ޅ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑުހިލަ އެރަށަށް ގެންގޮސްފިއެވެ.

އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނީ ކުރެންދޫއަށް ގެންގޮސްފައިވަނީ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމެންޓު ކަމަށެވެ.

އެ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީން 44.9 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

އެ މަޝްރޫއުގެ ދަށުން، 9100 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 361 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 822 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

ކުރެންދޫއަކީ ރަށްގިރުމުގެ މައްސަލަ އިންތިހާއަށް ކުރިމަތިވެފައިވާ ރަށެކެވެ. މިދިޔަ އަހަރުގެ ސެމްޓެމްބަރު މަހުގެ ތެރޭގައި އެރަށަށް އުދަ އެރުމުގެ ސަބަބުން ބައެއް ގެތަކަށް ގެއްލުން ލިބި، މޫދާ ކައިރީގައި ހަދާފައިވާ ރީތި ފުޓްބޯޅަ ދަނޑަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ.