މިހާތަނަށް ޔޫސަބަލް ރިސާވް އެންމެ ގިނައިން ހުރި އަހަރަށް މިއަހަރު ވެގެންދާނެ ކަމަށާއި ހަރަދު ބޮޑުވިކަމުގައިވިޔަސް، ރާއްޖޭގެ އިގުތިސާދު ހުރީ ރަނގަޅު ހިސާބެއްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ޔޫސަބަލް ރިޒާވަކީ މިހާރު އާންމުކުރާ މައުލޫމާތެއް ނޫން ކަމަށާއި އެއީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ނިންމުމެއް ކަމަށެވެ. އަދި ރައީސް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގެ ފަސް އަހަރު ޔޫސަބަލް ރިސާވް ހުރި މިންވަރާ ގުޅޭގޮތުން ވާހަކަފުޅުދައްކަވައިފައެވެ.
"މިހާތަނަށް ޔޫސަބަލް ރިޒާވް އާންމުކޮށްފައި ހުރި ހިސާބަކީ 2013 އިން 2018 އާ ހިސާބަށް. 2018 ނިމުނު އިރުގައި ހުރީ 281.4 މިލިއަން ޑޮލަރު ޔޫސަބަލް ރިޒާވްގައި. ބައެއް ފަހަރު އެ އަދަދު އެއަށްވުރެ ދަށްވެފައި ހުރީ. އެގޮތުން 2017 ވަނަ އަހަރު 50 މިލިއަން ޑޮލަރަށްވުރެ ދަށަށް ޔޫސަބަލް ރިޒާވް ގޮސްފައި ހުރިތަން ފެނޭ. އެއީ ޖީއެމްއާރަށް ސަރުކާރުން އޭރު 250 މިލިއަން ޑޮލަރު ދައްކަން ވެގެން ޔޫސަބަލް ރިޒާވުން ފައިސާ ނެގުމާ ގުޅިގެން. މިހާތަނަށް ޔޫސަބަލް ރިޒާވް އެންމެ ގިނައިން ހުރި އެއް އަހަރަށް މިއަހަރު ވާނެ ނިމޭއިރު،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރަސްމީ ރިޒާވްގައި 2009 ވަނަ އަހަރު ފެށުނު އިރުގައި 753 މިލިއަން ޑޮލަރު ހުރި އިރު، މިއަދު 807 މިލިއަން ޑޮލަރު އެބަހުރި ކަމަށާއި އެހެންކަމުން އެއްވަރެއްގައި އެބަ ހިފެހެއްޓޭ ކަމަށެވެ. އަދި ރާއްޖޭގެ އިގުތިސާދުވެސް ރަނގަޅަށް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ.
"ދައުލަތުގެ އިގުތިސާދު ހުރީ ރަނގަޅު މިސްރާބެއްގައި, ކުރިއަށް އެބަދޭ، ހަރަދުތައް އަދި މިއައި ބަދަލާއެކު ބޮޑުވެގެންދިޔަ ނަމަވެސް. އެގޮތުން ފުރަތަމަ ފަހަރަށް 2023 ވަނަ އަހަރު ނިމޭއިރު, ނޮމިނަލް ޖީޑީޕީ 100 ބިލިއަން ރުފިޔާ ހުރަސްކުރާނެ. މިއީ ވަރަށް ބޮޑު ކުރިއެރުމެއް. އަޅުގަނޑުމެންގެ އަންދާޒާއަކީ މިއަހަރުގެ ޖީޑީޕީ ގްރޯތު 13 ޕަސަންޓުގައި ހިފެހެއްޓޭނެ ކަމަށް. މިހާތަނަށް އައި އިރުގައި އަޅުގަނޑުމެންނަށް އެގޮތަށް ދެމެހެއްޓިފައި އެބަހުރި،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި 8.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރި ނަމަވެސް، މި ފަސް މަސް ނިމުނު އިރުގައި 11.1 ބިލިއަން ރުފިޔާ ދައުލަތުގެ އާމްދަނީއަށް ލިބިފައި އެބަހުރި ކަމަށެވެ. އަދި އިގުތިސާދު ކުރިއަރާ މިންވަރު ރަނގަޅުވީ ނަމަވެސް، ވިސްނަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.