ސައޫދީ އަރަބިޔާގައި ފަތުރުވެރިކަމުގެ ދާއިރާ ފުޅާކޮށް ތަރައްގީ ކުރުމަށް އަމާޒުކުރެވިގެން މީހުން ބިނާކޮށް ތަމްރީނު ކުރުމަށްޓަކައި 100 މިލިޔަން ޑޮލަރު ހޭދަކުރުމަށް އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ސައޫދީ އަރަބިޔާގެ ފަތުރުވެރިކަމާބެހޭ ވަޒީރު އަހުމަދު އަލްޚަތީބު ވިދާޅުވީ އަމާޒަކީ 2030 ވަނަ އަހަރުގެ ކުރިން ދުނިޔޭގެ ފަތުރުވެރިކަމުގެ ބޮޑު މަންޒިލަކަށް ސައޫދީ އަރަބިޔާ ހެދުން ކަމަށާއި މި އަމާޒަށް ވާސިލްވުމަށް ގައުމުގެ އެކި ކަންކޮޅުތަކުން އެއްލައްކަ މީހުން ތަމްރީނު ކުރެވޭނޭ ކަމުގައެވެ. އަލްޚަތީބު މިހެން ވިދާޅުވީ ވޯލްޑް ޓޫރިޒަމް އޮގަނައިޒޭޝަންގެ އެގްޒެކަޓިވް ކައުންސިލްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަލްޚަތީބު ވިދާޅުވީ ފަތުރުވެރިކަމާއި ގުޅުންހުރި ތަންތަން ބިނާކުރުމަށް ކުރިއަށް އޮތް 8 އަހަރު ޖުމްލަ 800 ބިލިޔަން ޑޮލަރު ސައޫދީ ސަރުކާރުން ޚަރަދު ކުރާނޭ ކަމުގައެވެ. އޭގެތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އައު ރިސޯޓުތަކާއި ހޮޓާ ތަރައްގީ ކުރުމެވެ. މިފަދަ ތަންތަން އެންމެ ގިނައިން ތަރައްގީ ކުރާނީ ރެޑްސީގެ އައްސޭރީގައެވެ. އަލްޚަތީބު ވިދާޅުވީ ސައޫދީ އަރަބިޔާއިން ތަރައްގީ ކުރާނީ ތިމާވެއްޓާ ރަހުމަތްތެރި ޓޫރިޒަމް ސެކްޓަރެއް ކަމަށާއި އެކަން ދަނީ އެމަގުންކަން ކަށަވަރު ކުރައްވާނޭ ކަމުގައެވެ.

ސައޫދީ އަރަބިޔާގައި ތަރައްގީ ކުރެވޭނީ މައިގަނޑު ގޮތެއްގައި ހަލާލު ޓޫރިޒަމެވެ. އެއީ ބަނގުރަލާއި އޫރުމަހާއި ބިކިނީއަށް ފުރުސަތު ނޯންނަ ޓޫރިޒަމެވެ. އަލްޚަތީބު ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކޮވިޑުގެ ސަބަބުން އެރި ލޮޅުމަކީ ވަރަށް ބޮޑު ފިލާވަޅެއް ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް މިކަހަލަ ޕެންޑަމިކެއްގެ ހިޔަނި ޓޫރިޒަމްގެ ސިނާއަތަށް އެޅިދާނެ ކަމަށް ވިސްނައިގެން އައު ފިކުރުތަކެއްގެ މަތީގައި މި ސިނާއަތް އާރާސްތު ކުރަން ޖެހޭ ކަމުގައެވެ.