އެންޑް ރޯޑް' އާ ގުޅޭ ދަންފަޅީގައި ތަގުރީރު ކުރައްވަމުންނެވެ.

ޗައިނާގެ ޝިއާންގައި ކުރިއަށްދާ އެ ޖަލްސާގައި މުއިއްޒު ބައިވެރިވެވަޑައިގެން ތަގުރީރު ކުރައްވާފައިވަނީ އޮންލައިންކޮށެވެ.

"ހަރުދަނާ، ތިމާވެއްޓާ ރަހުމަތްތެރި އަދި ދެމެހެއްޓެނިވި ސިޓީތަކުގެ މުސްތަގުބަލަށް އަތުގުޅާލުން' ޝިއާރުގެ ދަށުން ބާއްވާ އެ ޖަލްސާގައި ތަގުރީރު ކުރައްވަމުން ޑރ. މުއިއްޒު ވަނީ ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ގާތް ރަޙްމަތްތެރިގުޅުގެ ތެރެއިން މާލެއަށް ލިބިފައިވާ ބޮޑެތި ކުރިއެރުންތައް ފާހަގަކުރައްވައިފައެވެ.

"ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގައި ރާއްޖެއިން 2014 ގައި ބައިވެރިވި އިރު، އަޅުގަނޑު ހުރީ ހައުސިން މިނިސްޓަރުގެ މަގާމުގައިކަމުން، އެ ގުޅުމުގެ ތެރެއިން ގެނެވުނު ބިޔަ ބޮޑެތި ތަރައްގީގެ މަޝްރޫއުތައް ތަންފީޒުކުރުމުގެ ޒިންމާ އަޅުގަނޑު އުފުލަންޖެހުނު"، ޑރ. މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، އޭނާގެ މިނިސްޓަރުކަމުގެ ދަށުން ޗައިނާގެ އެހީގައި އެޅި ސިނަމާލެ ބުރިޖުގެ ސަބަބުން މާލޭ ރައްޔިތުންނަށް އުންމީދީ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި ޗައިނާގެ 'ބެލްޓް އެންޑް ރޯޑް' އެއްބަސްވުމުގެ ތެރެއިން ކުރި މަސައްކަތްތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި އަދި ރައްޔިތުންނަށް އުފާވެރިކަމާއި އުންމީދީ ކުރިއެރުންތަކެއް ގެނެސްދިން، މުހިންމު މަސައްކަތްތަކެއް ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައްޔިތުން އެދޭ ކުރިއެރުން ގެނެވޭނީ ރައްޔިތުންގެ އިހުސާސްތައް ދެނެގަނެ، ހިޔާލު ހޯދައި ޝަކުވާތައް އަޑުއަހައިގެން ކަމަށެވެ.

ދޭ ދޭ ސިޓީގެ ދެމެދުގައި ގާތް ގުޅުންތަކެއް ގާއިމުކުރުމުގެ ފައިދާވެސް 'ބެލްޓް އެންޑް ރޯޑް' ގެ ތެރެއިން މާލެއަށް ލިބިގެން ދިޔަ ކަމަށާއި މާލެއާއި ޗައިނާގެ ޝޫޖޯއާ ދެމެދު އޮތް ގުޅުމުގެ ތެރެއިން ގިނަ ގުނަ އެހީތަކެއް މާލޭ ސިޓީއަށް ލިބިފައިވާ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

އޭގެ އިތުރުން މާލޭގެ ތަރައްގީއަށް ކުރާ މަސައްކަތްތަކަކީ ތިމާވެއްޓާ ރަހުމަތްތެރި، ދެމެހެއްޓެނިވި ގޮތެއްގައި އޭގެ ފައިދާ ރައްޔިތުންނަށް ކުރާނެ އަދި ހަކަތައިގެ ބޭނުންހިފުން މަދު ގޮތްތަކަކަށް ކުރެވޭ ކަންކަމަށް ވާންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.