ހުޅުމާލޭގެ މަގުތައް ހެދުމުގެ މަސައްކަތް އަންނަ އޮކްޓޯބަރު މަހު ނިމޭނެ ކަމަށް ހައުސިން ޑިވޮލޮޕްމެންްޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފިއެވެ.

އެޗްޑީސީން މިއަދު ބުނީ، އެ ކުންފުނިން ކުރިއަށް ގެންދާ ފޭސް އެކެއް އަދި ފޭސް ދޭއްގެ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން އެ މަޝްރޫއުގެ 75 ޕަސަންޓު މަސައްކަތް ނިމިފައިވާ ކަމަށްވެސް ބުންޏެވެ.

މަގުތައް ހެދުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ 57 ޕަސަންޓް އަދި ދެވަނަ ފިޔަވަހީގެ 82 ޕަސަންޓް މަސައްކަތް ވަނީ ނިންމާލައިފައެވެ. އަދި ތާރު އެޅުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ 44 ޕަސަންޓް އަދި ދެވަނަ ފިޔަވަހީގެ 47 ޕަސަންޓް މަސައްކަތް ވަނީ ނިންމާލައިފައެވެ.

ފުރަތަމަ ފިޔަވަހީގައި 1.95 ކިލޯ މީޓަރުގެ 10 މަގު ހަދަމުންދެއެވެ. ދެވަނަ ފިޔަވަހީގައި 6.15 ކިލޯމީޓަރުގެ 33 މަގު ހަދަމުންދެއެވެ.

"މި ޕްރޮޖެކްޓްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ 20 އޮކްޓޯބަރ 2022 އަށެވެ." އެޗްޑީސީން މިއަދު ބުންޏެވެ.