ކުޑަކުދިން ހުން އަޔަސް މާގިނައިން ޕެރަސެޓްމޯލް ދިނުމަކީ ރައްކާތެރި ގޮތެއް ނޫން ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ޓީވީއެމުން މިއަދު ގެނެސްދިން ހެނދުނު ހެނދުނާ ޕްރޮގުރާމުގައި ޑެންގީ ހުން އިތުރުވުމާ ގުޅޭ މައުލޫމާތުތައް ހިއްސާކުރައްވަމުން ޑރ. ފައިސަލް ވިދާޅުވީ ޑެންގީ ޖެހިއްޖެ ނަމަ ގަދަ ހުމެއް އަންނަ ކަމަށާއި ހުން މަޑުކުރަން އެންމެ އާންމުކޮށް ދެނީ ޕެރަސެޓްމޯލް ކަމަށެވެ. ނަމަވެސް ޑޮކްޓަރަށް ނުދައްކާވެސް ބައެއް މީހުން ޕެރަސެޓްމޯލް ބޭނުންކުރާ ކަމަށް ވިދާޅުވިއެވެ.
ޑރ. ފައިސަލް ވިދާޅުވީ ކުޑަކުދިން ހުން އައިސްފި ނަމަ، ޕެރަސެޓްމޯލް ސިރަޕް ދިނުމަކީ އާންމުކަމެއް ކަމަށާއި ނަމަވެސް އެ ދޭންވާ ގަޑިއަށް ދިނުން މުހިންމު ކަމަށެވެ. އެގޮތުން ހުން މަޑުނުވި ނަމަވެސް މާގިނައިން ދޭތެރެ އަވަސްކޮށް ބޭސް ދިނުމަކީ ރައްކާތެރި ގޮތެއް ނޫން ކަމަށް ވިދާޅުވިއެވެ.
ޕެރަސެޓްމޯލް މާގިނައިން ދިނުމުން ފުރަމޭ ހަލާކުވެ ބައެއް ފަހަރު ކުދިން ފުރާނަ ނުރައްކަވާ ހިސާބަށް ގޮސް އައިސީޔޫގައި ފަރުވާ ދޭންޖެހޭ ކަމަށްވެސް ޑރ. ފައިސަލް ވިދާޅުވިއެވެ.
"ޕެރަސެޓްމޯލްގެ ހުންނާނެ އެކި ކޮންސެންޓްރޭޝަންތައް. އެއީ ޑްރޮޕަކާއި ސިރަޕެއް. ސިރަޕުގެވެސް ހުންނާނެ ދެ ވައްތަރެއް. ފަސް އެމްއެލްގެ 100 މިލިގުރާމް ހުންނަ އެއްޗަކާއި ފަސް އެމްއެލްގެ 50 މިލިގުރާމް ހުންނަ އެއްޗެއް. އެހެންވީމަ ރަނގަޅު ކޮންސެންޓްރޭޝަނެއް ދިނުން ރަނގަޅު. އެއީ ފަސް އެމްއެލްގެ ސިރަޕު ދެ ވައްތަރުގެ ފުޅިން ދިނުމާއި ޑްރޮޕް ވައްތަރު ދިނުން މުޅިން ތަފާތުވާނެ. ވަރަށް ބަލައިގެން އެ އޮންނަ ގަޑިއަށް ދިނުން މުހިންމު." އޭނާ ވިދާޅުވިއެވެ.
ޑރ. ފައިސަލް ވިދާޅުވީ ބޮޑު މީހުންވެސް ހުން އައިސްފި ނަމަ ޕެރަސެޓްމޯލް ބޭނުންކުރާނީ ހަ ގަޑިން ހަ ގަޑިން ކަމަށެވެ. އަދި ޑޮކްޓަރުގެ ލަފާ ނެތި އިތުރު ބޭހެއް ބޭނުން ނުކުރުމަށް އިލްތިމާސްކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު