ޚަބަރު

ލިބޭ ތަރުހީބާ މެދު ހިތްހަމަޖެހޭ، ރަނގަޅަށް ކުނި ވަކިކޮށްގެން ނެރެނީ 15 ޕަސަންޓް ކަސްޓަމަރުން: ވެމްކޯ

ރިފާ ހަލީލު

ކުނީގެ ބާވަތްތައް ވަކިކޮށްގެން ނެރުމަށް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ލިބުނު ތަރުުހީބާ މެދު ހިތްހަމަޖެހޭ ކަމަށާއި 15 ޕަސެންޓު ކަސްޓަަމަރުން ވަރަށް ރަނގަޅަށް ކުނި ވަކިކޮށް ނެރޭ ކަމަށް ވޭސްޓް މެނޭޖްމަންޓު ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.

މާލޭ ސަރަހައްދުން ތިން ބާވަތެއްގެ ކުނި ވަކިކޮށް ނެރެންޖެހޭ ގޮތަށް ކުނި މެނޭޖުކުރުމާ ބެހޭ ގަވާއިދަށް އަމަލުކުރަން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

މިގޮތަށް ކުނި ނެރޭތާ ހަފުތާއެއް ވުމުން މިކަމަށް އާންމުންގެ ތަރުހީބު ލިބޭ މިންވަރު ހާމަކުރުމަށް ވެމްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުނީގެ ބާވަތްތައް ވަކިކޮށް ނެރެންޖެހޭ ގޮތަށް ގެނެވުނު ބަދަލަށް ކަސްޓަމަރުން އަހުލުވެރިވާ މިންވަރާއި ދޭ އެއްބާރުލުމާ މެދު އެ ކުންފުނިން ހިތްހަމަޖެހޭ ކަމަށެވެ.

އެގޮތުން ޖުމުލަ ގޮތެއްގައި ބަލާއިރު މާލެ ސަރަހައްދުގެ ގޭބިސީތަކުގެ 15 ޕަސެންޓު ކަސްޓަމަރުން ވަރަށް ރަނގަޅަށް ކުނި ވަކިކުރަމުން އަންނަ ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.

ވެމްކޯއިން މިދިޔަ މަހުގެ 20 ވަނަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ، މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ގޭބިސީތަކުން ބޭރަށް ނެރޭ ކުނީގެ ބާވަތްތައް ހުންނަން ވާނީ ބައިތަކަށް ވަކިކޮށްފައި ކަމަށެވެ.

ރާއްޖޭގެ ކުނި މެނޭޖުކުރުމާ ބެހޭ ގަވާއިދަށް ގެނެސްފައިވާ އިސްލާހަށް އަމަލުކުރަން އެ ކުންފުންޏަށް ލާޒިމުވާތީ ކުނި ވަކިކޮށްފައި ނުވާ ނަމަ، އެ ކުނި ބަލައިނުގަތުމުގެ އިހުތިޔާރު އެ ކުންފުންޏަށް ލިބިގެންވެއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 17 ވަނަ ދުވަހު، ރާއްޖޭގެ ކުނި މެނޭޖުކުރުމާ ބެހޭ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން، އުކާލުމަށް ނެރޭ ކުނީގެ ބާވަތްތައް ހުންނަން ވާނީ ބައިބަޔަށް ވަކިކޮށްފައެވެ.

އެގޮތުން މާލޭ ސަރަހައްދު ގޭބިސީތަކުން އުކާލުމަށް ނެރޭ ކުނިތަކުގެ ތެރޭގައި ހިމެނޭ، ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ކުނި، ޕްލާސްޓިކް ފުޅި އަދި އެހެނިހެން ބާވަތްތަކުގެ ކުނި ހުންނަންވާނީ ވަކިކޮށްފައެވެ. މާލޭ ސަރަހައްދު ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށާއި ސިނާއީ ރަށްތަކަށް އަދި ރިސޯޓުތަކުން ވެސް އުކާލުމަށް ނެރޭ ކުނިތައް ހުންނަން ވާނީ ވަކިކޮށްފައެވެ. އަދި ކުނި ވަކިކޮށްފައި ހުންނަން ވާނީ އެއްކުނީގެ ބާވަތް އަނެއްކުންޏާ އެއް ނުވާނޭހެން ވަކި ކޮތަޅުތަކުގައެވެ.

ވެމްކޯ އިން ބުނީ އެކުންފުނިން މާލޭ ސަރަހައްދުން ކޮންމެ ދުވަހެއްގެ މައްޗަށް 1300 އަށްވުރެ ގިނަ ޑަސްބިނުގެ ދުވަހު ކުނި އުކާލަމުންދާ ކަމަށެވެ. އަދި މީގެ ތެރެއިން އަމިއްލަ ޒާތުގައި ފަނާވާ ކުނީގެ ގޮތުގައި 49 ޕަސެންޓު ކުނި ހިމެނޭ ކަމަށާއި އެހެނިހެން ބާވަތްތަކުގެ ކުނީގެ ގޮތުގައި 51 ޕަސެންޓު ކުނި ހިމެނޭ ކަމަށެވެ.

އެހެންނަމަވެސް މި ގެނެވުނު ބަދަލާއެކު ދުވަހު ކުނީގެ ގޮތުގައި އުފެދޭ ކުނީގެ ބާވަތްތައް އިތުރުވެފައިވާކަން އެކުންފުންޏަށް ފާހަގަވެފައިނުވާ ކަމަށް ބުންޏެވެ. އެހެންނަމަވެސް ޕްލާސްޓިކް ފުޅީގެ އެކި ބާވަތްތައް 27 ޕަސެންޓަށް އިތުރުވެފައިވާކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

"މި ގެނެވުނު ބަދަލާއެކު ބައެއް ގޭބިސީތަކުން އަމިއްލައަށް ފަނާވާ ކުންޏާއި ޕްލާސްޓިކް ކުނި އަދި އެހެނިހެން ކުނި ވަރަށް ރަނގަޅަށް ވަކި ކުރަމުންދޭ. މިގެނެވުނު ބަދަލާ ގުޅިގެން ގޭބިސީތަކުގައި އުފެދޭ ކުނީގެ މުހިންމު އިތުރު މައުލޫމާތު މި ކޯޕަރޭޝަނަށް ދަނީ ލިބެމުން. ކަސްޓަމަރުންގެ ފަރާތުން ދޭ އެއްބާރުލުމަށް މި ކޯޕަރޭޝަނުން ހިތްހަމަޖެހޭ،" ވެމްކޯ އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ވެމްކޯ އިން ބުނީ ދުވަހު ކުނީގެ ގޮތުގައި ނުހިމެނޭ ބަރު އަދި ބޮޑެތި ކުނި އުކާލުމަށް އެ ކުންފުނީގެ ކޯލް އެންޑް ޕިކަޕް (CAPS) ހިދުމަތް ނުވަތަ ކުލީ ޕިކަޕުގައި އެހެން ކުންޏާ އެއްނުވާނޭހެން އުކާލެވިދާނެ ކަމަށެވެ.

މީގެ އިތުރުން މާލޭ ސަރަހައްދުން ބޭރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުން އުޅަނދުގައި ކުނި ބަރުކޮށްގެން ތިލަފުށި ވޭސްޓް ޑިސްޕޯސަލް ސައިޓަށް ކުނި އުކާލާ ފަރާތްތަކުން ވެސް ޖެހޭނީ ގަވާއިދާ އެއްގޮތަށް އަމަލުކުރަން ކަމަށް ވެމްކޯއިން ބުނެފައިވެއެވެ.