ޚަބަރު

އެކްސިޑެންޓެއްގައި ހެރިޓޭޖް މިނިސްޓްރީގެ ޕޮލިސީ ޑިރެކްޓަރު ހާޝިމްގެ ހާލު ސީރިއަސްވެ، ވެންޓިލޭޓަރުގައި ފަރުވާދެނީ

އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އަދި އެމްޑީޕީގެ ހދ. ވައިކަރަދޫ ދާއިރާގެ ކުރީގެ ރައީސް އަހުމަދު ހާޝިމަށް ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވެ، ހާލު ސީރިއަސް ވެއްޖެއެވެ.

އެ އެކްސިޑެންޓު ހިނގާފައިވަނީ ރޭގެ ވަގުތެއްގައި މާލެ ޖަލު ހުންނަ ސަރަހައްދު ބޮޑުތަކުރުފާނު މަގުން، މަގު ހުރަސްކުރަނިކޮށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ވެހިކަލަކުން ޖެހިގެންނެވެ.

ހާޝިމްގެ ހާލަތާ ގުޅޭގޮތުން "ވަން"އަށް މައުލޫމާތުދެއްވަމުން ހެރިޓޭޖް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު އިސްމާއިލް ނާއިލް ނަޝީދު ވިދާޅުވީ ހާޝިމް ފުރަތަމަ ޓްރީޓޮޕަށް ގެންގޮސް ޓެސްޓުތައް ހެދުމަށްފަހު ދަންވަރުގެ ވަގުތެއްގައި އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށާއި އޭނާ މިހާރު އޮތީ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަމަށެވެ.

އެ އެކްސިޑެންޓާ ގުޅިގެން ހާޝިމްގެ ސިކުނޑިއަށް ލޭ އެޅި، މޭ މަތިން ދެ ކަށިގަނޑެއް ބިއްދައިގެން ގޮސްފައިވާ ކަމަށެވެ. އަދި ސާޖަރީއެއް ހެދުމަށް މިހާރު މަޝްވަރާކުރެވެމުން އަންނަ ކަމަށާއި ނަމަވެސް މިހާތަނަށް އެކަން ގޮތަކަށް ނިމިފައިނުވާ ކަމަށް އާއިލާއާ ހަވާލާދީ ނާއިލް ވިދާޅުވިއެވެ.

އެ އެކްސިޑެންޓާ ގުޅޭގޮތުން ފުލުހުން މިއަދު ބުނީ އެ އެކްސިޑެންޓް ހިނގާފައިވާކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ 8:23 ހާއިރު ކަމަށާއި އެކްސިޑެންޓުގައި އަނިޔާވި 47 އަހަރު ދިވެހި ފިރިހެނަކަށް އޭޑީކޭގައި ފަރުވާދެމުން އަންނަ ކަމަށެވެ. އަދި ސައިކަލް ދުއްވި މީހާއަކީ ސައިކަލް ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.