ހައްޖު ކޯޕަރޭޝަނުގެ މުވައްޒަފަކު އެތަނުން ލެޕްޓޮޕެއް ވަގަށް ނެގި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް އިއްޔެ ވިދާޅުވީ ހައްޖު ކޯޕަރޭޝަނުގެ ލެޕްޓޮޕެއް ގެއްލިފައިވާ މައްސަލަ އެ ކޯޕަރޭޝަނުން މިދިޔަ މޭ މަހުގެ ތެރޭގައި ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.

ނަމަވެސް މައްސަލަ ހުށަހެޅި ތާރީހެއް އޮފިސަރު ވިދާޅެއް ނުވެ އެވެ. އެނގިފައިވާ ގޮތުގައި މި މައްސަލަ ބަލައިދިނުމަށް ހައްޖު ކޯޕަރޭޝަނުން ވަނީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދަށް ސިޓީއަކުން ހުށަހަޅައިފަ އެވެ.

އެކަން އެނގޭ މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ވަން"އަށް އިއްޔެ ބުނީ ހައްޖު ކޯޕަރޭޝަނުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފަކު އެކުންފުނީގައި ބޭނުންކުރަމުންދިޔަ މެކްބުކް ޕްރޯއެއް ވަގަށް ގެންގޮސްފައިވާ ކަމަށެވެ.

އޭނާ ބުނީ މި މުވައްޒަފު ގާތު ލެޕްޓޮޕް އަނބުރާ ގެނައުމަށް އެދުމުން އެކަމަށް އިންކާރުކުރި ކަމަށެވެ.

ހައްޖު ކޯޕަރޭޝަނަށް "ވަން" އިން ގުޅުމުން އެ ކޯޕަރޭޝަންގެ އޮފިޝަލަކު ވިދާޅުވީ އެ ކުންފުނީގައި ހިނގާ ކަންކަމަކީ ހުރިހާ މުވައްޒަފުންނަށް އެނގޭ ކަންކަން ނޫން ކަމަށާއި އެހެން ކަމުން މިފަދަ ކަމެއް ހިނގައިގެން އުޅޭ ކަމެއް އޭނާ އަށް ނޭނގޭ ކަމަށެވެ. ނަމަވެސް މިކަން އޭނާ ދޮގެއް ނުކުރެއެވެ.

މައުލޫމާތު ދެވޭނީ ކޮން ބޭފުޅަކަށްތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ މިވަގުތަކީ އެ ކުންފުނީގެ ހުރިހާ މުވައްޒަފުންވެސް ވަރަށް ބުރަކޮށް މަސައްކަތުގައި އުޅޭ ވަގުތެއް ކަމުން މި ވަގުތު މައުލޫމާތު ދެވޭނެ ބޭފުޅެއްވެސް ނެތް ކަމަށެވެ. އަދި ލެޕްޓޮޕެއް ވަގަށް ގެންގޮސްފައިވާ ކަމަށް ދެކެވޭ ވާހަކައަށް އޭނާއަށް ޖަވާބު ދެވޭނީ އެހެން މުވައްޒަފުންނާއި މަޝްވަރާ ކުރުމަށްފަހު ކަމުގައިވެސް އޭނާ ވިދާޅުވި އެވެ.

ހައްޖު ކޯޕަރޭޝަނަކީ ސަރުކާރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ތަނެކެވެ.