ޚަބަރު

ފެނުނު މަސްތުވާތަކެއްޗާ ހަވާލުވުމުންވެސް ކުށް ސާބިތެއް ނުވި

އަލީ ޔާމިން

މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބަޔަކު، ކޯޓުގައި އެއީ އެމީހުންގެ ތަކެތި ކަމަށް އިއުތިރާފުވީ ނަމަވެސް، ދައުލަތުން ކުރި ޑައިމޯފިން ޓެރެފިކް ކުރުމުގެ ކުށުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ، މއ. ރޯޝަނީމަންޒިލް، އަހުމަދު އަޝްވާން އާއި ށ. މިލަންދޫ، ނަސީމީ ވިލާ، މުހައްމަދު ނާޖިހު އަދި ގއ. ނިލަންދޫ، އަބްދުﷲ ޝަރުވަތު ޝިހާބުގެ މައްޗަށެވެ. އެ ތިން މީހުންގެ މައްޗަށް ވެސް ދައުލަތުން އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ.

އެ ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، 2019 ވަނަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި، ގ. ޕެލިކަންގޭގެ ތެރެއިންނެވެ. އެމީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން އެގޭގެ ދެވަނަ ފަންގިފިލާ ބަލައިފާސްކުރި އިރު، އެ ފަންގިފިލާގެ ފާހާނައިގެ ހަލާކުކޮށްފައި ހުރި ޕްލާސްޓިކް ދޮރުގެ ތެރޭގައި އޮތް ރަބަރު ޕެޖެޓުގެ ތެރޭގައި އޮތް ތިން ރަބަރު ޕެކެޓުގައި އޮތް 73 ރަަބަރު ޕެކެޓުގައި 5.2 ގްރާމް ޑައިމޯފިން ފެނުނު މައްސަލައިގައެވެ.

މި މައްސަލައިގައި ދައުލަތުން އުފުލާފައިވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއަށް ދައުވާ ރައްދުވާ ތިން ފަރާތުން ވެސް އިންކާރުކުރި ނަމަވެސް، އެމީހުން ވަނީ އެއީ އެމީހުންގެ ތަކެތި ކަމަށާއި މަސްތުވާތަކެތި ބޭނުންކުރާ ކަމަށް އިއުތިރާފުވެފައެވެ. އެހެންވެ، ދައުލަތުން ވަނީ ދައުވާ ސާބިތުކުރުމަށް ގިނަ ހެކިތަކެއް ވެސް ހުށަހަޅައިފައެވެ. އެގޮތުން އެ ތިން މީހުންގެ އިއުތިރާފު ބަޔާނާއި ކްރައިމް އޮފިސާސް ރިޕޯޓާއި ރިޕޯޓު ތައްޔާރުކުރި އޮފިސަރާއި ސީންއަށް ހާޒިރުވި ދެ ފުލުސް އޮފިސަރުންގެ އިތުރުން މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓާއި، ރިޕޯޓު ތައްޔާރުކުރި އޮފިސަރު ހުށަހަޅާފައިވެއެވެ.

އެ ތިން މީހުންގެ ފަރާތުން، އެ މައްސަލައިގައި ދިފާއުވުމަށްވެސް ގިނަ ހެކިތަކެއް ހުށަހެޅިއެވެ. އެގޮތުން، ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ސ. ހިތަދޫ، ދަނޑަގެ، މުހައްމަދު އަފްޒަލް ޒުބައިރު ވަނީ ފެނުނު ތަކެއްޗަކީ އޭނާގެ އެއްޗެހި ކަމަށާއި އެއީ އޭނާ ބޭނުންކުރުމަށް ގެންގޮސްފައިވާ ތަކެތި ކަމަށް އިއުތިރާފުވެފައެވެ. އަދި ފުލުހުން އެތަކެތި އަތުލައިގަތް ކޮޓަރިއަކީ އޭނާ ކުއްޔަށް ނަގާފައިވާ ތަނެއް ކަމަށާއި އޭނާއަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހެއް ކަމުން އެ ކޮޓަރީގައި ހުރި މަސްތުވާތަކެއްޗަކީ އޭނާ ބޭނުންކުރަން ގެންގޮސް ފޮރުވާފައި ހުރި މަސްތުވާތަކެތި ކަމަށް ވަނީ ބުނެފައެވެ. އަދި ދައުލަތުން ދައުވާކުރި ތިން މީހުންނަށް އެތަކެއްޗާ ބެހޭ އެއްވެސް މައުލޫމާތެއް ނޭނގޭނެ ކަމަށް ބުނެފައިވެއެވެ.

ދައުލަތުން ކޮށްފައިވާ ދައުވާ ސާބިތުވެއްޖެ ނަމަ ގާނޫނުގައިވާ އަދަބަކީ އުމުރަށް ޖަލަށް ލުމާއެކު، އެއް ލައްކަ ރުފިޔާއާއި ދިހަ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

ދައުވާ ލިބޭ ފަރާތް ހުރި ތަނަކުން މަސްތުވާތަކެތި ފެނުމަކީ ހަމައެކަނި އެކަމުގެ މައްޗަށް ބަލައި ދައުވާ ސާބިތުކުރެވޭނެ ކަމެއް ނޫނެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު އިއްޔެ ކުރި ހުކުމުގައި ބުނީ، އެ ދައުވާ ލިބޭ ފަރާތްތަކުން ދައުވާއަށް އިންކާރުކޮށްފައިވާތީއާއި އެ ދައުވާ އެމީހުންގެ މައްޗަށް ސާބިތުކުރުމަށް ބޭނުންވާ ހެއްކާއި ގަރީނާ ލިބިފައިނުވާތީ ދައުލަތުން ދައުވާ ލިބޭ ތިން މީހުންގެ މައްޗަށް ކޮށްފައިވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުނުވާ ކަމަށެވެ.