ކަދުރަކީ އިންސާނާގެ ސިއްހަތަށް ނުހަނު ފައިދާހުރި އެއްޗެކެވެ. ކަދުރުގެ ފައިދާ ކިޔައިދީ ކަދުރު ޕްރޮމޯޓް ކުރުމަށްޓަކައި އދ.ގެ ކާނާއާ ބެހޭ ޖަމިއްޔާ އެފްއޭއޯއިން ވަނީ ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ކަދުރު އަހަރެއްވެސް ފާހަގަކޮށްފައެވެ. އެއީ 2017 ވަނަ އަހަރެވެ.

ސައޫދީ އަރަބިޔާއާއި އަރަބި ބައެއް ގައުމުތަކުން މިހާރު އެފްއޭއޯގައި ލޮބީ ކުރަމުންދަނީ ބައިނަލްއަގުވާމީ ކަދުރު ދުވަހެއްވެސް ފާހަގަ ކުރުމަށެވެ. މިކަމާބެހޭ ގޮތުން އަދި ވަކި ގޮތެއް އެފްއޭއޯއަކުން ނުނިންމައެވެ.

ދުނިޔޭގައި އެންމެ ގިނައިން ކަދުރު އުފައްދާ އެއްގައުމަކީ ސައޫދީ އަރަބިޔާއެވެ. ދުނިޔޭގެ 113 ގައުމަކަށް ސައޫދީ އަރަބިޔާއިން ކަދުރު އެކްސްޕޯޓްކުރެއެވެ. ހުސްވި 2021 ވަނަ އަހަރު އެކަނިވެސް ސައޫދީ އަރަބިޔާއިން 1.2 ބިލިޔަން ރިޔާލުގެ ކަދުރު އެކްސްޕޯޓްކޮށްފައިވެއެވެ. އަދި 2016 ވަނަ އަހަރުން ފެށިގެން ސައުދީ އަރަބިޔާގައި ކަދުރު އުފެއްދުންވެސް ދެގުނަ ވަނީ އިތުރުކޮށްފައެވެ.

ދުނިޔޭގެ އެންމެ ބޮޑު ކަދުރު އެކްސްޕޯޓަރުންގެ ތެރޭގައި ސައޫދީ އަރަބިޔާ ހިމެނޭއިރު މުޅި ދުނިޔޭގައިވާ ކަދުރު ރުއްތަކުގެ 27 އިންސައްތަ ހުރީވެސް ސައޫދީ އަރަބިޔާގައެވެ. ފަހަކަށް އައިސް ކަދުރު އިންޑަސްޓްރީ ފުޅާކޮށް ޒަމާނީކުރުމާއެކު ދުނިޔޭގެ ކަދުރުގެ ބާޒާރު ތިޔާގި ކުރުމަށް ސައޫދީ އަރަބިޔާއިން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. ސައޫދީ އަރަބިޔާގެ އިތުރަށް ދެން އެންމެ ގިނައިން ކަދުރު އެކްސްޕޯޓްކުރާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ޓިއުނީޝިޔާ އާއި އީރާނާއި އިޒްރޭލެވެ.