އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހިއްސާކުރައްވާފައި ނުވާ ކަމަށް، ވެރިކަން ކުރައްވާ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު އެއް ޕާޓީ، ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ އެމަނިކުފާނު ހިއްސާކުރައްވާފައި ނުވާ ކަމަށް އެޕާޓީން ބުނެފިއެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި، ރައީސް ސޯލިހު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް ކުރައްވައިފައެވެ.

ރައީސް ސޯލިހު ވިދާޅުވީ، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ ކޯލިޝަނަކާއެކު ކަމަށާއި ވެރިކަން ދަމަހައްޓަން އެދޭނަމަ އެކަމަށް އޮތް "ޗޮއިސް" އަކީ އެމަނިކުފާނު ކަމަށެވެ.

"އަޅުގަނޑަށް ޔަގީންކަން އެބަ އޮތް ކޯލިޝަނަކާއެކު، އެމްޑީޕީ އިސްވެ އޮވެ ބަޔަކާ އެކީގައި ނުކުމެ 2023 އަޅުގަނޑަށް ކާމިޔާބު ކުރެވޭނެކަން. އެއީ އެމްޑީޕީއަށް އެކަންޏެއް ނުވާނެ. އެހެންވީމަ ޕާޓީގެ ކޮންގްރެސް އިން ނިންމާނީ ކެންޑިޑޭޓަކު. އަޅުގަނޑު ދޭނެ ޔަގީންކަމަކީ އަޅުގަނޑަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ވާހަކަ ރިޔާސީ އިންތިހާބު 2023ގައި. އެމްޑީޕީއަށް ވެރިކަން ބޭނުން ކަމަށްވަންޏާ އަޅުގަނޑު މިހުރީ ޗޮއިސްއެއް،" ރައީސް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހު "ވަން" އަށް މިއަދު ވިދާޅުވީ، އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ރައީސް ސޯލިހު އެ ޕާޓީއާ ހިއްސާކުރައްވާފައި ނުވާ ކަމަށެވެ. ނަމަވެސް ރިޔާސީ އިންތިހާބުގައި ޖޭޕީން ވާދަކުރައްވާނެ ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.

ޖޭޕީގެ އަސާސީ ގަވާއިދު ބުނާގޮތުން، ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރާނަމަ ކެނޑިޑޭޓަކަށް ވާނީ އެވަގުތަކު ހުންނަވާ އެ ޕާޓީގެ ލީޑަރެވެ. މިވަގުތު ޕާޓީގެ ލީޑަރަކަށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމެވެ.

އަލީ ސޯލިހު ވިދާޅުވީ، ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ބުނުމުގެ މާނައަކީ ކޯލީޝަނަކާއެކުވެސް އިންތިހާބުގައި ވާދަކުރުން ކަމަށެވެ. ނަމަވެސް ރައީސް ސޯލިހުގެ ނިންމެވުމެއް އެ ޕާޓީއާ އަދި ހިއްސާކުރައްވާފައި ނުވާތީ އެކަމާ ބެހޭގޮތުން ޕާޓީން ވަކި ގޮތެއް ނުނިންމާ ކަމަށާއި، ރިޔާސީ އިންތިހާބާ ބެހޭގޮތުން އެއްވެސް ހުށަހެޅުމެއް އަތުވެއްޖެ ނަަމަ ގޮތެއް ނިންމާނީ ޕާޓީން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.