އިގުތިސާދީ ހާލަތު މިހާރު އޮތް ގޮތަށް ބަލައި ބައެއް މަޝްރޫއުތައް ފެށުން ފަސްކޮށް, މިވަގުތު ލޯނު ނަގައިގެން ބޮޑު އާ މަޝްރޫއެއް ފެށުމުގެ ވިސްނުމެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހު ވިދާޅުވީ ކޮވިޑުން އަރައިގަތުމަށް ދެން ކުރިމަތިލާން ޖެހުނީ ރަޝިއާ-ޔޫކްރޭންގެ ހަނގުރާމައާ ކަމަށާއި ވަރަށް ބޮޑު އިންގިލާބެއް, ވަރަށް ބޮޑު ބަދަލުތަކެއް އިގުތިސާދަށް އަތުވެފައިވާ ކަމަށެވެ. އަދި ތެލާއި ގޮދަން އަދި ސިމެންތީގެ އަގު އިންތިހާއަށް މައްޗަށް ގޮސްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން މި އަންނަނީ މި ހާލަތު ވަރަށް ގާތުން މޮނީޓާކޮށް, އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން. ހަރަދު ކުޑަކުރުމަށް އެޅިފައިވާ ފިޔަވަޅުތަކުން ބަޖެޓު ކުރެވިފައި އޮތް, މެއި މަހުގެ ނިޔަލަށް 15.1 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް. އެހެންނަމަވެސް މެއި މަސް ނިމުނު އިރު, އަޅުގަނޑުމެން ހަރަދުކުރީ 14.1 ބިލިއަން ރުފިޔާ. ހަރަދުތައް ކުޑަކުރެވިއްޖެ. އަދި އާ ބައެއް މަޝްރޫއުތައް ފެށުން މިހާރު ވާނީ ހުއްޓާލާފައި. އިތުރު އާ ބޮޑު މަޝްރޫއެއް އަލުން ސޮއިކޮށްގެން, އަލުން ލޯނު ނަގައިގެން މިވަގުތު ކުރިއަށްގެންދިއުމުގެ ވިސްނުމެއް އަޅުގަނޑުމެންގެ ނެތް. މިހާރު ހަމަޖެހިފައި ހުރި ލޯނުތަކާއެކީގައި މަޝްރޫއުތައް ކުރިއަށްގެންދާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއަހަރުގެ ބަޖެޓުގައި ނެޓް ފައިނޭސިންގެ ގެޕަކީ ގާތްގަނޑަކަށް 9.8 ބިލިއަން ރުފިޔާ ކަމަށާއި އޭގެ ތެރެއިން 7.9 ބިލިއަން ރުފިޔާ ހޯދިފައިވާ ކަމަށެވެ. އަދި އިތުރަށް މި ބޭނުންވަނީ ދެ ބިލިއަން ރުފިޔާ ހޯދަން ކަމަށް ވެސް ވިދާޅުވިއެވެ.
"ސުވާލަކީ އެ ނުލިބިއްޖެއްޔާ ދެން ކިހިނެއްތޯ ހަދާނީ?. އަޅުގަނޑުމެން ކުރަން ޖެހޭނެ ކަމަކީ ބައެއް މަޝްރޫއުތައް ހުއްޓާލުން, ހަރަދުތައް ކުޑަކޮށްފައި ލިބޭ އެއްޗަކުން ދެކޮޅު ޖެއްސުން. އަޅުގަނޑުމެން އެކަން ކުރާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ކޮންމެ ދަނޑިވަޅެއްގައި ވެސް ރައްޔިތުންނަށް ވީހާވެސް ލުއި ގޮތްތައް ހޯދުމަށްޓަކައި ސަރުކާރުން އަންނަނީ އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ކަމަށާއި ކުރިއަށްއޮތް ތަނުގައި ތެލުގެ އަގަށް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ހަރަދުތައް ބޮޑުވެގެންދިޔަ ނަމަވެސް، ދައުލަތުގެ އިގުތިސާދު ހުރީ ރަނގަޅު މިސްރާބެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު