ދަނޑުގައި ލައިޓެއް ނުދިއްލިގެން ކުޅިވަރާ ބެހޭ މިނިސްޓަރު މަޖިލީހަށް ގެނެސް ސުވާލު ކުރުން ނިމުމަކަށް ގެންނަންޖެހޭ އެބަ ޖެހޭ ކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވަޒީރުންނާ ސުވާލު ކުރުމުގެ ވަގުތުގައި، އިދިކޮޅު ޕީއެންސީގެ މެންބަރު މާވަށު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މެންބަރު ސައީދު މިނިސްޓަރު މަހުލޫފާ ސުވާލު ކުރެއްވީ، ލ. މާވަށުގައި ރައީސް ޔާމީންގެ ސަރުކާރުން ހަދާފައިވާ ފުޓްސަލް ދަނޑުގެ ޓާފް، އެއްކޮށް ހަލާކުވެފައިވާތީ އެކަން ހައްލު ކޮށްދޭނީ ކޮށް އިރަކުންތޯ، އާއި ރައީސް ޔާމިންގެ ވެރިކުގައި އެރަށުގައި ހައްދަވައި ދެއްވި ދެ ވޮލީ ކޯޓާއި ފުޓްސަލް ދަނޑުގެ ލައިޓުތައް ހަލާކުވެ، ނުދިއްލޭތީ އެ ލައިޓްތައް އަލުން ހަދައިދެވޭނީ ކިހާ ތާކުތޯ އާއި، މާވަށު ޔޫތު ސެންޓަރު މަރާމާތު ނުކުރެވި ވީރާނާވެ އިންޑޯ ކުޅިވަރުގެ ސާމާނުތައް ހަލާކުވަމުންދާތީ ޔޫތު ސެންޓަރު މަރާމާތު ކުރުމުގެ މަސައްކަތް ފެށޭނެ ދުވަހެއް އޮޅުން ފިލުވުމަށެވެ.

ޖަވާބު ދެއްވަމުން މިނިސްޓަރު މަހުލޫފު ވިދާޅުވީ، މާވަށު ފުޓްސަލް ދަނޑު މަރާމާތު ކުރަން ބޭނުންވާކަމަށް ރަށު ކައުންސިލުން އެންގީ މެއި މަހުގެ 10 ގައި ކަމަށެވެ. އެކަމަށް ބަޖެޓު ކުރެވިފައި ނެތް ނަމަވެސް އެއީ ތަންކޮޅެއް ބޮޑު މަސައްކަތަކަށް ވާތީ، އެއަށް ގޮތެއް ހޯއްދަވައިދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ސައީދު ވިދާޅުވާ ވޮލީ ކޯޓަކީ ވެލީގައި ނަނެއް ދަމާލައިގެން އަޅައިފަ އޮތް ކޯޓެއް ކަމަށާއި، އެފަދަ ކޯޓަކަކީ، ކޯޓުގެ ގޮތުގައި މިހާރު ނުބަލާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މަހުލޫފު ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ރަނގަޅު ފެންވަރުގެ 60 އަށްވުރެން ގިނަ ވޮލީ ކޯޓުގެ މަސައްކަތް އެބަ ކުރާ ކަމަށެވެ. އަދި 10 އިންޑޯ ދަނޑުގެ މަސައްކަތް، އެބަ ކުރާ ކަމަށާއި އެހެންކަމުން، އެ މަސައްކަތްތަކުގެ ތެރޭގައި މާވަށް ހިމެނޭތޯ ބައްލަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް މިނިސްޓަރު ވިދާޅުވީ، ލައިޓެއް ނުދިއްލިގެން ކުޅިވަރާ ބެހޭ މިނިސްޓަރު މަޖިލީހަށް ގެނެސް ކުރާ ސުވާލުތައް ނިމުމަކަށް ގެންނަން އެބަ ޖެހޭ ކަމަށެވެ.

"ފުޓްސަލް ދަނޑުގެ ލައިޓް ނެތީމަ ނުކުޅެ، ވޮލީ ކޯޓުގެ ލައިޓް ނެތީމަ ނުކުޅެވި، މިނިސްޓަރާ ހެދި ހުންނަން ޖެހޭ ވިސްނުން އެބަޖެހޭ ހަގީގަތުގައިވެސް ނިމުމަކަށް ގެންނަން، ނަމަވެސް ހިތާމައަކީ މިހާރުވެސް ވަަރަށްގިނަ ރިކުއެސްޓް އާދޭ،"

ވީ ވަރަކުން މިނިސްޓްރީން އެކަންތައް ކޮށްދިން ނަމަވެސް އެއީ ވަރަށް ކުދި ކުދި ކަންތައް ކަމަށާއި، އެކަންކަމަށް މަޖިލީހުން ކައުންސިލްތަކަށް އިތުރު ބަޖެޓެއް ދީގެން ކައުންސިލްތައް ލައްވައި އެކަންތައްތައް ކުރެވިދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.