ދެ މީހުންނަށްވެސް ސިޔާސީ ޕާޓީ އުފެއްދޭ ގޮތަށް ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެެއް މެންބަރުން ވާހަކަދައްކައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިގޮތަށް ގާނޫނު އިސްލާހުކުރަން ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުލަނގު ދާއިރާގެ މެންބަރު ހަސަލް ލަތީފެވެ.

ހަސަން ލަތީފް ހުށަހަޅުއްވާފައިވަނީ، ވަކި އަދަދެއްގެ މެންބަރުން ހަމަކޮށްގެން ނޫން ގޮތަކަށް ސިޔާސީ ޕާޓީ ރަޖިސްޓްރީ ނުކުރެވޭ ގޮތަށް ގާނޫނުގައި މިހާރު އޮތް ގޮތް ބަދަލުކޮށް ޕާޓީ ރަޖިސްޓްރީކުރުމަށް ވަކި އަދަދެއްގެ މެންބަރުން ތިބެން ނުޖެހޭ ގޮތަށް ހެދުމަށެވެ. ނަމަވެސް އެފަދަ ޕާޓިތަކަށް ދައުލަތުން ފައިސާ ދޭން ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ، ސިޔާސީ ޕާޓީ ހެދުމަކީ ގާނޫނުއަަސާސީން ދީފައިވާ ހައްގެއް ކަމަށާއި ވަކި އަދަދެއް ކަނޑަައަޅައި އެ ހައްގު ހަނިކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ކޮންމެ މީހަކަށްވެސް އެމީހެއްގެ ސިޔާސީ ފިކުރު އާލާ ކުުރުމުގެ ފުރުސަތު އޮންނަންޖެހޭނެ ކަމަށާއި އެގޮތަށް ގާނޫނު އިސްލާހު ކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދޭން މިހާރު އޮންނަ ގޮތް ބަދަލުކުރަންވެސް ހަސަން ލަތީފް ވަނީ ހުށަހަޅުއްވައިފައެވެ.

ހަސަން ލަތީފް ހުށަހަޅުއްވާފައި ވަނީ، ސިޔާސީ ޕާޓީތަކުން ވާދަކުރާ އިންތިހާބުތަކަށް ބަލައި އެ އިންތިހާބުތަކުން ހޯދާ ނަތީޖާއަށާއި ކާމިޔާބުކުރާ ގޮނޑިތަކުގެ އަދަދަށާއި އަދި ވޯޓު ހޯދާ މިންވަރަށް ބަލައި ޕާޓީތަކަށް ފައިސާ ދޭނެ ނިޒާމެއް ގާއިމުކުރުމަށެވެ.

ޕާޓީތަކުގައި މެންބަރުން ތިބި އަދަދަށް ބަލައި ޕާޓީތަކަށް ދައުލަތުން ފައިސާ ދޭ އުސޫލު ހުއްޓާލަންޖެހޭ ކަމަށާއި އެކަން ހުއްޓާލުމަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

މި އިސްލާހުތައް ގާނޫނަށް ގެންނަން ހަސަން ލަތީފް ހުށަހަޅުއްވާފައިވަނީ މީހުންނަށް ނޭނގި ސިޔާސީ ޕާޓީތަކުން މީހުން ބަދަލުކުރާ މައްސަލަ މަޖިލީހަށް ހުށަހަޅައިގެން މިއަދު ބަހުސް ކުރަމުންދާ މައްސަލަ ކޮމިޓީއަކަށް ފޮނުވައިގެން އެކަން ހައްލުކުރުމަށް ގާނޫނަށް ގެންނަ އިސްލާހުގެ ތެރެއިންނެވެ.

މި އިސްލާހުތައް ގާނޫނަށް ގެނައުމަށް، ރައްޔިތުންގެ މަޖިލީހުގެ އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއާއި ހުޅުދޫ ދާިއރާގެ މަޖިލިސް މެންބަރު އިލިޔާސް ލަބީބުގެ އިތުރން ބައެއް އެހެން މެންބަރުންވެސް ވަނީ ތާއީދުކުރައްވައިފައެވެ.