ލިވަޕޫލް މެޗުގެ ކުރިން ސްކޭނެއް ހެދުމަށް މުހައްމަދު ސަލާހް ކިބައިން އެދިފައިވަނިކޮށް، އެކަން ފުރިހަމަނުކޮށް މިސްރުގެ ކޮލިފިކޭޝަން މެޗުގައި އޭނާ ކުޅެފިއެވެ.

ލިވަޕޫލްގެ މިސްރު ތަރި ސަލާހަށް ސީޒަންގެ ފަހު ކޮޅުގައިވަނީ އަނިޔާގެ މައްސަލައަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން އެފްއޭ ކަޕް ފައިނަލުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގައި ސަލާހަށް ކުރިމަތިވި "ގްރޮއިން" އަނިޔާގެ ސަބަބުން އޭނާ މެޗުން ބާލަން ޖެހިފައިވާ އިރު، ޖެހިގެން އައި ހަފުތާގައި ލީގުގައި ސައުތުހޭމްޓަންއާ ދެކޮޅަށް ލިވަޕޫލުން ކުޅުނު މެޗުގައިވެސް ސަލާހު ކުޅެފައެއް ނުވެއެވެ.

އެ އަނިޔާއިން އެއްކޮށް ރަނގަޅު ނުވަނީސް ސަލާހް ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެފައިވާއިރު، މެޗަށްފަހު ސަލާހް ދެން ގޮސްފައިވަނީ ގައުމީ ޓީމުގެ ފަރިތަކުރުންތަކަށެވެ. ގައުމީ ޓީމާއެކު ސަލާހް ދާން ލިވަޕޫލުން ހިތްހަމަނުޖެހުނު ނަމަވެސް، އެކަމަށް މިސްރުން ވަނީ ދެކޮޅު ހަދައިފައެވެ.

ސަލާހް ފޮނުވަން ލިވަޕޫލުން ބޭނުން ނުވީ އަނިޔާގެ އިތުރު ތަފުސީލުތައް ބަލަން ސްކޭން ހަދަން ބޭނުންވާތީއެވެ. އަދި އަނިޔާ ބޮޑުވަރުވިޔަ ނުދިނުމަށް، ހާއްސަ ރައްކާތެރިކަމެއްގެ ގޮތުން މިސްރުން ރޭ ގީނީއާ ދެކޮޅަށް ކުޅުނު އެފްކޯން ކޮލިފިކޭޝަން މެޗުގެ ކުރިއަށް ހާއްސަ ސްކޭނެއް ކުރަންވެސް ލިވަޕޫލުން އެދުނެވެ. ނަމަވެސް އެކަމަށް ސަލާހާއި މިސްރުން އެއްބާރުލުން ދީފައެއް ނުވެއެވެ.

އަންނަ އަހަރު އޮންނަ އެފްކޯންގެ ކޮލިފިކޭޝަންގައި މިސްރުން ކުޅުނު ފުރަތަމަ މެޗުގައި ރޭ ސަލާހް 90 މިނެޓު ކުޅެފައިވާއިރު، އެ މެޗު މިސްރުން ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ. މެޗު ނިމެން ދަނިކޮށް، 87 ވަނަ މިނެޓުގައި މިސްރުގެ ހަމައެކަނި ގޯލު ޖެހީ މުސްތަފާ މުހައްމަދެވެ.

މެޗަށްފަހު މިސްރުގެ ކޯޗު އީހަބް ގަލާލް ބުނީ ސަލާހު ހުރީ އަނިޔާގައި ކަމަށާއި ސަލާހު މެޗު ނިންމާލީ އަނިޔާގައި ހުރެ ކުޅެގެން ކަމަށެވެ. އަދި ރޭގެ މެޗަށްފަހު ސަލާހުގެ ހާއްސަ ސްކޭންތަކެއް ހަދައި، އެކްސްރޭތައްވެސް ނަގާނެ ކަމަށް ބުންޏެވެ.

އެފްކޯގެ ކޮލިފިކޭޝަންގައި މިސްރުން ބުރާސްފަތި ދުވަހުގެ ރޭ އިތިއޯޕިއާއާ ދެކޮޅަށް އިތުރު މެޗަކަށް ނުކުންނަ އިރު، އަންނަ ހަފުތާ އަންގާރު ދުވަހު ދެކުނު ކޮރެއާއާ ދެކޮޅަށްވެސް މެޗެއް ކުޅޭނެއެވެ. ބެލެވޭ ގޮތުގައި އެ ދެ މެޗުގައިވެސް ސަލާހް ނުކުޅޭނެއެވެ.

ޗެމްޕިއަންސް ލީގު ފައިނަލުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ސަލާހް ބުނީ ކުރިއަށް އޮތް ސީޒަނުގައި ޔަގީނުންވެސް ލިވަޕޫލުން ފެންނާނެ ކަމަށެވެ. ލިވަޕޫލާއެކު ސަލާހު ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ޖޫން މަހު ނިޔަލަށް ހަމަވާން އޮތް ނަމަވެސް، އަދިވެސް އޮތީ އެއްބަސްވުން އާކުރުމަށް އަލިމަގެއް ނުފެނިފައެވެ.

ސަލާހް ބޮޑު މުސާރައަކަށް ޑިމާންޑް ކުރަމުން ދިއުމާއެކު ލިވަޕޫލުން ބުނަމުން ދަނީ އެ މުސާރަ ދެވެން ނެތް ކަމަށެވެ. އެހެންކަމުން ސަލާހުގެ ފަރާތުން އަދިވެސް އޮތީ އެއްބަސްވުން އާނުކުރާ ގޮތަކަށެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އެއްބަސްވުން އާނުކުރެވި އަންނަ ސީޒަނުގެ ނިޔަލަށް އޮވެއްޖެ ނަމަ، ޕްރިމިއާ ލީގުގެ ވާދަވެރި ކްލަބަކުން ސަލާހް ފެނުން ގާތެވެ.