ޚަބަރު

އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސްއިން ފާހަގަކޮށްލެވޭ އެވޯޑުތަކެއް އުރީދޫން ހާސިލުކޮށްފި

މުހައްމަދު އިޝާން

މިއަހަރުގެ އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސްއިން ފާހަގަކޮށްލެވޭ އެވޯޑްތަކެއް އުރީދޫ މޯލްޑިވްސް އިން ހާސިލު ކޮށްފިއެވެ.

ކޮވިޑް 19 ގެ ގޮންޖެހުންތަކާއެކު ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނި ހިންގުމުގައި އުރީދޫ މޯލްޑިވްސް އިން ފޯރުކޮށްދިން ހިދުމަތްތަކަށް ގޯލްޑް އެވޯޑް ލިބިފައިވާއިރު މޫލީ އަދި އެމް-ފައިސާ ގެ ހިދުމަތައްވެސް ވަނީ ފާހަގަ ކޮށްލެވޭ އެވޯޑެއް ލިބިފައެވެ.

2022 އޭޝިއާ ޕެސިފިކް އެވޯޑްސްއިން ލިބިފައިވާ އެވޯޑުތައް

  • ގޯލްޑް ސްޓީވީ - އެކްސަލަންސް އިން އިނޮވޭޝަން އިން ޓެކްނޮލޮޖީ އިންޑަސްޓްރީސް (ކޯވިޑް 19 އާއި ގުޅިގެން ދިމާވެފައިފާ ގޮންޖެހުންތަކުން އަރައިގަނެ ދެމެހެއްޓެނިވި ހިންގުމަށް އުރީދޫ މޯލްޑިވްސް އިން ފޯރުކޮށްދިން ހިދުމަތްތައް).
  • ސިލްވާ ސްޓީވީ - އެކްސަލަންސް އިން ކޮންސިއުމާ ޕްރޮޑަކްޓް އެންޑް ސާވިސް އިންޑަސްޓްރީސް (މޫލީ އަދި އެމް-ފައިސާގެ ހިދުމަތްތައް).
  • ބްރޮންޒް ސްޓީވީ - އެކްސެލެންސް އިން އިނޮވޭޝަން އިން ޓެކްނޮލޮޖީ އިންޑަސްޓްރީސް (އެމް-ފައިސާގެ ހިދުމަތްތައް).

"ޑިޖިޓަލް ހިދުމަތްތަކާއި އީޖާދީ ހައްލުތައް މެދުވެރިކޮށް ކަސްޓަމަރުންނާއި މުޖުތަމައުތަކަށް ފުރުސަތުތައް ފަހިކޮށްދިން އަޅުގަނޑުމެންގެ އިސްނެގުންތަކަށް ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގަތުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް. ޕެންޑެމިކްގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް، ވަރަށް އިހްލާސްތެރިކަމާއި ބުރަ މަސައްކަތުން، އަޅުގަނޑުމެންގެ ޓީމުން އީޖާދީ ހިދުމަތްތައް ތައާރަފްކޮށް، ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުން މުއްސަނދިކޮށް، ޑިޖިޓަލް ހިދުމަތްތައް ކުރިއަރުވައި ފަސޭހަ ގޮތްތައް ފަހިކޮށްދިން. އަޅުގަނޑުމެންގެ ހިދުމަތްތައް ޑިޖިޓަލް ވަސީލަތްތަކަށް ބަދަލުކޮށް، މުޅި ކަސްޓަމާ އެކްސްޕީރިއަންސް ރަނގަޅުކުރުމަށް ހިތްވަރާއި ޝައުގުވެރިކަމާއެކު ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާ މުޅި ޓީމަށް އަޅުގަނޑު ތަހުނިޔާ އާއި މަރުހަބާ ދަންނަވަން. ކުރިއަށް އޮތް ތަނުގައިވެސް ކުރިއަރާފައިވާ ޑިޖިޓަލް ހިދުމަތްތައް ކަސްޓަމަރުންނަށާއި ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި އުރީދޫ ޓީމް ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަން." އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓާ އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވިއެވެ.

އުރިދޫން ބުނީ، ޕެންޑެމިކްގެ އާއެކު ދިމާވި ގޮންޖެހުންތަކާއެކުވެސް، އެކުންފުން ވަނީ ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ނެޓްވޯކް އަދި ޓެލެކޮމް އިންފްރާސްޓްރަކްޗާ ވަރުގަދަ ކުރުމަށް ބޮޑެތި އިންވެސްޓްތަކެއްކޮށްފައި ކަމަށެވެ.

އެގޮތުން ޓައާ 3 ރެޑީ ޑޭޓާ ސެންޓަރެއް ގާއިމް ކުރުމުގެ އިތުރުން ރާއްޖެ އާއި ސިންގަޕޫރު އަދި ޔޫރަޕް ގުޅުވާލަދޭ ސަބްމެރިން ކޭބަލް އެޅުމުގެ މަސައްކަތްވެސް ފަށާފައިވާކަމަށް އުރީދޫން ބުންޏެވެ. އަދި އެކުންފުނީގެ މޯބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑް ގެ ހިދުމަތް އިތުރަށް ފުރިހަމަކޮށްފައިވުމުގެ އިތުރުން އާޗާ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ޕޯޓްފޯލިއޯ ފަދަ އީޖާދީ ޕްރޮޑަކްޓްތައް ތައާރަފުކުރުމާއި، ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދީފައިވާކަމަށް އުރީދޫން ބުންޏެވެ.

ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ހިދުމަތްތައް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިކޮށްދިނުން ވެގެންދިޔައީ ކަސްޓަމަރުންގެ ހިތްހަމަޖެހުން އިތުރުވެ ކުންފުނީގެ ކުރިއެރުމަށް ލިބުނު ހިތްވަރެއްކަމަށް ވެސް އުރީދޫން ބުންޏެވެ.

އުރީދޫން ބުނީ، ޑިޖިޓަލް ރާއްޖެއެއް ގާއިމުކުރުމަށް އުރީދޫ އަމާޒާ އެއްގޮތަށް، ޑިޖިޓަލް ހިދުމަތްތަކުން ހުޅުވިގެންދާ ފުރުސަތުތައް މުޖުތަމައުއަށާއި ވިޔަފާރިތަކަށް ހުޅުވާލުމަށް އުރީދޫއިން ގިނަ މަސައްކަތްތަކެއް އަބަދު ވެސް ކުރާ ކަމަށެވެ.

ކުދި ވިޔަފާރި އާއި އޮންލައިން ރީޓެއިލަރުންނަށް އިތުރު ކަސްޓަމަރަނުންނަށް ވާސިލްވުމަށް މަގުފަހިކޮށްދިނުމުގައި މޫލީ އިން މުހިންމު ދައުރެއް އަދާކުރާކަމަށާއި އެމް-ފައިސާ މެދުވެރިކޮށް ބިލް ދެއްކުމާއި، އޮންލައިން ޕްލެޓްފޯމްތަކާއި، ކެފޭ އަދި ފިހާރަތަކަށް އެއް ޕްލެޓްފޯމެއް މެދުވެރިކޮށް އޮންލައިންކޮށް ފައިސާ ދެއްކުމަށް ފަސޭހަވެފައިވާކަމަށް އުރީދޫން ބުންޏެވެ.

ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށް އުރީދޫންއިން އެފަދަ އިސްނެގުންތަކާއި އީޖާދީ ހިދުމަތްތައް ތައާރަފްކުރުމަށް ކުރެވޭ ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އުރީދޫއިން ދަނީ ދުނިޔޭގެ ވަރުގަދަ ޕްލެޓްފޯމްތަކުގެ ސަމާލުކަން ހޯދާ، ފަހުރުވެރި އެވޯޑްތައް ހާސިލްކުރަމުންކަމަށް ވެސް އުރީދޫން ބުންޏެވެ.

ރާއްޖޭގެ ރައްޔިތުންނާއި އޮންނަ ގާތް ގުޅުން ދަމަހައްޓާ، ބާރު ސްޕީޑެއްގައި ބަދަލުވަމުން އަންނަ އީޖާދީ ޓެކްނޮލޮޖީ އާއި ދިވެހިން ގުޅުވާލަދީ، އިތުރު ފުރުސަތުތަކާއި އެކު ދިވެހިންގެ ދިރިއުޅުމަށް އިތުރު ފަހިކަމެއް ގެނެސްދިނުމަށް ކުރަންޖެހޭ މަސައްކަތްތަކަކީ އެންމެ މުހިންމުކަމެއްގެ ގޮތުގައި ދެކިގެން ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމުގައި އަބަދުވެސް ދެމިތިބޭނެކަމުގެ ޔަގީންކަން އުރީދޫން ވަނީ ދީފައެވެ.