ހައި ކޯޓުގެ ފަނޑިޔާރުކަމަށް ދެ ބޭފުޅަކު ކުރިމަތިލައިފިއެވެ.
ހައި ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފައިވަނީ މެއި މަހުގެ 26 ވަނަ ދުވަހުން ފެށިގެން މިއަދަށް މުއްދަތު ހަމަވާ ގޮތަށެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު ބުނީ ސުންގަޑި ހަމަވިއިރު، ހައި ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާފައިވަނީ ދެ ބޭފުޅުން ކަމަށެވެ.
އެ ދެ ބޭފުޅުންނަކީ ސިވިލް ކޯޓުގެ އިސް ގާޒީ ހުޒައިފާ މުހައްމަދާއި ޝުކުރުﷲ ޝަކީލް ކަމަށެވެ.
ހުޒެއިނާ، ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމަށް އައްޔަން ކޮށްފައިވަނީ މާޗު މަހުގެ 30 ވަނަ ދުވަހުއެވެ. އޭނާއަކީ ސުޕީރިއާ ކޯޓުތަކުގެ އީސް ގާޒީގެ މަގާމަށް އައްޔަންކުރެއްވި ފުރަތަމަ އަންހެން ގާޒީއެވެ.
ޝުކުރުﷲ އަކީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި ދައުލަތުގެ ވަކީލެއްގެ ގޮތުގައި ފަސް އަހަރު މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ މީގެ ކުރިން ކުރިމިނަލް ކޯޓުގެ ގާޒީ ކަމަށާއި ސިވިލް ކޯޓުގެ ގާޒީގެ މަގާމަށް ކުރިމަތިލައިފައެވެ. އެއިން އެއްވެސް މަގާމަކަށް އޭނާ ހޮވިވަޑައިގެންފައެއް ނުވެއެވެ.
ހައި ކޯޓުގެ ފަނޑިޔާރެއްގެ މުސާރައަކީ މަހަކު 36،000 ރުފިޔާއެވެ. ލިވިސް އެލޮވެންސް ގޮތުގައި މުސާރައިގެ އިތުރުން 15،000 ރުފިޔާ އަދި ރިސްކު އެލެވެންސްގެ ގޮތުގައި 3،000 ރުފިޔާ ލިބޭނެއެވެ.
ހައި ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފައިވަނީ ފަނޑިޔާރު އަލީ ސަމީރު އިސްތިއުފާ ދެއްވުމުންނެވެ.
އެ ކޯޓުގެ ބެންޗުގައި ތިއްބަވާ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް ވެސް ވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފައެވެ. އަދި ފަނޑިޔާރު ފަނޑިޔާރު އަބްދުﷲ ހަމީދު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު