ޚަބަރު

ކެނެރީގެ ފާރުގައި "އިންޑިއާ އައުޓް" ލިޔުނު ކަމަށް ތުހުމަތުވާ މީހާގެ ބަންދަށް ހަތް ދުވަސް ޖަހައިފި

މުހައްމަދު އިޝާން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅު، ކެނެރީގޭ ފާރުގައި "އިންޑިއާ އައުޓް" ލިޔުނު ކަމަށް ތުހުމަތުވާ މީހާގެ ބަންދަށް ހަތް ދުވަސް ޖަހައިފިއެވެ.

ކެނެރީގެ ފާރުގައި "އިންޑިއާ އައުޓް" ލިޔުނު މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 28 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.

ފުލުހުން މިއަދު ބުނީ، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ހަތް ދުވަސް ދީފައިވާ ކަމަށެވެ.

ކެނެރީގެ ފާރުގައި "އިންޑިއާ އައުޓް" ލިޔެފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. ކެނެރީގެ ފާރުގައި "އިންޑިއާ އައުޓް" ސްޕްރޭކުރި އިރު، އެ ގެ ކައިރީގައި ސިފައިން ސެކިއުރެޓީ ބަލަހައްޓަން ތިބެއެވެ. ފެހި ކުލައިގެ ސްޕްރޭ ބޭނުންކޮށްގެން ކެނެރީގޭ ފާރުގައި "އިންޑިއާ އައުޓް" ޖަހާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲގެ އޮފީސް ކަމަށް ލިޔެފައިވާ ބޯޑެއް ކައިރީގައެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭނުގައި ވަނީ މާލޭގެ މަގުތަކުގައާއި ފާރުތަކުގައި "އިންޑިއާ އައުޓް" ސްޕްރޭކޮށްފައެވެ. އެގޮތުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ގެކޮޅާއި މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މައި ހަރުގެ ހުންނަ މ. ކުނޫޒުގެ ފާރުގައިވެސް ވަނީ "އިންޑިއާ އައުޓް" ސްޕެރޭކޮށްފައެވެ.

"އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވުމަށް ގޮވާލައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ގަރާރެއް ވެސް ނެރުއްވައިފައެވެ. އެ ގަރާރުގައިވާ ގޮތުން އެ ކެމްޕޭނަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެކެވެ. އެހެންވެ އެ ކެމްޕޭން ހުއްޓުވައިދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގަރާރުގައި ވަނީ އަންގަވައިފައެވެ.

އެ ގަރާރުގެ ދަށުން ފުލުހުން ވަނީ ޔާމީންގެ ގެކޮޅުގައި ހަރުކޮށްފައި ހުރި "އިންޑިއާ އައުޓް" ބެނާއެއް ނަގައިފައެވެ. އަދި އެ ޝިއާރުގެ ދަށުން ކުރާ މުޒާހަރާތައް ރޫޅާލައި ބައެއް މީހުން ދަނީ ހައްޔަރުވެސް ކުރަމުންނެވެ.