ޚަބަރު

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ދިރާގުން ސްނޯކަލިން ސެޝަނެއް ބާއްވައިފި

މުހައްމަދު ޖަމްޝަތް ވަހީދު

ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި ދިރާގުން ސްނޯކަލިން ސެޝަނެއް ބާއްވައިފިއެވެ.

ދިރާގުގެ ބްރޭންޑް އެމްބެސަޑަރު، ޒޫނާ ނަސީމާއެކު ޒުވާނުންނަށް އަމާޒުކޮށްގެން ދިރާގުން ބޭއްވި މި ސްނޯކަލިން ސެޝަން ބާއްވާފައިވަނީ މިއަދު ހެނދުނެވެ. މި ހަރަކާތުގައި ދިރާގުގެ ބްރޭންޑް އެމްބެސަޑަރު، ޒޫނާ ވަނީ ރާއްޖޭގެ މިހާރުގެ ހާލަތާ ބެހޭގޮތުން ހޭލުންތެރިކުރުމުގެ ސެޝަނެއްވެސް ކުރިއަށް ގެންގޮސްފައެވެ.

ދިރާގުން ބުނީ މި ސެޝަންގެ މައިގަނޑު މަގުސަދަކީ ޒުވާނުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް، ކަނޑުތަކުގެ ދިރުންތަކަށާއި ތިމާވެއްޓަށް ނުރައްކާ ކުރިމަތިވެފައިވާ މިންވަރު އިހުސާސުކޮށް ޒުވާނުންނަކީ މުސްތަގުބަލަށް ހެޔޮ ބަދަލު ގެނައުމަށް ބާރުއަޅާ ބަޔަކަށް ހެދުން ކަމަށެވެ.

އެގޮތުން މި އިންފޮމޭޝަން ސެޝަނުގައި ރާއްޖޭގެ ކަނޑުގެ އީކޯ ސިސްޓަމް ހިމާޔަތްކުރުމަށް ކުރެވިދާނެ ކަންތައްތަކަކަށް އަލިއަޅުވާލައި ބައިވެރިންނަށް މައުލޫމާތު ދީފައިވާނެ ކަމަށާއި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށް ބާރު އަޅައި ސެޝަންގެ ބައިވެރިންނަށް ހިތްވަރު ދީފައިވާނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ވަނީ އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމުގައި އެކުންފުނީގެ ދައުރު އަދާކުރުމަށް ހިތްވަރުދިނުމުގެ ގޮތުން ދިރާގުގެ ރީޔޫޒް ކުރެވޭ ކޮތަޅުތައް ހަރަކާތުގެ ބައިވެރިންނަށް ހަދިޔާކޮށްފައެވެ. ކަނޑުގެ ދިރުން ހިމާޔަތްކޮށް ދިރުވައި އާލާކުރާނެ ގޮތުގެ މައްޗަށް އަލިއަޅުވާލައި އެ މަސައްކަތް ކުރިއަށް ގެންދިއުމަށާއި އެއިން ދެމެހެއްޓެނިވި ނަތީޖާއެއް ނެރުމަށް އަބަދުވެސް އެކުންފުނިން މަސައްކަތް ކުރާނެ ކަމަށް ދިރާގުން ބުންޏެވެ.